ދައުލަތުން 32 މިލިއަން ރުފިޔާ ހޯދަން ސެންޓާ އެންޓަޕްރައިސަސްއިން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނުގަތް

ފަނޑިޔާރު ޝުޖޫން: ދައުލަތުން 32 މިލިއަން ރުފިޔާ ހޯދަން ސެންޓާ އެންޓަޕްރައިސަސްއިން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނުގަތް --

ސެންޓަ އެންޓަޕްރައިސަސްއަށް ދައުލަތުން 32 މިލިއަން ރުފިޔާގެ ދައްކަން ކުރި ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނުގަންނަން ނިންމައިފިއެވެ.

މިއީ، ދައުލަތުން ސެންޓާ އެންޓަޕްރައިސަސްއަށް އެއް މަސްތެރޭގައި 32 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލުކުރުން ހައިކޯޓުން ހުއްޓުވަން ނެރުނު އަމުރު ބާތިލު ކުރުމަށް ސެންޓަ އެންޓަޕްރައިސަސްއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ސެންޓާ އެންޓަޕްރައިސަސްއިން ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސްއަށް 2006އިން 2008ވަނަ އަހަރުގެ ނިޔަލަށް ފޯރުކޯށްދިން މުދަލުގެ އަގަށްވާ 32.7 މިލިއަން ރުފިޔާ ނުލިބިގެން، އެ ކުންފުނިން ދައުލަތާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހު އެ ކޯޓުން ހުކުމްކުރީ އެ ކުންފުންޏާ އެއްކޮޅަށެވެ. އެއީ، އެއް މަސް ތެރޭގައި ދައުލަތުން އެ ފައިސާ ދައްކައި ޚަލާސްކުރުމަށެވެ.

މި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށް އެ ކޯޓުގެ އަމުރަކުން އެ ފައިސާ ހިފެހެއްޓުމަށް އެންގުމުން، އެ ކުންފުނިން އެ މައްސަލަ ހިފައިގެން ދެން ދިޔައީ އެންމެ މަތީ މަރުހަލާގެ ކޯޓަށެވެ. އެކަމަކު އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވަނީ މައްސަލަ ބަލައި ނުގަންނާށެވެ.

ސެންޓާ އެންޓަޕްރައިސަސް އިންވަނީ ދައުލަތުން ފައިސާ ނުދެއްކުމުގެ ސަބަބުން، އިންވޮއިސްއަށް އަރާ ޖޫރިމަނާގެ ގޮތުގައި އިތުރަށް 51 މިލިއަން ރުފިޔާ ވެސް ހޯދަން އެދިފައެވެ. އެހެން ނަމަވެސް އެ މުއާމަލާތުގައި ވެފައިވާ އެއްބަސްވުމުގައި، ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައި ނުވާތީ ކޯޓުން ނިންމީ އެ ފައިސާ ނަގައިނުދިނުމަށެވެ. ސެންޓާ އެންޓަޕްރައިސަސްއިން 2006ވަނަ އަހަރާއި 2008ވަނަ އަހަރު، ދައުލަތުގެ އިދާރާތަކަކަށް ދިން ޚިދުމަތަށްވާ ފައިސާ ހޯދަން އެދި ސިވިލް ކޯޓަށް ތިން މައްސަލައެއް ހުށަހެޅިއެވެ.

އެއީ އެންވަޔަރަންމަންޓް މިނިސްޓްރީއަށް ސަޕްލައިކޮށްދީފައިވާ ކަމަށް ބުނާ ކަޅު ހަންތަކަކާ ގުޅޭ އެއް މައްސަލައާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ސަޕްލައިކުރި ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްތަކަކާ ގުޅޭ ދެ މައްސަލައެކެވެ.

މި މައްސަލަތަކުގައި އެ ކުންފުނިން ދައުލަތާ ދެމެދު ކޮށްފައިވާ މުއާމަލާތްތައް ސާބިތުކުރަން ހުށަހެޅި ލިޔުންތަކާމެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން، ބަންޑާރަނައިބު (އޭޖީ) އޮފީހުގެ އެދުމުގެ މަތީން އޮޑިޓާ ޖެނެރަލްގެ އޮފީހުންވަނީ މި މައްސަލައާ ގުޅޭ ޚާއްސަ އޮޑިޓެއް ހަދައިފައެވެ.

ދައުލަތުން ފައިސާ ހޯދުމަށް އެދި އެ ކުންފުނިން ސައްހަ ނޫން ލިޔުންތަކެއް ސިވިލް ކޯޓަށް ހުށަހެޅިކަން އެނގުނީ އެ އޮޑިޓުގެ ޕްރިލިމިނަރީ ރިޕޯޓުންނެވެ. އޭގައި ފާހަގަކޮށްފައިވަނީ އެ ކުންފުނިން ސައްހަ ނޫން އިންވޮއިސްއެއް ސިވިލް ކޯޓަށް ހުށަހެޅި ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެ އެތެރެކޮށްފައިނުވާ ބައެއް މެޑިކަލް ސާމާނު ސަޕްލައިކޮށްދިން ކަމުގެ ޑެލިވަރީ ނޯޓުތަކާއި އިންވޮއިސްތައް ހުށަހެޅިކަން އޮޑިޓަށް ވަނީ އެނގިފައެވެ.

އެހެންވެ، މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރުން މުހިންމު ކަމަށް އޮޑިޓާ ޖެނެރަލް ދެއްވާފައިވާ ލަފަޔާއި، އޭޖީ އޮފީހަށް ވެސް އެ ފަދަ ތަހުގީގެއް ހިންގުމަށް ފެންނާތީ، އެ މައްސަލަ ވަނީ ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފައެވެ.

comment ކޮމެންޓް