ކްރިސް އެވަންސް ބައްޕައަކަށް ވަނީ

އެމެރިކާގެ މަޝްހޫރު އެކްޓަރު ކްރިސް އެވަންސް ބައްޕައަކަށް ވާން އުޅޭކަން ހާމަކޮށްފިއެވެ.

އުމުރުން 43 އަހަރުގެ ކްރިސް އެވަންސް އަކީ ހޮލީވުޑްގެ އެންމެ މަގުބޫލު އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. މާވެލްގެ "ކެޕްޓަން އެމެރިކާ"ގެ ރޯލުން ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި އެވްންސް މީގެ ކުރީން ހޮލީވުޑްގެ ބޭރުންނާއި އެތެރެއިން އެކި މީހުންނާ ގުޅިފައިވާ ކަމަށް ޚަބަރުތައް ފެތުރިފައިވެއެވެ.

ނަމަވެސް މިހާތަނަށް ކައިވެނިކޮށްފައިނުވާ އެވަންސް އެންމެ ފަހުން ކައިވެނި ކޮށްފައިވަނީ 2023 ވަނަ އަހަރުގައެވެ. އޭނާ ކައިވެނި ކޮށްފައިވަނީ ޒުވާން އެކްޓަރު އެލްބާ ބެޕްޓިސްޓާއާއެވެ.

ދެމީހުންގެ ކައިވެންޏަށްފަހު މި ކައިވެންޏާ ގުޅޭގޮތުން މީޑިއާތަކުގައި ވަރަށް ވާހަކަ ނުދެކެވެއެވެ. އަދި ދެމީހުންގެ ގުޅުން ގެންގުޅެނީ މީޑިއާ އާ ވެސް ދުރުގައެވެ.

އެހެންނަމަވެސް ދާދިފަހުން އެލްބާ އިޝާރާތް ކޮށްފައިވާ ގޮތުގައި ދެމީހުން ތިބީ ފުރަތަމަ ދަރިއަކަށް ތައްޔާރުވެގެންނެވެ. އަދި ދެމީހުންގެ ފުރަތަމަ ދަރިއަށް ވަރަށް އުފާވެފައި ތިބި ކަމަށްވެސް އޭނާ ހާމަކޮށްފައިވެއެވެ.

އެހެންނަމަވެސް ދަރިއާ ގުޅޭގޮތުން މާ ގިނަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބޭގޮތުގައި އެލްބާ ވިހަން ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުގައެވެ.

އުމުރުން 28 އަހަރުގެ އެލްބާ އަކީ ނެޓްފްލިކްސް މެދުވެރިކޮށް މަގުބޫލުކަން ހޯދަމުން އަންނަ ޒުވާނެކެވެ. އެގޮތުން އޭނާ އެންމެ ފާހަގަކޮށްލެވޭ އެއް ރޯލަކީ ނެޓްފްލިކްސްގެ ފެންޓަސީ ޑްރާމާ "ވޯރިއާ ނަން"ގެ ލީޑް ރޯލެވެ. ދެމީހުން އެކީގައި އުޅޭ ކަމުގެ ވާހަކަތައް ފުރަތަމަ ފެންމަތިވެފައިވަނީ 2022 ވަނަ އަހަރުގެ އަހަރުގެ ޖެނުއަރީ މަހުގެތެރޭގައެވެ. ދެމީހުންގެ ގުޅުމުގެ ވާހަކަ އެވަންސް ކަށަވަރު ކޮށްދިނީ ޖެހިގެން އައި އަހަރުގައެވެ. އޭރު ދެމީހުންގެ ގުޅުމަށް އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.

comment ކޮމެންޓް