މަސްވެރިކަން ކުރިއަރުވަން އިންޑިއާގެ އެހީ ބޮޑު، އެކުގައި ކުރިއަށްދާތީ އުފާކުރަން: ޝިޔާމް

ޕީޕީއެމް ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމް: މިއަދު ވިދާޅުވީ މަސްވެރި ސިނާއަތް ކުރިއެރުމުގައި އިންޑިއާގެ އެހީ ބޮޑު ކަމަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި މަސްވެރި ސިނާއަތް ކުރިއެރުވުމުގައި ގުޅިގެން އިންޑިއާގެ އެހީތެރިކަމާއި ދައުރު ބޮޑު ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި މަސްވެރިކަމުން އިގުތިސާދު ފުޅާކުރުމަށް އިންޑިއާއާ އެކު މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ހެނދުނު ރާއްޖެ ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވެ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ، އިންޑިއާގެ ދީލަތި މާލީ އެހީތެރިކަމާ އެކު، ރާއްޖޭގެ މަސްވެރިންންނަށް ގިނަ ފުރުސަތުތައް ތަނަވަސްވާ ކަމަށާއި މަސްވެރި ސިނާއަތް ކުރިއަރައިދާ ކަމަށެވެ.

އެގޮތުން، ދިވެހި މަސް ޕްރޮސެސްކުރުމުގެ ވަސީލަތްތައް ގާއިމުކުރުމާއި، ރަށްރަށުގައި އައިސްޕްލާންޓާއި ކޯލްޑް ސްޓޯރޭޖް އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާ އެކު މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ތާރީޚީ ގޮތުން ވެސް އިންޑިއާއަކީ އިތުބާރުހުރި ބައިވެރިއެއް ކަމަށް ޝީޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމުތަކުގެ މެދުގައި ހަރުދަނާ އަދި އިހުތިރާމު ލިބިގެންވާ ގުޅުންތައް ދަމަހައްޓައި، އެ ގުޅުންތައް ބިނާވެގެން ދާނީ އިޚުލާސްތެރި އެއްބާރުލުން ދިނުމުގެ މައްޗަށް ކަމަށެވެ. އެގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން މި ސަރުކާރަކީ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ހުރިހާ ގައުމުތަކަކާ ވެސް ގުޅިގެން މަސައްކަތްކުރާ ޚާރިޖީ ސިޔާސަތަކަށް އިސްކަންދޭ ސަރުކާރެއް ކަމަށެވެ.

ޝިޔާމް ވަނީ ދެމެހެއްޓެނިވި އަދި ހަރުދަނާ މަސްވެރި އިގުތިސާދެއް ގާއިމުކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކޮށް، އެކަމާ މެދު ޝައުޤުވެރިވެވަޑައިގަންނަވާތީ ބޮޑުވަޒީރު މޯދީއަށް ޝުކުރު ދަންނަވައިފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުން ރައީސް މުއިއްޒު މަރުހަބާ ވިދާޅުވަނީ: މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނީ މޯދީ -- ފޮޓޯ/ ރައީސް އޮފީސް

މީގެ ކުރިން އިދިކޮޅުގައި ހުންނެވިއިރު ޝިޔާމް ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން، މޯދީއާއި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ކުޑައިމީސްވާ ގޮތަށް ޕޯޑިއެމެއްގައި ދެއްކެވި ވާހަކަފުޅެއް މިހާރު ވެސް އަންނަނީ ވައިރަލްވަމުންނެވެ.

މިއަދު ހެނދުނު 9:15 އެހާކަންހާއިރު މޯދީ ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން އެ މަނިކުފާނަށް ރަތްދޫލައިގެ މަރުހަބާ ދެންނެވީ ރައީސް މުއިއްޒެވެ. އެ މަނިކުފާނުގެ އަރިހުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ހިމެނޭހެން ސަރުކާރުގެ ގިނަ އަދަދެއްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ވެރިކަމަށް އައީ 'އިންޑިއާ އައުޓް' ކެމްޕޭންގެ ތެރެއިންނެވެ. ޝިޔާމަކީ އޭރު އިންޑިއާ ކެމްޕެއިން ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ. އިންޑިއާއާއެކު އޭރު އޮތް އެމްޑީޕީގެ ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކަށް ފާޑުވިދާޅުވެ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލައި، އިންޑިއާއަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅާއެވެ.

ޝިޔާމް ހިމެނޭގޮތަށް އައި މި ސަރުކާރުން ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސް މުއިއްޒު ވެސް ވަނީ ނުސީދާ ގޮތެއްގައި ނަން ވިދާޅުނުވެ، އިންޑިއާއަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން، ރާއްޖެ ކުޑަވުމަކީ ބޮޑު ގައުމަކުން ބުލީކުރަން ލިބޭ ލައިސެންސެއް ނޫން ކަމަށް އެ ދުވަހު އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ތިން ނައިބު ވަޒީރަކު އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުން ދުވަހަކު ގޯސްނުވާ މިންވަރަށް ދެ ގައުމުގެ ގުޅުން ގޯސްވިއެވެ.

ނަމަވެސް، ފަހުން އިންޑިއާއާ އެކު އޮތް ގުޅުން ރަނގަޅުކުރަން ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އެ ގޮތުން، މިދިޔަ އަހަރުގެ ޖޫން މަހު ތިންވަނަ ދައުރަކަށް މޯދީ ހުވައިކުރެއްވި ރަސްމިއްޔާތަށް ވެސް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތެވެ. އެ ފަހުން، އެ މަނިކުފާނު ވަނީ އޮކްޓޫބަރު މަހު ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވައިފައެވެ.

comment ކޮމެންޓް