ސާޅިސް މީހުންނާ އެކު ޅ. ނައިފަރަށް ދަތުރުކުރި ބޯޓެއް އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން މިއަދު އެހީތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، ކ. ކާށިދޫގެ އިރުން 'ލައިފްލައިން' ނަމަކަށް ކިޔާ އެ ބޯޓުގެ އިންޖީނު ހުއްޓުނުކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 08:15 ހާއިރު ކަމަށެވެ.
އެގޮތުން، އެ ބޯޓުގައި ތިބި އަންހެނުންނާއި ކުޑަކުދިން ނައިފަރަށް ގެންގޮސްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެ މީހުން ނައިފަރަށް ގެންގޮސްދިނުމަށް މަސައްކަތް ކުރަނީ އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ދެ ހާބަކްރާފްޓް ލޯންޗާއި ކޯސްޓްގާޑުގެ ގަލްފްކްރަފްޓް ލޯންޗެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މޫސުން ގޯސް ދުވަސްވަރަށް ކަނޑުމަތީގެ ހާދިސާތައް ދިމާވެއެވެ. އެގޮތުން، މި ދުވަސްވަރު ކަނޑުތައް ގަދަވާނެތީ ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެމްއެންޑީއެފުން ރޭ ވަނީ އިލްތިމާސްކޮށްފައެވެ.