ރާއްޖެއާ އޮންނަ ގުޅުން އިތުރަށް ބަދަހި ކުރާނަން: ޗައިނާ

ޗައިނާގެ ރައީސް ޝީ ޖިންޕިން ރައީސް މުއިއްޒާ ސަލާން ކުރައްވަނީ: ޗައިނާގެ ރައީސް ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާފައި ---- ފޮޓޯ/ ޝިންހުއާ

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިސްކަންދެއްވާނެކަމަށް ޗައިނާގެ ރައީސް ޝީޖިން ޕިން މިއަދު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ޗައިނާގެ ރައީސް ފޮނުއްވި މެސެޖެއްގައި ވަނީ، ޗައިނާގެ ރައްޔިތުންގެ ނަމުގައި ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

އެ މެސެޖުގައި ޝީޖިން ޕިން ވިދާޅުވީ، ރާއްޖެއާ ޗައިނާގެ ގުޅުން ގާއިމުވީއްސުރެ ހަރުދަނާ ގޮތެއްގައި ދެގައުމުގެ ގުޅުން ކުރިއަރަމުން އަންނަ ކަމަށެވެ. އެގޮތުން، މިއީ، ތަފާތު ގައުމުތަކުގެ މެދުގައި ހަމަހަމަކަމާ އެއްކޮށް މުއާމަލާތުކޮށް، އެއްގައުމު އަނެއް ގައުމަށް އެހީތެރިވުމާއި ފައިދާ ލިބިގަތުމުގެ ރަނގަޅު މިސާލެއްކަން ޗައިނާގެ ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދެ ގައުމުގެ ގުޅުން ތަރައްގީ ކުރުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށެވެ.

"އަޅުގަނޑު ޗައިނާ-ދިވެހިރާއްޖެ ގުޅުމުގެ ތަރައްޤީއަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެން. އަދި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއެކު، ޗައިނާ-ދިވެހިރާއްޖޭގެ ފުޅާ ދާއިރާއެއްގައި އެކުވެރިކަމާއެކު އޮންނަ އިސްތިރާޖީ ބައިވެރިކަން އިތުރަށް ކުރިއެރުވުމަށާއި، ޗައިނާ-ދިވެހިރާއްޖޭގެ މުސްތަޤުބަލު ބިނާކުރުމުގައި އެކުގައި މަސައްކަތްކުރުމަށް ބޭނުންވޭ," އޭނާ ވިދާޅުވިއެވެ.

އެ މެސެޖުގައި ޗައިނާގެ ރައީސް އިތުރަށް ފާހަގަކުރެއްވީ، މިދިޔަ އަހަރު ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ފުރަތަމަ ފުރަމާނާ ދަތުރުފުޅެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެއީ، ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ.

އެ ދަތުފުޅުގެ ތެރެއިން ރައީސް ވަނީ ޗައިނާ ސަރުކާރުގެ އެންމެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވައިފައެވެ. އެ ބައްދަލުވުންތަކުގައި ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގަތުމަކީ މި ސަރުކާރުން އެ ގައުމު ބަލައިގަންނަ މިންވަރާއި، އޮތް ގާތް ގުޅުން ހާމަވާ ކަމެއް ކަމަށެވެ. އަދި، ޗައިނާއިން ރާއްޖެ ބަލައިގަންނަ މިންވަރު ވެސް ހާމަވާ ކަމެއް ކަމަށެވެ.

https://sun.mv/187296

އޭގެއިތުރަށް، ރާއްޖެއާއި އެ ގައުމާ ދެމެދު މުހިންމު 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެއީ ރާއްޖެއަށް އެކި ދާއިރާތަކުން ތަރައްގީ ގެނައުމަށް ޗައިނާއާއެކު ވެފައިވާ އެއްބަސްވުންތަކެކެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު އަދި ޗައިނާގެ ކޮމިއުނިސްޓު ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު ވޭންގ ޔީ ވެސް ވަނީ، ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލަށް ވަކި މެސެޖެއް ފޮނުއްވައި މަރުޙަބާ ދަންނަވާފައެވެ.

comment ކޮމެންޓް