އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 565 މިލިއަން އެމެރިކާ ޑޮލަރުގެ އާ ކްރެޑިޓް ލައިން އެއްބަސްވުމެއް ހިމެނޭހެން އިންޑިއާ ސަރުކާރާ އެކު ރާއްޖޭން އަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އިންޑިއާ ސަރުކާރާ އެކު އަށް އެއްބަސްވުމެއްގައި ސޮއިކޮށް އެއްބަސްވުން ބަދަލުކުރުން އޮތީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު އޮތް ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން އެއްބަސްވުންތައް ބަދަލުކޮށްދެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރެވެ.
މިގޮތުން ދެ ގައުމުގެ ދެމެދުގައި ބަދަލުކުރި އެއްބަސްވުންތަކަކީ:
- ފްރީ ޓްރޭޑް އެއްބަސްވުން (އެފްޓީއޭ)އާ ގުޅޭގޮތުން މަޝްވަރާކުރުމާ ބެހޭ އެއްބަސްވުން
- ރާއްޖޭގެ އުމްރާނީ ތަރައްގީއަށް އަމްބްރެއްލާ ލައިން އޮފް ކްރެޑިޓްގެ ދަށުން އިންޑިއާގެ އެކްސިމް ބޭންކުން ދޫކުރާ 565 މިލިއަން ޑޮލަރުގެ އެއްބަސްވުން
- ފަސްޓް އެމެންޑެޓަރީ ޑޮލާ ކްރެޑިޓް ލައިން އެމްއޯޔޫ
- މަސްވެރިކަމުގެ ދާއިރާއިން ވެވޭ އެއްބަސްވުން އިތުރުކޮށް، ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމާ ގުޅޭ އެއްބަސްވުން
- އިންޑިއާގެ ފާމަކޯޕިއާ ކޮމިޝަނުން ގަބޫލުކުރާ ރަނގަޅު ފެންވަރުގެ ބޭސް އެތެރެކުރުމާ ބެހޭ އެއްބަސްވުން
- މޫސުމާއި ތިމާވެށި ގުޅިގެން މޮނިޓާކުރުމާ ގުޅޭ އެއްބަސްވުން
- ޑިޖިޓަލް ތަރައްގީއާއި ޑިޖިޓަލް އިނޮވޭޝަނާ ގުޅޭ އެއްބަސްވުން
- އެމްޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް ނެޓްވޯކް ޓު ނެޓްވޯކް ކްރޮސްބޯޑާ ރިފަރެންސް
ފުރަމާނަ ދަތުރުފުޅެއްގައި ރައީސްގެ ދައުވަތަކަށް މޯދީ ވަޑައިގަތީ މިއަދު ހެނދުނު 9:15 އެހާކަންހާއިރެވެ. އެއަށް ފަހު މެންދުރުފަހު 2:45 ހާއިރު ރަސްމީ ފާލަން ސަރަހައްދުގައި އެ މަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދަންނަވައި 21 ބަޑީގެ ސަލާމެއް އަރުވާފައިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން: މިއީ ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއް -- ފޮޓޯ/ ރައީސް އޮފީސް
މޯދީގެ މި ދަތުރުފުގެ ތެރެއިން މިއަދާއި މާދަމާ ގިނަ ހަރަކާތްތަކެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. އެ ގޮތުން، މާދަމާ ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ވެސް ޝަރަފުވެރިކޮށްދެއްވާނީ މޯދީއެވެ. މި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒާ އެކު ބާއްވަވައި މަޝްވަރާތަކުގެ ތެރެެއިން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރަން އުންމީދުކުރައްވާ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ވެރިކަމަށް އައީ 'އިންޑިއާ އައުޓް' ކެމްޕޭންގެ ތެރެއިންނެވެ. ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސް މުއިއްޒު ވެސް ވަނީ ނުސީދާ ގޮތެއްގައި ނަން ވިދާޅުނުވެ، އިންޑިއާއަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން، ރާއްޖެ ކުޑަވުމަކީ ބޮޑު ގައުމަކުން ބުލީކުރަން ލިބޭ ލައިސެންސެއް ނޫން ކަމަށް އެ ދުވަހު އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ތިން ނައިބު ވަޒީރަކު އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުން ދުވަހަކު ގޯސްނުވާ މިންވަރަށް ދެ ގައުމުގެ ގުޅުން ގޯސްވިއެވެ.
ނަމަވެސް، ފަހުން އިންޑިއާއާ އެކު އޮތް ގުޅުން ރަނގަޅުކުރަން ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އެ ގޮތުން، މިދިޔަ އަހަރުގެ ޖޫން މަހު ތިންވަނަ ދައުރަކަށް މޯދީ ހުވައިކުރެއްވި ރަސްމިއްޔާތަށް ވެސް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތެވެ. އެ ފަހުން، އެ މަނިކުފާނު ވަނީ އޮކްޓޯބަރު މަހު ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވައިފައެވެ.