މީހެއްގެ ގެއެއްގައި އުޅޭ ނިކަމެއްޗެކެވެ. އޭނާ ދަރީންނަށް ކާންދެނީ ގޭދޮށު ފިހާރައިން ލޭންދޭނަށެވެ. އެ ދަރަނި އަރަމުންއަރަމުން ގޮސް ނުކަތާ ވަރުވެއްޖެއެވެ. ބޭރު ފުށުން ކިތަންމެ މިނިވަންވިޔަސް އެ މީހާގެ ކޮންމެ ނިންމުމެއް ގުޅޭނީ ޚުދު އޭނާގެ މަސްލަހަތަށް ވުރެ ފިހާރައިގެ ވެރިޔާއާއެވެ. ގޭ ބޮޑުމީހާއާއެވެ. އެ މީހުންގެ ހެޔޮކަމުގެ ޖަޒާއަކަށެވެ. ދެބަސްވެވޭނެ ގޮތެއް ވެސް ނޯންނާނެއެވެ. އެ މީހުންނާ ނުރުހުންވެގެން، ދަރީންނަށް ކާންދީ، އުނުއޮރިޔާން ނިވާކޮށްދީ، ގެދޮރެއް ދެއްކޭނެ އެންމެ ގޮތެއް ވެސް އެ މީހާއަކަށް ނެތެވެ.
ދިވެހިރާއްޖެއަކީ އެ ނިކަމެތި މީހާއެވެ. މިނިވަން 60ގެ އުފަލުން އެނބުރި ހުއްޓެންޖެހެނީ ދަރަނީގެ ކޮޅިގަނޑަށެވެ.
އުފެއްދުންތެރިކަމުގެ ނިސްބަތުން ދިވެހީންގެ ދަރަނި ހުރީ 130 އިންސައްތަ ފަހަނައަޅައި ގޮސްފައެވެ. ޖުމުލަ 9.4 ބިލިއަން އެމެރިކާ ޑޮލަރުގައެވެ. އެއީ، 144.95 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ ރާއްޖޭގެ ބަޖެޓަކީ ވެސް 56.6 ބިލިއަން ރުފިޔާއެވެ. ދަރަނީގެ ވިލާގަނޑު އެހާ ވެސް ކަޅެވެ. އޭގެ ތެރެއިން ހަތަރު ބިލިއަނެއްހާ ޑޮލަރަކީ ބޭރުގެ ދަރަންޏެވެ. އެންމެ ބޮޑު ބައެއް ޗައިނާއާއި އިންޑިއާއަށެވެ. ދެން ބޭރުގެ ބޭންކްތަކާއި މާލީ އިދާރާތަކަށެވެ.
އެ ބިޔަ ދަރަނިން 600 މިލިއަނެއްހާ ޑޮލަރު، ގާތްގަނޑަކަށް 9.25 ބިލިއަން ރުފިޔާ މި އަހަރު އަނބުރާ ދައްކަން ޖެހެއެވެ. އަންނަ އަހަރު އެ އަދަދު އެއް ބިލިއަން ޑޮލަރު، ނުވަތަ ގާތްގަނޑަކަށް 15.42 ބިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހެއެވެ. މަޝްރޫއުތައް މަޑުޖައްސާލައި، ޑޮލަރުތައް އެމްއެމްއޭގައި ފޮރުވަނީ އެ ކަމަށް އެއްކުރާށެވެ.
އިގުތިސާދާއި މިނިވަންކަން ވަކިނުކުރެވޭނެ
އެކި ގައުމުތަކުގެ މިނިވަންކަން އެކި ވަރެވެ. ރާއްޖެއާ އެކު މި އަހަރު މިނިވަން 60 ފާހަގަކުރާ ސިންގަޕޫރުގެ މިނިވަންކަން ރާއްޖެއަށް ވުރެ ބޮޑެވެ. އެ މީހުން ރަތްރޮނގު މާ ފުޅާވީމައެވެ. އެ މީހުން އެ ރޮނގު ފުޅާވީ މިނިވަންކަމަށް ދުވަސްވެގެންނެއް ނޫނެވެ. ތަފާތަކީ އެ މީހުންގެ އިގުތިސާދު ވަރުގަދަވުމެވެ. އެ މީހުންގެ ދަރަނި ކުޑަވުމެވެ.
ތާރީޚުގެ ފަތްފުށްތައް ނިއުޅާލީމާ އިގުތިސާދާއި މިނިވަންކަން ވަކިނުކުރެވޭނެކަން ސާފުވާނެއެވެ.
ތާރީޚު ދިރާސާކުރައްވާ އަހުމަދު އަލާ ދީދީ ލިޔުއްވާފައިވާ ގޮތުގައި އިނގިރޭސިންގެ އަޅުވެތިކަމަށް ދިއުމުގެ ފަހަތުގައި ވެސް އޭރު ރާއްޖެ އޮތް އިގުތިސާދީ އަނދަވަޅާއި ސިޔާސީ ހަމަނުޖެހުންތަކުގެ ދައުރު ބޮޑެވެ.

ރާއްޖޭގެ މިނިވަން ކަމުގެ އެގްރީމެންޓުގައި ރައީސް ނާސިރު ސޮއިކުރައްވަނީ ---
މީލާދުން 1887 ވަނަ އަހަރު އައިއިރު ދިވެހި އިގުތިސާދު އޮތީ ފުނޑިފައެވެ. ސިޔާސީ ކޯޅުން ވެސް ބޮޑުވެފައެވެ. ބޮޑުންގެ މެދުގައި ކޯޅުން ބޮޑުވެ، ތަހުތުގައި އިންނެވި ރަދުން އައްސުލްތާން އިބްރާހިމް ނޫރައްދީން ތަހުތު ދޫކޮށްލެއްވީއެވެ. ދެން އިސްކުރެވުނީ ސުލްތާން މުޢީނުއްދީނެވެ. ތާރީޚުގައި ކުޑަ ބަންޑާރައިންނެވެ.
އެކަމަކު، އެ ވެރިކަން ގެނައުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނަށް އެ ގޮތް ކަމުނުގޮސް، ގޯސްވެގެން ބޭލި ރަދުން މާ ރަނގަޅު ކަމަށް ފެނުނީއެވެ. އެ ހިސާބުން ރޭގަނޑު މާލޭގެ އެކި ތަންތާ ހުޅުޖަހަން ފެށީއެވެ. އެ ގަޑުބަޑުގެ ތެރެއިން ބޯރާ ވިޔަފާރިވެރިންގެ ފިހާރަތަކުގައި ވެސް ހުޅުޖެހިއެވެ. އެއީ، އިނގިރޭސީންނެވެ. އެ މީހުންގެ ފިހާރަތަކެވެ. މައްސަލަގަނޑު ގައުމަށްވުރެ ބޮޑުވީއެވެ. އިތުރު ބައެއްގެ މަސްލަހަތު ވަނީއެވެ.
އަޑިއަށް ފީނިއިރު އެ ކަމުގެ ފަހަތުގައި ހުންނެވީ އެ ވެރިކަން ގެންނަން އިސްކޮށް އުޅުއްވި އަތިރީގޭ އިބްރާހިމް ދީދީއާއި ވާގިވެރިންނެވެ. އެ ކުށް ސާބިތުވެ، އައްޑުއަތޮޅަށް އަރުވާލީއެވެ. އެހެންވިޔަސް އިނގިރޭސީންނަށްވި ބޮޑު ގެއްލުން ބަލަން އެ ގައުމުން ވަނީއެވެ. އެ ހާދިސާގެ ތެރެއިން ހިމާޔަތުގެ ވާހަކަ ހުށަހެޅިއެވެ. އަމަން ބަލަހައްޓަން ދިވެހީން ނުކުޅެދިފައި އޮތުމުންނެވެ.
އަލާ ދީދީ ލިޔުއްވާފައިވާ ގޮތުން އިގުތިސާދުގައި ވެސް އޭރު އެ ފަދަ ކުޅަދާނަކަމެއް ނެތީއެވެ. އެހެންވެ، އިނގިރޭސި ހިމާޔަތަށް އެދި ފަތްކޮޅެއް ލިޔަން ރަދުންނަށް މަޖުބޫރުވީއެވެ. ރަސްމީކޮށް ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް، ނުވަތަ އަޅުވެތިކަމަށް ދިޔައީ 1887 ވަނަ އަހަރެވެ. މި އަހަރު މި ފާހަގަކުރަނީ މީގެ 60 އަހަރުކުރިން އެ އަޅުވެތިިކަމުން މިންޖުވި އުފާވެރި މުނާސަބެވެ. ގަދަ ހޫނަކުން ފިނި ހިޔަލަކަށް އާދެވުނު ދުވަހުގެ ޒިކުރާއެވެ.
މިނިވަންކަމުގެ ފިޔައިގައި ދަރަނީގެ ބަރު
ޖުލައި 26، 2013 ގައި އޭރު ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ދެއްކެވި ވާހަކަފުޅެެކެވެ. މުވައްޒަފުންނަށް މުސާރަ ދޭށާއި، ތެޔޮ ގަންނާށާއި، ކާނާ ހޯދާށާއި ސަބްސިޑީ ދޭން ގައުމަކުން އެހެން ގައުމެއްގެ އިހުސާންތެރިކަމާއި ހެޔޮކަމަށް ބަރޯސާވާން ޖެހިއްޖެ ނަމަ އެ ގައުމަކަށް މިނިވަންކަމެއް ނުދެމެހެއްޓޭނެއެވެ. އެއީ، ރާއްޖޭގެ ހަގީގަތެވެ.
ބޮޑު ބުލީއަކުން މިނިވަންދުވަހުގެ ޝަރަފުވެރި މެހުމާނަށް އިންޑިއާއިން ކުރި ދަތުރަކީ އޭގެ މިސާލެކެވެ. ގައުމަކާ ޖައްސާލުމުގެ މަފްހޫމަށްވުރެ އެ ގައުމާނުލައި އުޅެވެން ނެތް ވާހަކައެވެ. އިގުތިސާދުގައި އެ ހަކަތަ ނެތް ވާހަކައެވެ. އިތުރު ގައުމަކުން އެހީއެއް ނުލިބި، އެނބުރި ނާށިގަނޑު ހިފައިގެން އިންޑިއާއަށް ކުރަން ޖެހުނު ދަތުރުގެ ވާހަކައެވެ. އެކަމަކު، ގައުމީ ނަޒަރަކުންނެވެ. ސިޔާސީ ގޮތަކުން ނޫނެވެ.
ކުރީ ސަރުކާރުގައި މިނިވަންކަން ގެއްލުވާލި ކަމަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އޭރު ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަމަލުކުރެއްވީ ބޭރުގެ ސަފީރެއްގެ އަމުރުފުޅަށް ކަމަށާއި އެއް ގޮނޑިން އަނެއް ގޮނޑިއަށް ވެސް ވަޑައިގަތީ އިޒުނަފުޅާ އެކު ކަމަށް ވިދާޅުވީ އެ މަނިކުފާނެވެ. ބުލީކުރުމާއި އިންޑިއާ ސިފައިންގެ ވާހަކަ ވެސްއެވެ. އޭރާއި މިހާރުގެ ހާލަތު ބަދަލުވި ގޮތް އެއީ ސިޔާސީ އިބުރަތެކެވެ. ދިރިތިބީންނަށް ފިލާވަޅެކެވެ.
އެއް ރައީސަކު ދެއްކެވި ވާހަކަފުޅެއް ނޫނެވެ. މިދިޔަ މިނިވަން 59ގެ ތަހުނިޔާ ދަންނަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ދެއްކެވީ ވަހީދު ވެސް ދެއްކެވި ވާހަކަފުޅެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި ކޮޅު ނެތް ކޮޅުގެ މިނިވަން ކަމެއް ރާއްޖެއަށް ދެމެހެއްޓޭނީ ބޭރުގެ ދަރަނީން ސަލާމަތްވެ ތިބެގެން،" އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުން މިނިވަންވެ، އަމިއްލަ ގައުމެއްގެ ގޮތުގައި ދިވެހި ދިދަ ވިހުރެން ފެށި މުނާސަބަތުގެ ތަހުނިޔާއާ އެކު، އެ މަނިކުފާނު ވިދާޅުވިއެވެ. މި ނޫނަސް އެކި މުނާސަބުތަކުގައި އެކި ރައީސުން އެކި ބަސްފުޅުތަކުން މި ވާހަކަ އެއް މާނައެއްގައި ދައްކާވަފައި އެބަހުއްޓެވެ.
ދަރަންޏާނުލައި ނޫޅެވޭނެ، ދަސްކުރަންވީ ހެޔޮ ދަރަނި
މިނިވަންކަމަށް 60 އަހަރު ފުރޭއިރު އަދިވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި ސާފު ބޯފެން ވެސް ނުލިބެއެވެ. ގިނަ ފަހަރަށް ޑޮކްޓަރަކަށް ދެއްކެނީ ބަލި ރަނގަޅުވާ ފަހުންނެވެ. ކާއްޓާއި ނާއްޓާ ވެސް ޖެހެނީ ބޭރު ގައުމުތަކުން އިމްޕޯޓުކުރާށެވެ. އިގުތިސާދެކޭ ވެރިރަށުގެ މަގުތަކެކޭ އެއްވަރެވެ. ދުއްވާފައިދާއިރު ރޫޅޭނީ ކޮންއިރަކު ކަމެއް ނޭނގެއެވެ.
ކޮންމެ އަހަރަކު ވެސް ހުށަހަޅައިގެން ފާސްކުރަނީ ދަރަނި ބަޖެޓެކެވެ. މި ވަރުވީ އެ ދަރަނި ބޮޑުވަމުން ބޮޑުވަމުން ގޮހެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2018ގެ ކެމްޕޭނަށް އެ އަހަރުގެ ޖޫން 25 ގައި ތުލުސްދުއަށް ވަޑައިގެން އެ މަނިކުފާނު ދެއްކެވީ އެ ވާހަކަފުޅެވެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ނުލިބޭނެއެވެ. އާމްދަނީ ހޯދެން އޮތް ގޮތަކަށް ހޯދައިގެން ކަންކަން ކުރަން ޖެހެއެވެ. ރައްޔިތުންގެ ޒަރޫރަތު ފުއްދައިދޭން ދަރަނި ނެގުން ނޫން ގޮތެއް ހާލަތު ނުދައްކައެވެ.
"އަޅުގަނޑުގެ ވިސްނުމަކީ، އަދިވެސް އަޅުގަނޑު ދަރަނި އިތުރުކުރާނަން. އަދިވެސް ދަރަނި އިތުރުކުރާނަން. ރައްޔިތުންނަށް ބޭނުންވާ ކަންތައް ކޮށްދޭނަން،" އެ ދުވަހު ޔާމީން ވިދާޅުވިއެވެ.
"ތުލުސްދޫގެ ރައްޔިތުން ގަބޫލުކުރައްވާނަންތޯ، 40 މިލިއަން ރުފިޔާ އަޅުގަނޑުމެންގެ ބަޖެޓުން ހޭދަކުރެވެން ނެތިއްޔާ ލޯނު ނަގައިގެން ނަމަވެސް މި ބަނދަރު ނުހަދާ ދޫކޮށްލަން ތުލުސްދޫގެ ރައްޔިތުން މިއަދު ގަބޫލުކުރައްވާނަންތޯ؟ މިއީ ނޫންތޯ އަޅުގަނޑުމެންގެ ހާލުގެ ދުލުން އެދޭ ކަމަކީ. އަޅުގަނޑުމެންނަށް ގެއްލޭ ދުވަހަކީ އަނބުރާ ހޯދޭނެ ދުވަހެއް ނޫން. ގެއްލޭ އަހަރަކީ، އަޅުގަނޑުމެންގެ އުންމީދުތަކާ ދުރަށް ފައްސާލައިގެންދާ އަހަރެއް،"
އެ ދަރަންޏާ މެދު ކަންބޮޑުވެ ތިއްބަވައިގެން ވެރިކަމަށް 2018 ވަނަ އަހަރު އިންތިޚާބުވި އެމްޑީޕީން ވެސް ނެގީ އިތުރު ދަރަންޏެވެ. ސަބަބަކީ ޔާމީންގެ ވެސް ސަބަބެވެ. ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ލަސްނުކޮށް ކޮށްދިނުމެވެ.
އިންފްރާސްޓްރަކްޗާގެ ގޮތުންނާއި ތަރައްގީއާއި ވިޔަފާރީގެ ވިސްނުމުން ކުރަންޖެހޭ ކަންކަން ހަމައެކަނި ލިބޭ އާމްދަނީއަކަށް ބަރޯސާވެގެން ކުރެވޭނެ ގޮތެއް ރާއްޖޭގައި އަދި ނެތެވެ. އެހެންވެ، ކޮންމެހެން ކުރަންޖެހޭ ކަންކަމަށް ދެކޮޅުޖެހޭ ގޮތެއްގައި ދަރަނި ނެގުމަކީ ނުކޮށް ނުވާނެ ކަމެކެވެ. މައްސަލައަކީ ސިޔާސީ ހަޑި ހާވާށާއި ވައްކަމުގެ ނިޔަތުގައި ގައުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން ދަރަނި ނަގާތީއެވެ.
ދަރަންޏަކީ އޭގެ ޒާތުގައި ގޯސް އެއްޗެއް ނޫނެވެ. މުއްސަނދި ވިޔަފާރިވެރިންނާއި ވެރިކަން ކުރަން އެނގިލައްވާ ވެރިން ތިއްބެވި ގައުމުތަކުގައި ވެސް ދަރަންޏަކީ އެސެޓެކެވެ. ދަރަނި ނަގަނީ އާމްދަނީ ލިބޭ ކަންކަމަށެވެ. ހިސާބު ޖަހައިގެންނެވެ. ދެއްކޭނެ ގޮތަށް ބަލައި ރާވައިގެންނެވެ. ދިވެހި މިނިވަންކަމުގެ ފިޔައިގައި ދަރަނީގެ ބަރު އެލި، މި ގައުމަށް އުދުއްސައިނުގަނެވިގެން އުޅެނީ ހިސާބު ނުޖަހާ ދަރަނި ނެގީމައެވެ. ވެރިންގެ އިހުލާސްތެރިކަން ނެތީމައެވެ. އެކަމަކު، ހަގީގީ މިނިވަންކަމެއް ލިބޭނީ އިގުތިސާދު މިނިވަންވެގެންނެވެ.