އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ ކާރެއްގައި ތިބި ދެ މީހަކު ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.
ފުލުހުން މިއަދު ވަނީ އެ ދެ މީހުން ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުކޮށްފައެވެ.
އެ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތު ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9772111 އަށް ގުޅައި ހިއްސާކުރަން ވަނީ އެދިފައެވެ.
އެ އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭގައެވެ.
ފުލުހުން ބުނި ގޮތުގައި ވީޑިއޯއިން ފެންނަ ދެ މީހުންނަކީ ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް އެކެއް ކައިރި ރައުންޑް އެބައުޓް ތެރެއިން ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓްވުމަށް ފަހު މަޑުނުކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދާ ބައެކެވެ.
ނަމަވެސް، އަދި މިހާތަނަށް އެ މީހުންނަކީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓުވި ކަޅު ކުލައިގެ ކާރުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި، ފޭސް ދޭއްގެ މަގަކަށް އެ ކާރު ހުއްޓުމަށް ފަހު އޭގެން ފައިބާފައިވަނީ ދެ ފިރިހެނުންނެވެ.
އޭގެ ތެރެއިން އެކަކު ހުރީ ފިޔާތޮށި ކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖިންސެއް ލައިގެންނެވެ. ދެވަނަ މީހާ ހުރީ ހުދުކުލައަކަށްދާ ކަހަލަ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްގައެވެ.