ހަތަރު ކިލޯއަށްވުރެ ގިނަ ޑުރަގާ އެކު މާލެއިން މީހަކު ހައްޔަރުކޮށްފި

ހަތަރު ކިލޯއަށް ވުރެ ޑުރަގާ އެކު މާލެއިން އިއްޔެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ގއ. ނިލަންދޫ / މާޑު، މުޢާވިޔަތު އަޙްމަދު (30އ) ކަމަށެވެ. އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިއްޔެ މި އޮޕަރޭޝަން ހިންގީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑުރަގު އެންފޯސްމަންޓް ގުޅިގެން ހިންގި ކަމަށް ފުލުހުން ބުންޏެވެ. އޮޕަރޭޝަންގެ ތެރެއިން ގަލޮޅުގައި ހުރި ދެ ގެއެއް ބަލައި ފާސްކުރިއެވެ. މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނީ އެ ތަނުން އެއް ގެއިންނެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ. އެހެންވެ، މި މައްސަަލައިގައި އިތުރު ބަޔަކު ޝާމިލުވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެއެވެ. އެކަމަކު، މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް