ކުރީގެ އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާއިން ހަމަޖައްސައިދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން އެ ސަރުކާރު ނިމުނުއިރު ބާކީ ހުރި 450 މިލިއަން ޑޮލަރު ރައްޔިތުންނަށް ފައިދާވާ ގޮތަށް ބޭނުންކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު މިއަދުގެ ސަރުކާރަށް ގޮވާލައްވައިފިއެވެ.
އެ މަނިކުފާނު އެފަދައިން ގޮވައިލެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މި ވަގުތު ރާއްޖެ ވަޑައިގެން ހުންނަވަނިކޮށެވެ.
'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިޙު ވިދާޅުވީ، 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރު އެ މަނިކުފާނުގެ ސަރުކާރުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާއިން ހަމަޖައްސައިދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން އަދި ބޭނުންނުކޮށް ގާތްގަނޑަކަށް 450 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.
އެއީ މާލޭ ކޮމާޝަލް ޕޯޓް ގުޅީފަޅަށް ބަދަލުކުރުމަށާއި، ކްރިކެޓް ސްޓޭޑިއަމް އެޅުމަށާއި، ލ. ގަމުގައި އަޅަން ނިންމި ކެންސަރު ހޮސްޕިޓަލަށާއި، މިފްކޯ އެކްޕެންޝަން މަސައްކަތަށް އޭރު ކަނޑައަޅައިފައިހުރި ފައިސާ ކަމަށް ޞާލިޙު ވިދާޅުވިއެވެ.
އެހެންކަމުން ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި ދެ ސަރުކާރުގެ ދެމެދުގައި ދެކެވޭ ރަސްމީ ވާހަކަތަކުގައި، އެ ފައިސާ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ބޭނުންކުރެވޭނެ ގޮތެއް ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޞާލިޙު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މޯދީގެ ދަތުރުފުޅުގެ ތެރެއިން އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކުރައްވަން ވަނީ ނިންމަވައިފައެވެ. އެ ގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ވެސް ބައްދަލުކުރައްވަން އެދިވަޑައިގަތެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި ޞާލިޙް ސިއްހީ ކަމެއްގައި ރާއްޖޭން ބޭރުގައި ހުންނެވުމުގެ ސަބަބުން ބައްދަލެއްނުކުރެއްވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުން ރައީސް މުއިއްޒު މަރުހަބާ ވިދާޅުވަނީ: މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނީ މޯދީ -- ފޮޓޯ/ ރައީސް އޮފީސް
މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވެ، އެ ގައުމާ އެކު ވަރަށް ގާތް ގުޅުމެއް އޮތެވެ. އެ ގުޅުމުގެ ތެރެއިން ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުކޮށްފައި ތިބި ކަމަށް ބުނެ އޭރު އިދިކޮޅުގައި ތިއްބެވި މިހާރު މި ސަރުކާރުގެ ވެރިން ވަނީ އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި، 'އިންޑިއާ އައުޓް'ގެ ނަމުގައި ބޮޑު ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ.
އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް އިންޑިއާއާ އެކު ގާތް ގުޅުމެއް އޮތެވެ. އެކަމަކު، ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ބޮޑަށް ބަރޯސާވީ ޗައިނާގެ އެހީއަށެވެ. އޭރު ހިންގި ބޮޑެތި ގިނަ މަޝްރޫއުތައް ހިންގީ ޗައިނާގެ އެހީގައެވެ. މި ސަރުކާރުން ވެސް ފުރަތަމަ ދަތުރުފުޅެއް ކުރެއްވީ ޗައިނާއަށެވެ.
މި ސަރުކާރުން ވެރިކަމަށް އައީ 'އިންޑިއާ އައުޓް' ކެމްޕޭންގެ ތެރެއިންނެވެ. އަދި، އޭގެ ފަހުން މި ސަރުކާރުގެ ތިން ނައިބު ވަޒީރަކު އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުން ދުވަހަކު ގޯސްނުވާ މިންވަރަށް ދެ ގައުމުގެ ގުޅުން ގޯސްވިއެވެ.
ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސް މުއިއްޒު ވެސް ވަނީ ނުސީދާ ގޮތެއްގައި ނަން ވިދާޅުނުވެ، އިންޑިއާއަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން، ރާއްޖެ ކުޑަވުމަކީ ބޮޑު ގައުމަކުން ބުލީކުރަން ލިބޭ ލައިސެންސެއް ނޫން ކަމަށް އެ ދުވަހު އެ މަނިކުފާނު ވިދާޅުވިއެވެ.
އެކަމަކު، ފަހުން އިންޑިއާއާ އެކު އޮތް ގުޅުން ރަނގަޅުކުރަން ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އެ ގޮތުން، މިދިޔަ އަހަރުގެ ޖޫން މަހު ތިންވަނަ ދައުރަކަށް މޯދީ ހުވައިކުރެއްވި ރަސްމިއްޔާތަށް ވެސް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތެވެ. އެ ފަހުން، އެ މަނިކުފާނު ވަނީ އޮކްޓޫބަރު މަހު ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ މާލީ ދަތިތަކާއި ބޮޑެތި ދަރަނިތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ގައުމަށް ދަރަނި އަދާކުރެވި، އިގުތިސާދީ ހަމަޖެހުން ދެމެހެއްޓުމަށް މަގުފަހިވަނީ އިންޑިއާގެ ދީލަތި އެހީގެ ސަބަބުން ކަމަށާއި، އިންޑިއާއިން އެހީނުވާނަމަ މިހާރު އޮންނާނީ ދަރަނި އަދާނުކުރެވިފައި ކަމަށް ކުރީގެ ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިއާގެ އޭއެންއައި ނިއުސްއަށް އިންޓަވިއުއެއް ދެއްވައިފައެވެ.
އަދި އިންޑިއާއަކީ ރާއްޖެއަށް އިޚުލާސްތެރި، ހަގީގީ ރަހުމަތްތެރިއެއްކަން މިއަދުގެ ސަރުކާރުން ގަބޫލުކޮށްފިކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ވިދާޅުވެފައެވެ.