މިނިވަން ދުވަހުގެ ޕެރޭޑް: ހޮނިހިރު ދުވަހު މާލޭގައި، އާދީއްތަ ދުވަހު ހުޅުމާލޭގައި

މީގެ ކުރިން މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޕެރޭޑް: މިފަހަރު ހޮނިހިރު ދުވަހު މާލޭގަ އަދި އާދީއްތަ ދުވަހު ހުޅުމާލޭގަ ޕެރޭޑު ބާއްވާނެ -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު

ރާއްޖޭގެ 60ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލެއާއި ހުޅުމާލޭގައި ޕެރޭޑު ބާއްވާނެކަން އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.

މި ޕެރޭޑު ބާއްވަން ހަމަޖެހިފައި ވަނީ، ހޮނިހިރު ދުވަހު މާލޭގައި އަދި އާދިއްތަ ދުވަހު ހުޅުމާލޭގައެވެ. މި ދެ ދުވަހު ވެސް ހިނގާލުން ފަށާނީ ހަވީރު 4:15 ގައެވެ.

އެމްއެންޑީއެފުން ބުނީ، ހޮނިހިރު ދުވަހު ޕެރޭޑު ފަށާނީ ޖުމްހޫރީ މައިދާނުގައި ބާއްވާ މާޗް ޕާސްޓާއި ކުޅިވަރު ހަރަކާތްތަކާ އެކު ކަމަށާއި، އާދީއްތަ ދުވަހު ޕެރޭޑު ފަށާނީ ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ޓްރެކުގެ ކުރިމަތިން ކަމަށެވެ.

މާލޭގައި އޮންނަ ޕެރޭޑު ހުއްޓާނެ ސަރަހައްދުތައް:

  • ވެލާނާގެ ކަންމަތިން ފަށައިގެން ދިވެހިބަހުގެ އެކެޑަމީގެ ކުރިމަތި
  • މަޖީދީމަގާއި ޗާންދަނީމަގު ޖަންކްޝަން ސަރަހައްދު
  • މާފަންނު މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި
  • މާފަންނު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމަތި

ހުޅުމާލޭގައި އޮންނަ ޕެރޭޑު ހުއްޓާނެ ސަރަހައްދުތައް:

  • ސިންތެޓިކް ދުވާ ޓްރެކް ކައިރިން ފަށައި، އިރުމަތީ ސަރަހައްދުން ސެންޓްރަލް ޕާކަށް ވަންނަ ފަރާތަތް
  • ސިފްކޯ / ޕޮލްކޯ ފްލެޓުތަކުގެ ހުޅަނގު ފަރާތް

މިނިވަން ދުވަހުގެ ޕެރޭޑުގައި ސިފައިންނާއެކު، ކެޑޭޓުން ވެސް ބައިވެރިވެއެވެ.

މީގެކުރިން މާލޭގައި ބޭއްވި ޕެރޭޑެއްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެމްއެންޑީއެފުން ބުނީ، 60 ވަނަ މިނިވަން ދުވަހުގެ ޕެރޭޑުގައި މިލިޓަރީ ބޭންޑާއެކު ފަސް ގެމައެއް ހިމެނޭނެ ކަމަށާއި، ޕެރޭޑުގެ މެހެތިރަކަށް ހުންނާނީ ސިފައިންގެ އެޖުއަންޓް ޖެނެރަލް، ކާނަލް ހުސައިން އަލީ ކަމަށެވެ.

ނަސްރުގެ ދުވަހާއި މިނިވަން ދުވަސް ފަދަ ގައުމީ ބޮޑެތި މުނާސަބަތުތަކުގައި ސިފައިން ބާއްވާ ޕެރޭޑުތަކަށް އާންމުގޮތެއްގައި ބޮޑު ތަރުހީބެއް އަބަދު ވެސް ލިބެއެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ކުރިއަށް އޮތް ތިން ދުވަހު މާލޭ ސަރަހައްދުގެ މަގުތަކުގައި ބައެއް ވަގުތުތަކުގައި އުޅަނދުފަހަރު ދުއްވުން މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މަނާކޮށްފައެވެ.

https://sun.mv/209011

މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ. ބެލެވޭ ގޮތުގައި މޯދީ ރާއްޖެ ވަޑައިގަންނަވާނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މޯދީ ވަޑައިގަންނަވާ އިރު، މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނީ ވެސް މޯދީއެވެ.

comment ކޮމެންޓް