މާލެއިން ފުރައިގެން ޅ. ނައިފަރަށް ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓި, ހާލުގައި ޖެހުނު 'ލައިފްލައިން' ބޯޓުން ދަތުރުކުރި ނުވަ ކުޑަކުދިންނާއި 16 މީހުން ނައިފަރަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.
ސާޅީސް މީހުންނާ އެކު ނައިފަރަށް ދަތުރުކުރަމުން ދަނިކޮށް ކ. ކާށިދޫގެ އިރުން އިންޖީނު ހުއްޓި ހާލުގައި ޖެހުމުން އެމްއެންޑީއެފަށް ރިޕޯޓުކުރޯ ހެނދުނު 08:15 ހާއިރެވެ. އެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފުން ވަނީ އެ ސަރަހައްދަށް ގޮސް ހާލުގައި ޖެހުނު ބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ހާލުގައި ޖެހުނު ލައިފްލައިން ބޯޓުން ދަތުރުކުރި މީހަކު އެމްއެންޑީއެފުން ކޯސްޓްގާޑުން ނައިފަރަށް ފައިބަނީ: ސަލާމަތް ކުރި އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނޭ ---- ފޮޓޯ/ އެމްއެންޑީއެފް
މިގޮތުން، އޭގައި ތިބި މީހުންގެ ތެރެއިން ނުވަ ކުޑަކުދިންނާއި ބޮޑު ހަ އަންހެނުންނާއި 10 ފިރިހެނުން 13:10 ހާއިރު ނައިފަރަށް ގެންގޮސްދީފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ މީހުން ނައިފަރަށް ގެންގޮސްދިނީ އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ދެ ހާބަކްރާފްޓް ލޯންޗާއި ކޯސްޓްގާޑުގެ ގަލްފްކްރަފްޓް ލޯންޗެއްގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އެ ހުރިހާ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށާއި "ލައިފްލައިން" ބޯޓު، އެހެން އުޅަނދެއްގައި ކަފުޖަހައިގެން ނައިފަރު ބަނދަރަށް ވެއްދުމަށް ދަތުރުކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މޫސުން ގޯސް ދުވަސްވަރަށް ކަނޑުމަތީގެ ހާދިސާތައް ދިމާވެއެވެ. އެގޮތުން، މި ދުވަސްވަރު ކަނޑުތައް ގަދަވާނެތީ ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެމްއެންޑީއެފުން ރޭ ވަނީ އިލްތިމާސްކޮށްފައެވެ.