ފުރަމާނަ ދަތުރުފުޅަށް ފަހު، މޯދީ އިންޑިއާއަށް ފުރާވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައީސާއެކު: އެމަނިކުފާނު ވަނީ އެނބުރި އިންޑިއާއަށް ފުރާވަޑައިގެންފައި ---

ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެނބުރި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

ދަތުރުފުޅު ނިންމަވާލެއްވިކަން ހާމަކުރައްވައި، މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ސަރުކާރާއި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ރައްޔިތުން ދެއްވި މެހެމާންދާރީއަށް ޝުކުރު ދަންނަވާފައެވެ.

ފަސްދޮޅަސް ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަކީ ލިބުނު ޝަރަފެއް ކަމަށާއި ރައީސް މުއިއްޒާއެކު ކުރެވުނު މަޝްވަރާތަކާ އެއްކޮށް ދެ ގައުމުގެ ގުޅުން އިތުރުވާނެ ކަމަށް މޯދީ ވިދާޅުވިއެވެ.

އިއްޔެ މޯދީ ރާއްޖެ ވަޑައިގެން ވަނީ، ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާފައެވެ. އެގޮތުން، އިއްޔެ ރައީސް މުއިއްޒާއެކު ރަސްމީ ބައްދަލުވުންތައް ބާއްވަވައި، ރާއްޖެއަށް އެކި ދާއިރާތަކުން އެހީތައް ފޯރުކޮށްދެއްވިއެވެ.

އޭގެތެރޭގައި، އިންޑިއާއިން ރާއްޖެއަށް ދައްކަން ޖެހޭ ދަރަންޏަށް ލުއި ގޮތެއް ހަމަޖައްސައިދިނުމާއި އަސްކަރީ ދާއިރާއަށް ބޭނުންވާ ބަރު އުޅަނދު ހަދިޔާ ކުރެއްވުން ހިމެނެއެވެ.

https://sun.mv/209053

އޭގެފަހުން، މިއަދު ބޮޑު ވަޒީރު މޯދީ ވަނީ މިނިވަން ދުވަހުގެ ޚާއްސަ ހަރަކާތްތައް ބައްލަވާލައްވާފައެވެ. ބޮޑު ވަޒީރު މޯދީ މިއަދު ވަނީ ރާއްޖޭގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުاللهގެ އިތުރުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ވެސް ބައްދަލު ކުރައްވައިފައެވެ. އަދި، އެމްޑީޕީ ހިމެނޭހެން ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ މޯދީ ވަނީ ބައްދަލުކުރައްވާފައެވެ.

މި ސަރުކާރުން ވެރިކަމަށް އައީ އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ދިގު މުއްދަތަކަށް ހިންގި 'އިންޑިއާ އައުޓް' ހަރަކާތުގައި އިސްކޮށް އުޅުމަށް ފަހުގައެވެ. އެ ހަރަކާތާ މެދު އިންޑިއާއިން ނުރުހުންވެފައި އޮތްއިރު، މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ލޭބަލް ވެފައި އޮތީ 'ޕްރޯ ޗައިނާ' ސަރުކާރެއްގެ ގޮތުގައެވެ.

އެއަށްފަހު ސަރުކާރުގެ ވަރަށް ކުރީކޮޅު ނައިބު ވަޒީރުންތަކެއް މޯދީއަށާއި އިންޑިއާގެ ރައްޔިތުންނަށް ކުޑައިމީސް ކުރި މައްސަލައިގައި ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވިއެވެ. ނަމަވެސް މި ސަރުކާރުން އެ ގައުމާ ގުޅުން ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއްކޮށް، މިދިޔަ އަހަރުގެ ޖޫން މަހު މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތެވެ.

comment ކޮމެންޓް