ތާރާއާއި ވީރުގެ ގުޅުން ރަސްމީކޮށްފި

ތާރާ އަދި ވީރު ލެކްމޭ ފެޝަން ޝޯގައި--ފޮޓޯ/ފިލްމުފެއަ

ބޮލީވުޑްގެ ޒުވާން ދެ ފިލްމީ ތަރިން ކަމަށްވާ ތާރާ ސުތާރިއާއާއި ވީރު ޕަހަރިޔާ އަކީ މިހާރު ލޯބިވެރިންކަން ދެ ތަރިންގެ ސޯޝަލް މީޑިއާގައި ރަސްމީކޮށް ހާމަކޮށްފިއެވެ.

ފިލްމު "ސްޓޫޑެންޓް އޮފް އިއާ 2"އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ ދާދިފަހުން ކުޅެފައިވާ ޕަންޖާބު މިއުޒީޝަން އޭޕީ ދިލޮންގެ މިއުޒިކް ވީޑިއޯ ރިލީޒްކުރުމާ އެކު ސޯޝަލް މީޑިއާގައި ވީރު ޕަހަރިޔާ ބުނެފައިވަނީ ތާރާއަކީ އޭނާގެ މީހެއް ކަމަށެވެ.

ފިލްމު "ސްކައި ފޯސް"އިން ފިލްމު އިންޑަސްޓްރީގެ ދަތުރު ފެށި ވީރާއި ތާރާގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދިފައިވާކަމަށް މީޑިއާތަކުން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ. އެއީ ދެ ތަރިން އެކީގައި ފެނުނު ލެކްމޭ ފެޝަން ޝޯއަށް ފަހެވެ. އޭގެ ފަހުން ދެ މީހުން އެކީގައި މުމްބާއީގެ ރެސްޓޯރެންޓުތަކުން ނުކުންނަ މަންޒަރު ވެސް މީޑިއާ ރިޕޯޓަރުންނަށް ވަނީ ފެނިފައެވެ.

ތާރާ އާއި ވީރު ދާދިފަހުން އެކީގައި މުމްބާއީގެ އެއާޕޯޓުގައި--ފޮޓޯ/ފިލްމުފެއަ

ތާރާއާއި ކުރީގެ ލޯބިވެރިޔާ އާދަރު ޖެއިންއާ އެކު ލޯބީގެ ގުޅުން ނިމުމަކަށް ގެނައުމަށް ފަހު ބަތަލާ އިވެންޓުތަކުން ވެސް ފެނިފައިވަނީ އެކަންޏެވެ. ފިލްމު އިންޑަސްޓްރީގައި އުޖާލާ ކުރިމަގެއް އޮތް ޒުވާން ފިލްމީ ތަރިން ކަމަށްވާ ތާރާއާއި ވީރު އެކީގައި މުމްބާއީގެ އެއާޕޯޓަށް ފުރަން ގޮސް ތިބި މަންޒަރާ އެކު ދެ ތަރިންގެ މެދުގައި އޮތް ލޯބީގެ ގުޅުން ސިއްރުކުރަން ބޭނުންނުވާކަން ހާމަވެއްޖެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވީރް ޕަހަރިޔާއާއި ބަތަލާ ސާރާ އަލީ ޚާނާ ދެމެދު ލޯބީގެ ގުޅުމެއް އޮތް ކަމަށް ވެސް މީގެ ކުރިން މީޑިއާތަކުން ވަނީ ބުނެފައެވެ. މީގެ އަހަރުތަކެއް ކުރިން އުފެދުނު ލޯބީގެ އެ ގުޅުން ސާރާ ނިމުމަކަށް ގެނައިކަން ބަތަލާ ބައިވެރިވި ކޮފީ ވިތު ކަރަންގެ ޓޯކް ޝޯގައި ވަނީ އެއްބަސްވެފައެވެ.

ވީރުގެ ކޮއްކޮ ޝިކަރު ޕަހަރިޔާއާއި ބޮލީވުޑްގެ ބަތަލާ ޖާންވީ ކަޕޫރު ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު ދެ މީހުން އެކީގައި ވަރަށް ގިނަ ހަފްލާތަކުން ވަނީ ފެނިފައެވެ.

comment ކޮމެންޓް