ގެދޮރުވެރިޔާ ފްލެޓްތަކުގެ ކުލި އެމްޑީޕީގެ ވެރިކަމެއްގައި ކުޑަކޮށް ދޭނަން: ޞާލިހް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް-- ފޮޓޯ: ރައީސް އޮފީސް

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އެޅި 4،000 ފްލެޓުގެ ކުލި މި ސަރުކާރުން ބޮޑު ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށާއި އެ ކުލި ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި ކުޑަ ކޮށްދެއްވާނެ ކަމަށް, ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސަރުކާރުން ނިންމައި, އިއުލާން ކުރީ އެ ސްކީމުގެ ދަށުން އެޅި ތިން ކޮޓަރީގެ ފްލެޓެއް މަހަކު 8,000 ރުފިޔާގެ ކުއްޔަކަށް ދޫކުރަންށެވެ. އަދި ދެ ކޮޓަރީގެ ފްލެޓެއް 6,000 ރުފިޔާގެ މަހު ކުއްޔަކަށް ދޫކުރާށެވެ.

ނަމަވެސް މި ސަރުކާރުން ނިންމާފައި ވަނީ ފްލެޓްތަކުގެ އެޑްވާންސް ފީއެއްގެ ގޮތުގައި ތިން ކޮޓަރީގެ ފްލެޓްތަކުން 25,000 ރުފިޔާ ނެގުމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް 15,000 ރުފިޔާގެ އެޑްވާންސް ފީއެއް ނަގަން ވަނީ ނިންމައިފައެވެ. އަދި ދެ ކޮޓަރީގެ ކުއްޔަށް 7،000 ރުފިޔާ ނެގުމަށާއި ތިން ކޮޓަރިއަށް 9،000 ރުފިޔާ ނެގުމަށް ވަނީ ނިންމައިފައެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓަށް މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1،500 ރުފިޔާ ނަގާއިރު ދެ ކޮޓަރިން ނަގަނީ 1,000 ރުފިޔާއެވެ.

އެފްޑީސީން އަޅާ ފުލެޓުތައް: އެ ފުލެޓުތައް ލިބޭ މީހުންގެ ލިސްޓު މި ސަރުކާރުން ވަނީ އިއުލާންކޮށްފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު

މިއަދު ފާހަގަ ކުރާ މިނިވަން ދުވަހާ ގުޅިގެން ރާއްޖެ ޓީވީއަށް ފޯނުން ދެއްވި އިންޓަވިއޫއެއްގައި ޞާލިހް ވިދާޅުވީ އެ ޕްރޮޖެކްޓް އެ ސަރުކާރުގައި ފެށުން ކުޑަކޮށް ލަސްވީވެސް ހެޔޮ އަގުގައި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ކުރަން ޖެހުނު މަސައްކަތުގެ ސަބަބުން ކަމަށެވެ.

"[އެމްޑީޕީން ކަނޑައެޅިއަގަށް] ދެވޭނެ. އެ މަސައްކަތް ކުރެވިފައިވާ ގޮތާއި ނަގާފައި ހުރި ލޯނާއި އެ މުއްދަތަށް ބަލާފައި އަޅުގަނޑުމެން ހަދާފައި އޮތް ހިސާބެއް އެއީ," ޞާލިހް ވިދާޅުވިއެވެ.

އަދި ހަމައެހެންމެ ފްލެޓް ހަވާލު ކުރާތާ ތިން މަސް ފަހުން ކުލި ނަގަން އެ މަނިކުފާނުގެ ސަރުކާރުގައި ނިންމާފައިވާނެ ކަމަށާއި އެގޮތަށް ނިންމީ ފްލެޓަށް ބަދަލުވާ އާއިލާތަކުން ކުރަން ޖެހޭ ހަރަދުތަކެއް ހުންނާނެތީ ކަމަށް ވެސް ޞާލިހް ވިދާޅުވިއެވެ.

ހަމައެހެންމެ އެމްޑީޕީގެ ސަރުކާރުން ފްލެޓްތައް ދޫކުރަން ނިންމާފައިވާނީ އެޑްވާންސް ފީއެއްވެސް ނެގުމަކާ ނުލައި ކަމަށް ޞާލިހް ވިދާޅުވިއެވެ. މި ސަރުކާރުން އަމަލު ކުރަން ވާނެ ގޮތަކީ އެ ފްލެޓްތައް އަޅަން ފެށި އެމްޑީޕީގެ ސަރުކާރުން ނިންމާފައިވާ ގޮތަށް ފްލެޓްތައް ކުއްޔަށް ދިން ކަމަށް ޞާލިހް ވިދާޅުވިއެވެ.

"2028 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އަންނާނީ އެމްޑީޕީގެ ސަރުކާރެއް އިރާދަކުރެއްވިއްޔާ. ރައްޔިތުން އެގޮތަށް ވޯޓް ދެއްވާނެ ކަމަށް އަޅުގަނޑު މި އުންމީދު ކުރަނީ. އެ އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އަޅުގަނޑު ރައްޔިތުންނަށް ޔަގީންކޮށް މި އަރުވަނީ އިރާދަކުރެއްވިއްޔާ ކުރީގައި އެމްޑީޕީން ނިންމާފައި އޮތްގޮތަށް ތިން ކޮޓަރީގެ ފްލެޓެއް 8000 ރުފިޔާއަށް ޖުމުލަ, ދެ ކޮޓަރީގެ ފްލެޓެއް 6000 ރުފިޔާއަށް އެއީ ކޮންމެ ފްލެޓަކަށް 1000 ރުފިޔާ މަރާމާތަށް ދާ ގޮތަށް އެ އޮތްގޮތަށް އިރާދަކުރެއްވިއްޔާ ބަދަލު ކުރަން އެމްޑީޕީގެ ފަރާތުން އަޅުގަނޑު މަސައްކަތް ކޮށްދޭނަން," ޞާލިޙް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓެވެ. މި ސަރުކާރުން ނެރުނު ލިސްޓުގައި ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅައިފައިވަނީ 1820 މީހުންނަށެވެ. އެ ފްލެޓްތަކުގެ އެގްރީމެންޓްގައި ސޮއި ކުރުމުގެ މަސައްކަތް މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަނީ ފަށައިފައެވެ.

comment ކޮމެންޓް