ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ލަންކާގެ ރައީސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28ވާ އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން މި މަހުގެ 30ވާ އަންނަ ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ސްރީލަންކާއާ ދެ ގައުމުގެ ދެމެދުގައި ދެފަރާތަށް ފައިދާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމަށް ރަސްމީ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ދިވެހިރާއްޖެއިން ސްރީލަންކާއާ ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އެހެންކަމުން މި އަހަރަކީ ދެ ގައުމުގެ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް، ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅެއްގައި ލަންކާގެ ރައީސް ޑިސަނަޔަކަގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވެވިއެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސްރީލަންކާއާ ދެ ގައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައިވަނީ މަޝްވަރާކުރައްވައިފައެވެ. އަދި، އިތުރަށް ގުޅުން ބަދަހިކުރުމަށް އިތުރު މަގުތައް ހޯއްދަވައިދެއްވުމަށް ދިވެހި ސަރުކާރުން ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރަކީ ރާއްޖެއާއި އިންޑިއާއާ ދެ ގައުމުގެ ގުޅުމަށް ވެސް 60 އަހަރުފުރޭ އަހަރުކަމުން، މިވަގުތު އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުންނެވީ ރައީސް މުއިއްޒުގެ ދައުވަތަކަށް، ރާއްޖޭގައެވެ. އެ މަނިކުފާނު ރާއްޖެ މިއަދު ހެނދުނު ވަޑައިގަތުމާ އެކު މަރުހަބާ ދެންނެވީ ރައީސް މުއިއްޒެވެ.