ރައްޖޭގެ 60ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ބައެއް ވަގުތުތަކުގައި މާލޭ ސަރަހައްދުގައި ބައެއް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައިވަނީ ބައެއް ވަގުތުތަކުގައި ވެހިކަލް ދުއްވުން މަނާކުރަނީ މިނިވަން ދުވަހުގެ ހަރަކާތްތައް ބާއްވާ ވަގުތު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމާއި، ސެކިއުރިޓީގެ މަސައްކަތަށް ފަސޭހަކުރުމުގެ ގޮތުންކަމަށެވެ.
އެގޮތުން މާދަމާ 13:00އިން 18:00އަށް މާލޭގައި ބައެއް އުޅަނދުފަހަރު ދުއްވުން މަނާވާނެއެވެ. މާދަމާ މި ވަގުތުގައި ދުއްވުން މަނާކުރާ އުޅަނދުތަކަކީ:
- ލުއި ކާގޯ އުޅަނދުތައް
- ވަކި ޚާއްސަ ކަމަކަށް ބޭނުންކުރާ އުޅަނދުތައް
- ބަރު ކާގޯ އުޅަނދުތައް
- މެދު މިންގަނޑެއްގެ ކާގޯ އުޅަނދުތައް
- ޓޯކޮށްފައިވާ އުޅަނދުތައް
މިނިވަން ދުވަސްކަމުގައިވާ ހޮނިހިރުދުވަހު 15:00އިން 18:00އަށް ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދު މާލޭ ސަރަހައްދުގައި ދުއްވުން މަނާވާނެއެވެ.
އަދި ޖެހިގެން އަންނަ އާދިއްތަދުވަހު 18:00 އިން 00:00އަށް ކުރިން ފާހަގަކުރި އުޅަނދުތައް ދުއްވުން މަނާވާނެއެވެ.
މި ވަގުތުތަކުގައި ވެސް ފުލުހުންނާއި ސިފައިން ބޭނުންކުރާ އެއްގަމު އުޅަނދުފަހަރާއި އެމްބިއުލާންސްގެ އިތުރުން މާލޭ ސަރަހައްދުގެ މަގުތަކުގައި ދުއްވާ ބަސްތައް ގަވާއިދުން ދުއްވާނެކަން މި އިއުލާނުގައި ފާހަގަކޮށްފައި ވެއެވެ.
އާންމުގޮތެއްގައި އެކި މުނާސަބަތުތަކާއި މުހިންމު ދުވަސްތަކާ ގުޅުވައި، މާލޭގެ މަގުތަކުގައި ވަކި ވަގުތުތަކެއްގައި އުޅަނދުފަހަރު ދުއްވުން މަނާކުރެއެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ. ބެލެވޭ ގޮތުގައި މޯދީ ރާއްޖެ ވަޑައިގަންނަވާނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މޯދީ ވަޑައިގަންނަވާ އިރު، މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނީ ވެސް މޯދީއެވެ.
އެ މަނިކުފާނުގެ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި އިންޑިއާއާ ގުޅިގެން ކުރިއަށްގެންދާ ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފުތިތާހުކުރަން ވަނީ ހަމަޖެހިފައެވެ.
މިނިވަން ދުވަސް ފާހަގަކުރުމަށް އަސްކަރީ ޕެރޭޑެއް ވެސް ބާއްވަން ހަމަޖެހިފައިވާއިރު، ފުޅަނދުބުރު ވެސް ބާއްވާނެއެވެ.