މިނިވަން 60 ފާހަގަކުރަން ދިރާގުން ސްޓްރީޓް އެގްޒިބިޝަނެއް، ތަރުހީބު ބޮޑު

ދިރާގުން މިނިވަން ދުވަހާ ވިދިގެން ބޭއްވި އެގްޒިބިޝަންގެ ތެރެއިން / ފޮޓޯ: ދިރާގު

ދިވެހިރާއްޖެ މިނިވަންވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދިރާގުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސްޓްރީޓް އެގްޒިބިޝަނެއް ބާއްވައިފިއެވެ.

ދިރާގުން ބުނީ، މި އެގްޒިބިޝަން ބޭއްވީ ރާއްޖެ މިނިވަންވިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުލަވާލާފައިވާ، މި އަހަރުގެ ކަލަންޑަރު "މިނިވަންކަންމަތީ އަބަދަށް"ގެ މައްޗަށް ބިނާކޮށް ކަމަށާއި މި އެގްޒިބިޝަންގައި ދިވެހި ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ކުރެހުން ހިމެނޭ ކަމަށެވެ.

ދިރާގުގެ ބްރޭންޑް އެންޑް އިވެންޓްސް މެނޭޖަރު ނާޔާ ޝަރީފް ވިދާޅުވީ، މިނިވަން ދުވަހުގެ ތާރީޚީ މުނާސަބަތުގައި ރާއްޖޭގެ ސަގާފަތާއި އާދަކާދަ، މި ސްޓްރީޓް އެގްޒިބިޝަން މެދުވެރިކޮށް މުޖުތަމައު އެއް ތަނަކަށް ގެނެސް، ކުލަގަދަކޮށް މިނިވަން ދުވަސް ފާހަގަކޮށް، އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމަކީ ލިބުނު އުފަލެއް ކަމަށެވެ.

މި އެގްޒިބިޝަނަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށް ދިރާގުން ބުންޏެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ބޭއްވި މި އެގްޒިބިޝަން ނުވަ ސަރަހައްދެއްގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް ދިރާގުން ބުންޏެވެ. އެގޮތުން، ހޮނިހިރާއި އާދީއްތަ ދުވަހު ހުޅުމާލެއާއި ފުވައްމުލަކާއި ކުޅުދުއްފުއްޓާއި ތިނަދުއާއި އައްޑޫ ހިތަދު އާއި އދ. ދަނގެއްޗާއި ބ. އޭދަފުށީގައި މި އެގްޒިބިޝަން ބޭއްވިއިރު މާލޭގައި ބޭއްވީ އާދީއްތަ ދުވަހާއި އިއްޔެ ކަމަށް، ދިރާގުން ބުންޏެވެ.

comment ކޮމެންޓް