މައިކަލް ޖެކްސަންގެ ފިލްމު އަންނަ އަހަރަށް ފަސްކޮށްފި

ދެހާސް ނުވަވަނަ އަހަރު މަރުވި ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ނެށުންތެރިޔާ މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ބައޮޕިކް ފިލްމު މި އަހަރުން އަންނަ އަހަރަށް ޑިލޭކޮށްފިއެވެ.

މައިކަލް ޖެކްސަންގެ ބައިޔޯޕިކް އެއް އުފެއްދުމަށް މައިކަލް ޖެކްސަން އެސްޓޭޓްއާ އެކު ޑީލެއް ހަދާފައިވަނީ މަޝްހޫރު ޕްރޮޑިއުސަރު ގްރޭހެމް ކިންގްއެވެ. މި ފިލްމު އިއުލާނުކޮށްފައިވަނީ 2019 ވަނަ އަހަރެވެ. އެއަށް ފަހު ފިލްމުގެ ޕްރީ ޕްރޮޑަކްޝަނުން ތަފާތު އެކި މަސައްކަތްތައް ކުރިއަށް ގޮސްފައިވެއެވެ.

އެކި ފަހަރު މަތީން ފިލްމުގެ ސްކްރިޕްޓް އަލުން ލިޔުމަށްފަހު ފިލްމުގެ ޝޫޓިން މަސައްކަތް ފަށާފައިވަނީ މީގެ ދެ އަހަރު ކުރީންނެވެ. އޭރު ފިލްމު ރިލީޒްކުރުމަށްޓަކައި ނިންމާފައިވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

މިހާރު ފިލްމު ރިލީޒްކުރުން ފަސްކޮށްފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 24ގައެވެ.

އަލަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމުގައި މައިކަލް ޖެކްސަންގެ ރޯލުން ފެންނާނީ މައިކަލް ޖެކްސަންގެ ބޭބެއެއްގެ ދަރިއެއް ކަމަށްވާ ޖާފަރު ޖެކްސަންއެވެ. އޭގެ އިތުރުން ފިލްމުގެ އެކި ރޯލުތަކުން ފެނިގެންދާނީ ކޯލްމަން ޑޮމިންގޯއާއި ނިއާ ލޯންގް އާއި މައިލްސް ޓެލާ ފަދަ ހޮލީވުޑްގެ ބޮޑެތި ތަރީންނެވެ.

ލަޔަންސްގޭޓުން ތައްޔާރުކުރާ މި ފިލްމާ ގުޅޭގޮތުން ޕްރޮޑަކްޝަނުން ބުނެފައިވަނީ ފިލްމުގައި މައިކަލްޖެކްސަންގެ ތަފާތު ދިރިއުޅުމާއި "ޕޮޕް ކިން"ގެ ލަގަބާ ހަމައަށް ވާސިލުވުމުގައި ދިމާވި ކަންތައް ވަރަށް ފުނުން ދައްކައިދޭން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން ފިލްމުގައި މައިކަލް ޖެކްސަންގެ ޒާތީ ދިރިއުޅުމުގެ ބައެއް ކަންތައްތަކާއި އެންމެ އައިކޮނިކް ޕާފޯމަންސްތަކާއި މަޝްހޫރުވެގެން ދިޔަ ދަތުރުގެ އެކި ހާދިސާތައް ސްކްރީނަށް ދިރިގެން އަންނާނެ ކަމަށް ލަޔަންސްގޭޓުން ބުނެއެވެ.

ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތްތަކުގައި މައިކަލް ޖެކްސަންގެ މިލްކުގައިވާ ތަކެތި ބަލަހައްޓާ މައިކަލް ޖެކްޗަން އެސްޓޭޓްގެ ދެ ކޯ އެކްސެކިއުޓާސްއިން ކަމުގައިވާ ޖޯން ބްރަންކާއާއި ޖޯން މެކްލައިން ވެސް ހިމެނެއެވެ. މައިކަލް ޖެކްސަން މަރުވި ފަހުން ވޭތުވެދިޔަ 16 އަހަރު މި ދެ މީހުންގެ އިރުޝާދުގެ ދަށުން މައިކަލް ޖެކްސަންގެ މިލްކިއްޔާތަށް 2.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ހޯދިފައެވެ. މައިކަލް ޖެކްސަން ވެފައިވަނީ، މަރުވި ފަހުން މިލްކިއްޔާތަށް އެންމެ ބޮޑު އާމްދާނީ އެއް ލިބުނު ތަރިއަށެވެ.

comment ކޮމެންޓް