ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މާދަމާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުން އަންގައިދެނީ ސިޔާސީ ހަމަނުޖެހުމަށްފަހު ވެސް އިންޑިއާއަކީ ރާއްޖެއަށް ބަރޯސާވެވޭފަދަ ރަހުމަތްތެރިއެއްކަން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނީ ވެސް މޯދީއެވެ.
މޯދީގެ ދަތުރުފުޅާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ސޯލިހު ވިދާޅުވީ، ރާއްޖެއަށް މޯދީ ކުރައްވާ ދަތުރުފުޅުން އަންގައިދެނީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އެކި ދާއިރާތަކުން ދޮންވެ ފައްކާވެފައިވާ މިންވަރު ކަމަށެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުވުމަށް ފަހު މޯދީ ރާއްޖެ ވަޑައިގަތުމުން، އިންޑިއާއިން ދިވެހީންނަށް ކުރާ އިހްތިރާމު ދައްކައިދެއެވެ.
"މިކަމުން އަންގައިދެނީ ސިޔާސީ ނުތަނަވަސްކަމަށް ފަހު ވެސް، އިންޑިއާއަކީ ރާއްޖޭގެ ދުވަސްވީ މުހިންމު ރަހްމަތްތެރިއެއްކަން. ބޮޑުވަޒީރު މޯދީގެ ދަތުރުފުޅަކީ ކާމިޔާބު، އަދި [އެ ދަތުރުފުޅުގެ ސަބަބުން] ރާއްޖެއާއި އިންޑިއާ ގުޅުން އިތުރަށް ވަރުގަދަވާނެ ދަތުރެއް ކަމަށް އުންމީދުކުރަމެވެ." ސޯލިހުގެ ބަޔާނުގައި ވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގެ މާލީ ދަތިތަކާއި ބޮޑެތި ދަރަނިތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ގައުމަށް ދަރަނި އަދާކުރެވި، އިގުތިސާދީ ހަމަޖެހުން ދެމެހެއްޓުމަށް މަގުފަހިވަނީ އިންޑިއާގެ ދީލަތި އެހީގެ ސަބަބުން ކަމާއި، އިންޑިއާއިން އެހީނުވާނަމަ ރާއްޖެ މިހާރު އޮންނާނީ ބަނގުރޫޓުވެފައި ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، މީގެކުރިން ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި އިންޑިއާއާ ގުޅިގެން ކުރިއަށްގެންދާ ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފުތިތާހުކުރަން ވަނީ ހަމަޖެހިފައެވެ. އަދި، ދަތުރުފުޅުގެ ތެރެއިން އެމްޑީޕީގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވާކަން ވަނީ އެނގިފައެވެ.
މި ސަރުކާރުން ވެރިކަމަށް އައީ "އިންޑިއާ އައުޓް" ކެމްޕޭންގެ ތެރެއިންނެވެ. އޭގެ ފަހުން މި ސަރުކާރުގެ ކުރީގެ ތިން ނައިބު ވަޒީރަކު މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުން ދުވަހަކު ގޯސްނުވާ މިންވަރަށް ދެ ގައުމުގެ ގުޅުން ގޯސްވިއެވެ.
ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސް ވެސް ވަނީ ނުސީދާ ގޮތެއްގައި ނަން ވިދާޅުނުވެ، އިންޑިއާއަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން، ރާއްޖެ ކުޑަވުމަކީ ބޮޑު ގައުމަކުން ބުލީކުރަން ލިބޭ ލައިސެންސެއް ނޫން ކަމަށް އެ ދުވަހު އެ މަނިކުފާނު ވިދާޅުވިއެވެ.
އެކަމަކު، ފަހުން އިންޑިއާއާ އެކު އޮތް ގުޅުން ރަނގަޅުކުރަން ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެ ގޮތުން، މިދިޔަ އަހަރުގެ ޖޫން މަހު ތިންވަނަ ދައުރަކަށް މޯދީ ހުވައިކުރެއްވި ރަސްމިއްޔާތަށް ވެސް ރައީސް އިންޑިއާއަށް ވަޑައިގަތެވެ. އޭގެ ފަހުން، އެ މަނިކުފާނު ވަނީ މިދިޔަ އޮކްޓޫބަރު މަހު ފުރަމާނަ ދަތުރުފުޅެއް ވެސް އިންޑިއާއަށް ކުރައްވައިފައެވެ.