އިންޑިއާއިން ދިވެހި ސިފައިންނަށް 72 ބަރު އުޅަނދު ހަދިޔާކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ސިފައިންގެ ޚިދުމަތުގެ ގާބިލުކަން އިތުރުކުރުމަށް، އިންޑިއާގެ ފަރާތުން ސިފައިންނަށް 72 ބަރު އުޅަނދު ހަދިޔާކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އުޅަނދުފަހަރުތައް ހަވާލުކުރިކަމުގެ ރަމްޒީ ތަޅުދަނޑި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަވާލުކޮށްދެއްވީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.

އިންޑިއާއިން ބުނީ، އެ ގައުމުގެ ފަރާތުން ހަވާލުކުރި 72 އުޅަނދުފަހަރުން ރަމްޒުކޮށްދެނީ ދެ ގައުމުގެ ދެމެދުގައި ވަރުގަދަވަމުންދާ ގުޅުމާއި، މޯދީ އާއި ރައީސްގެ ޒައާމަތުގައި އާ ކުރެވުނު އިތުބާރާއި އެއްބާރުލުން ކަމަށެވެ.

މި އުޅަނދުފަހަރުގެ ސަބަބުން ސިފައިންގެ ގާބިލިއްޔަތުކަން އިތުރުވާނެ ކަމަށް، އިންޑިއާއިން ބުންޏެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން ދިވެހި ސިފައިންނަށް ހަދިޔާކުރި އުޅަނދުފަހަރާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންހެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި އަހަރުގެ ކުރީކޮޅު ޣައްސާން އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން ހަދިޔާކޮށްފައިވަނީ:

  • 27 ސީޓުގެ އަށް ބަސް
  • 10 ޕިކަޕު
  • 10 މިނީވޭން
  • 10 ވޭން
  • ފަސް ލޮރީ
  • އަށް ޓްރެކްޓަރު
  • ކުނި އުކާ ހަތަރު ޕިކަޕު
  • ދެކޮޅުން ކޮންނަ ހަތަރު ހައިމާކު
  • ދެ ހައިމާކު
  • ކުދި ހަ އެކްސްކެވޭޓަރު
  • ފަސް އެކްސްކެވޭޓަރު

ފާހަގަކުރެވޭ ގޮތުގައި، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 565 މިލިއަން އެމެރިކާ ޑޮލަރުގެ އާ ކްރެޑިޓް ލައިން އެއްބަސްވުމެއް ހިމެނޭހެން އިންޑިއާ ސަރުކާރާ އެކު ރާއްޖޭން އަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށް އެ އެއްބަސްވުންތައް ބަދަލުކޮށްފައިވެއެވެ.

https://sun.mv/209043

ރައީސްގެ ދައުވަތަކަށް މިއަދު ރާއްޖެ ވަޑައިގެންފައިވާ މޯދީގެ މި ދަތުރުފުގެ ތެރެއިން މިއަދާއި މާދަމާ ގިނަ ހަރަކާތްތަކެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. އެ ގޮތުން، މާދަމާ ފާހަގަކުރާ ރާއްޖޭގެ 60ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ވެސް ޝަރަފުވެރިކޮށްދެއްވާނީ މޯދީއެވެ. މި ދަތުރުފުޅުގެ ތެރެއިން ރައީސާ އެކު ބޭއްވެވި މަޝްވަރާތަކުގެ ތެރެެއިން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރަން އުންމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް ވަނީ ސިފައިންގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރައްވާކަމަށް ވިދާޅުވެފައެވެ. އެގޮތުން، ސިފައިންގެ ޚިދުމަތަށް ބޭނުންވާ އުޅަނދުފަހަރު އިތުރުކުރައްވާނެ ކަމަށް އޭރު އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް