ހޮލީވުޑް ޕޮޕް ކަލްޗާގައި އެންމެ ނުފޫޒު ގަދަ އަދި އެންމެ ގިނަ ދުވަހެއް ވަންދެއް އޭގެ ވާހަކަދެކެވޭ ފިލްމުތަކުގެ ލިސްޓުގައި ހިމެނޭ "ޑެވިލް ވެއާސް ޕްރާޑާ"ގެ ސީކުއެލްގެ ޝޫޓިން ފަށައި ގިނަ މަންޒަރުތައް އާންމުވާން ފަށައިފިއެވެ.
މި މަހުގެ ކުރީކޮޅުގައި ޝޫޓިން ފެށި މި ފިލްމުގެ އޮރިޖިނަލް ކާސްޓުގައި ވެސް ހިމެނެނީ އޭލިސްޓު ތަރީންނެވެ. އޭން ހެތަވޭއިން ފެށިގެން މެރީލް ސްޓްރީޕްއާއި އެމިލީ ބްލަންޓް އަދި ސްޓެންލީ ޓޫޗީ މި ފިލްމުގެ އޮރިޖިނަލް ކާސްޓުގައި ހިމެނެއެވެ.
ނަމަވެސް، ފިލްމަށް އިތުރު ކާސްޓުން ގެންނާނެ ކަމަށް ޕްރޮޑަކްޝަނުން ކުރީން ބުނެއެވެ. އަލަށް އާންމުވަމުން އަންނަ މަންޒަރުތަކުން އިތުރު ކާސްޓުގައި ވެސް ހިމެނެނީ ބޮޑެތި ތަރީންކަން އެނގެމުން އެބަދެއެވެ. އޭގެ ތެރޭގައި ލަވަކިޔުންތެރިޔާ ލޭޑީ ގާގާއާއި އެޑެލް އަދި އެކްޓަރުން އެމާ ރޮބާޓްސް އާއި ފްލޮރެންސް ޕިއޫ ސިމޯން އޭޝްލީ އަދި ބެލާ ހަދީދު ހިމެނެއެވެ. މީގެ އިތުރުން ވެސް ބޮޑެތި އިތުރު ތަރީން މި ފިލްމުން ފެނިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބޭގޮތުގައި ހޮލީވުޑް އައިކަން ބްރިޓްނީ ސްޕިއާސް ވެސް މި ފިލްމުގެ މަންޒަރަކުން ފެންނާނެއެވެ. ބްރިޓީ ސްކްރީންގެ ކުރިމަތީން ނުފެންނަތާ އެތައް އަހަރުތަކެއް ވެއްޖެއެވެ.
ޕްރޮޑަކްޝަނުން ހާމަކޮށްފައިވާ ގޮތުގައި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ސިނަމާއަށެވެ.
މި ފިލްމުގައި ފެންނާނީ ފުރަތަމަ ފިލްމަށް ފަހު ކަންތައް ވާގޮތެވެ. އެ ގޮތުން, އެސިސްޓެންޓެއްގެ ރޯލުން ފެންނަ އެމިލީ ބްލަންޓްގެ ކެރެކްޓާ މި ފިލްމުގައި ފެންނާނީ ކާމިޔާބު ގިނަ ވިޔަފާރިތަކެއްގެ ވެރިއެއްގެ ގޮތުގައެވެ. އަދި, އެއާ ޚިލާފަށް އެންމެ ނުފޫޒު ގަދަ ކެރެކްޓަރު (މެރީލް ސްޓްރީޕް ކުޅެފައިވާ ރޯލު) ފެންނާނީ ބަނގުރޫޓުވެ އާ ދިރިއުޅުމެއް ފެށުމަށް މަސައްކަތްކުރާ ތަނެވެ.
ދެ މީހުން އެކުގައި މަސައްކަތް ކުރަންޖެހޭ ގޮތް އާ ފިލްމުން ފެންނާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ. އެއާ އެކު މި ފިލްމުގައި މެރީލްއާއި އެމިލީ ލީޑުން ފެންނާނެއެވެ.