އާ ޓާމިނަލަށް ޒަމާނީ ބަދަލެއް ގެންނެވީ ކުރީގެ ރައީސް ޞާލިހް، ޝުކުރު ހައްގު: ފައިސަލް

ފައިސަލް ވިދާޅުވީ އާ ޓާމިނަލްގެ ބޮޑު ޝުކުރެއް ހައްގީ ސޯލިހަށް ކަމަށް --

މާދަމާ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވާއިރު، އެ މަސައްކަތުގައި އެންމެ ބޮޑު ޝުކުރެއް ހައްގީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ކަމަށް، އެ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެއެވެ.

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި 2016ވަނަ އަހަރުއެވެ. އޭގެ ފަހުން ޓާމިނަލްގެ ޑިޒައިނަށް ބޮޑެތި ބަދަލުތައް ގެނެސް ޞާލިހުގެ ވެރިކަމުގައި ވަނީ އެ ތަނުގެ ބޮޑުބައެއް ނިންމައިފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ބާކީ މަސައްކަތްތައް ނިންމާލައި އާ ޓާމިނަލް ހުޅުވުމަށް ވަނީ ތައްޔާރުވެފައެވެ.

މިކަމާ ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ، ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވައި ބޭނުންކުރަން ފެށުމުން އިގްތިސޯދީ ގޮތުން ރާއްޖެ ދެކޭނީ އުފާވެރި ދުވަސްތަކެއް ކަމަށާއި، ރާއްޖޭގެ އިގްތިސޯދުގެ މައި އެއް ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރާނެ ކަމަށެވެ.

ފައިސަލް ވިދާޅުވިގޮތުގައި، އުންމީދަކީ އާ ޓާމިނަލްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ކުރިއެރުމެވެ. އަދި އާ ޓާމިނަލާއެކު ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ މުހިންމު އެއް އެއާޕޯޓަށް ވެލާނާ އެއާޕޯޓު ވުމެވެ.

"މި މުހިންމު ގައުމީ މަސައްކަތުގެ ބޮޑު ބައެއް ނިމިގެން ދިޔައީ އަދި މި ޕްރޮޖެކްޓަށް ޒަމާނީ ބޮޑު ބަދަލުގެންނެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ކަމަށް ވުމުން އެ މަނިކުފާނަށް މަރުހަބާއާއި ޝުކުރު ދަންނަވަން،"

ޔާމީންގެ ނަންފުޅު ސީދާ ނުހިމެނުއްވި ނަމަވެސް، ފައިސަލް ވަނީ އާ ޓާމިނަލްގެ މަޝްރޫއުގެ މަސައްކަތާ ގުޅިގެން ޔާމީނަށް ޝުކުރު ދަންނަވައިފައެވެ. އަދި މިހާރުގެ ރައީސް މުއިއްޒުގެ ނަންފުޅު ނުގެންނަވައި ފައިސަލް ވަނީ، "ޓާމިނަލް ހުޅުވުމުގެ ޝަރަފު ލިބޭ އަދުގެ" ސަރުކާރަށް ވެސް ޝުކުރު ދަންނަވައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި އާ ޓާމިނަލް ނިންމުމުގެ ކްރެޑިޓް، ސަރުކާރަށް ތާއީދުކުރާ މީހުން ދެނީ ރައީސް މުއިއްޒަށެވެ. އެއީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އަވަސް ދުވެލީގައި މަސައްކަތް ނިންމައިދެއްވީ ކަމަށް ބުނެއެވެ.

ނަމަވެސް، މިދިޔަ އެމްޑީޕީ ސަރުކާރުގެ ވެރިންނާއި، ސޯލިހަށް ތާއީދުކުރާ މީހުން އާ ޓާމިނަލްގެ ކްރެޑިޓް ދެނީ މިިދިޔަ ސަރުކާރަށެވެ. އެގޮތުން، އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، މިހާރު ފެންނަ އާ ޓާމިނަލްގެ އެތެރެއާއި ބޭރުގެ ހުރިހާ ރީތިކަމަކަށް ކްރެޑިޓް ލިބޭނީ ސޯލިހަށް ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ޓާމިނަލްގެ ބޭރު ޑިޒައިން ހުރީ "ކޮންޓެއިނަރެއް"ގެ ސިފައިގައި ކަމަށާއި، ރާއްޖޭގެ މައި އެއް ބިނާގައި އެ ސިފަ ހުރުން ކަމުނުދިޔުމުން ސޯލިހު އެ ޑިޒައިން ބަދަލުކުރެއްވުމުން ކަމަށެވެ.

އާ ޓާމިނަލްގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް ވަނީ، ޔާމީންގެ ދައުރުގައި އެ ތަނުގެ މަސައްކަތް ފެށި ކަމާއި، އޭގެ ފަހުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރުގައި އެ ތަނުގައި އިތުރު މަސައްކަތް ކޮށްފައިވާކަން ފާހަގަކުރައްވައި، މި ސަރުކާރުން އެ ތަނުގެ ބާކީ ހުރި މަސައްކަތްތަކުގެ ތެރެއިން ބޮޑު ބައެއް ނިންމާލައި ހުޅުވަން ތައްޔާރުވެފައިވާ ކަމަށް "ރައްޔިތުންގެ އަޑު" ޕޮޑްކާސްޓުގައި މި މަހުގެ މެދުތެރޭގައި ވިދާޅުވެފައެވެ.

ޓާމިނަލްގެ މަސައްކަތްތައް އެހެރީ ފެންނަން ކަމަށާއި، އެ ތަނުގެ މަސައްކަތް ކުރެއްވި ހުރިހާ ވެރިންނަށް ކްރެޑިޓް ހައްގު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ވެސް ކުރީގެ ހުރިހާ ރައީސުންނަށް އެމްއޭސީއެލުން ވަނީ ދައުވަތު އަރުވައިފައެވެ.

comment ކޮމެންޓް