ތައިލެންޑާއި ކެމްބޯޑިއާގެ ސިފައިން އެ ގައުމުތަކުގެ ބޯޑަރުގައި ކުރިއަށްގެންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 14 މީހުން މަރުވެފައިވާއިރު، ހަމަލާތައް އަދިވެސް ހުއްޓައެއްނުލައެވެ.
މަރުވި މީހުންގެ ތެރެއިން 13 މީހުންނަކީ ތައިލޭންޑު މީހުންނެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ)އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު ފަތިހުން ފެށިގެން ހަމަލާތަކުގެ އަޑު ދަނީ އިވެމުންނެވެ.
ދެ ގައުމުގެ ދެމެދުގެ ކުރިމަތިލުންތައް އިއްޔެ ފަށާފައިވަނީ، ގިނަ ދުވަސްތަކެއް ވަންދެން އޮތް ބިމުގެ މިލްކުވެރިކަމާމެދު ސުވާލު އުފެދި އަރާރުން ބޮޑުވެފައިވައި އޮންނަތާ، ދުވަސްގަނޑަކަށް ފަހުއެވެ.
ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ އިރުމަތިން ގާތްގަނޑަކަށް 360 ކިލޯމީޓަރު ދުރުގައި އޮންނަ ކެމްބޯޑިޔާއާއި ތައިލެންޑްގެ ސަރަހައްދީ ރޮނގު ކައިރީގައި ހުންނަޓާ މޯއަން ތޮމް ފައްޅި ހިމެނޭ ސަރަހައްދުގައި އިއްޔެ ފެށި ހަމަނުޖެހުންތަކުގެ ޒިންމާ އެއް ގައުމު އަނެއް ގައުމުގެ ބޮލުގައި ވަނީ އަޅުވާފައެވެ.
ތައިލެންޑްގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ސުރަސަންޓް ކޮންގްސީރީ ވިދާޅުވި ގޮތުގައި ބުރާސްފަތި ދުވަހު ހަ ސަރަހައްދެއްގައި ހިންގަން ފެށީ ބޯޑަރު ކައިރީގައި އޮންނަ ލޭންޑް މައިނެއް ގޮވައި ތައިލެންޑް ސިފައިންގެ ފަސް މީހަކު ޒަހަމްވިތާ އެއް ދުވަސް ފަހުންނެވެ.

ހަމަނުޖެހުންތަކުގެ ސަބަބުން ބޯޑަރު ސަރަހައްދުގައި ދިރުއުޅޭ ތައިލެންޑްގެ އާންމުން ވަގުތީ ހިޔާތަކުގައި.ފޮޓޯ/ރޮއިޓާސް
އެ ހާދިސާއާ ގުޅިގެން ބެންކޮކުން ވަނީ ކެމްބޯޑިއާގައި ހުންނަ ތައިލޭންޑުގެ ސަފީރު އަނބުރާ ގެންގޮސް ތައިލެންޑުންގައި ހުންނަ ކެމްބޯޑިއާ ސަފީރު ފޮނުވާލާފައެވެ.
އޭގެ ފަހުން ކެމްބޯޑިއާ އިން ތައިލެންޑަށް ރޮކެޓު ހަމަލާދިނުމުން، ތައިލެންޑްގެ އަސްކަރިއްޔާއިން ވަނީ ޖެޓުތަކުގައި ގޮސް ކެމްބޯޑިއާގެ އަސްކަރީ މަގާމުތަކަށް ވައިގެ ހަމަލާތައް ދީފައެވެ.
އެ ހަމަލާތަކުގެ ސަބަބުން މަރުވި 14 މީހުންގެ އިތުރުން އެތައް ބަޔަކު ވަނީ ޒަޚަމުވެފައެވެ. ގިނަ މީހުން މަރުވެފައިވަނީ ސިސަކެޓް ޕްރޮވިންސްގެ ގޭސް ސްޓޭޝަނެއް ކައިރިއަށް އަމާޒުވި ރޮކެޓް ހަމަލާއެއްގައި ކަމަށް ތައިލެންޑުގެ ޕަބްލިކް ހެލްތް މިސްޓްރީން ބުނެއެވެ.
ބޯޑަރު ކައިރީގައި ހުރި ސަރަހައްދުތަކުން 4،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.
ދެ ގައުމުގެ މެދުގައި މައްސަލަ ބޮޑުވެފައި އޮންނަނީ ލާއޯސްއާ އެކު ބޯޑަރުން ގުޅޭ ހިސާބުގައި އޮންނަ އެމަރަލްޑް ޓްރައިއެންގަލް ނަމަކަށް ކިޔާ ސަރަހައްދަކާ މެދުގައެވެ. އެއީ ކުރީ ޒަމާނުގެ ފައްޅިތަކާއި އާސާރީ ތަންތަން ގިނަ ހިސާބެކެވެ.