ދިވެހިރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަހާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލް ހުޅުވީ އެއީ އިގްތިސޯދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަށްވީތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ދިވެހީންގެ ފޮނި އުންމީދުތަކާ ގުޅިފައިވާ އައު ޓާމިނަލްގެ މަސައްކަތް ނިންމައި މިރޭ ހުޅުވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ، ކާމިޔާބީއަކީ ބުރަ މަސައްކަތުން ހާސިލުވާ އެއްޗެއް ކަމަށާއި، މިރެއަކީ އެފަދަ ބޮޑު ކާމިޔާބީއެއްގެ ނިމުން ފާހަގަކުރާ ރެއެއް ކަމަށެވެ. ދިހަ އަހަރުގެ ދިގު އިންތިޒާރެއްގެ ނިމުމަކީ އެއާޕޯޓުގެ އައު ޓާމިނަލްގެ މަންފާ މި ގައުމަށް ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން އެ އުފާ، ފަޚުރުވެރި މިނިވަން ދުވަހާ ގުޅުވައި ފާހަގަކުރައްވަން ނިންމެވީ ގަސްތުގައި ކަމަށާއި، އެއީ ވަރަށް މުހިންމު ސަބަބަކަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ދިވެހީންގެ ގައުމީ އެއާޕޯޓުގެ އައު ޓާމިނަލަކީ އިގްތިސޯދީ މިނިވަންކަމާއި ގުޅިލާމެހިފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފަޚުރުވެރި މިނިވަން ދުވަހު އަޅުގަނޑު މިތަން ހުޅުވަން ބޭނުންވީ ހަމަ ގަސްތުގައި. ވަރަށް ޚާއްސަ ސަބަބަކަށްޓަކައި. އެއީ އަޅުގަނޑުމެންގެ މިނިވަންކަން ދެމެހެއްޓުމުގައި އިގްތިސޯދީ މިނިވަންކަމަކީ ވަރަށް ޚާއްސަ ކަމަކަށްވާތީ. އިގްތިސޯދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ މި އެއާޕޯޓުކަމުގައި ވާތީ. މި އެއާޕޯޓުގެ އެންމެ މުހިންމު ބިނާއަކީ މި ޓާމިނަލް ކަމުގައިވާތީ. އެހެންވީމަ މިރޭ ހުޅުވަން ބޭނުންވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ އައު ޓާމިނަލަކީ ރާއްޖޭގެ ތަރައްގީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެމަނިކުފާނު ވަނީ އެ ކާމިޔާބީގެ ފަހަތުގައި ދެ ސަރުކާރެއްގެ މަސައްކަތްވާކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރަށް ވެސް ޝުކުރުއަދާކުރައްވައިފައެވެ.
އެ ދެ ސަރުކާރަށް ފަހު، އެމަނިކުފާނުގެ ސަރުކާރުން 2023ވަނަ އަހަރު ހަވާލުވި ހިސާބުން އެ މަސައްކަތުގައި ޝާމިލުވި ހުރިހާ އެންމެން ގުޅިގެން އެ މަސައްކަތް ނުކުރިނަމަ އަދި އިތުރު ދޮޅު އަހަރަށް ލަސްވީސް ކަމަށް ރައީސް ވިދާޅުވިއެވެ.
ފޮނި އުންމީދުތަކަކާ ގުޅިފައިވާ އައު ޓާމިނަލް ހުޅުވުމުގެ އުފާވެރިކަމާއެކު ރައީސް ވަނީ ހުރިހާ އެންމެންނަށް ނަސޭހަތްތެރިވެފައެވެ.
އަޒުމުކަނޑައަޅަންވީ، ހަނދާންކުރަންވީ މިއީ އެއްބައެއްކަން. އެއް މާޒީއެއް އޮތް ބައެއްކަން. އަޅުގަނޑުމެން އެންމެންނަކީ ފަޚުރުވެރި ދިވެހީން. ކޮންމެ ކަމަކަށްވުރެ ވެސް ބޮޑަށް އިސްކަންދޭންވީ ގައުމަށް. ގައުމަށް ހެޔޮ އެދި އެއް ރާގެއްގައި އެއް ވާނެއްގައި ވާހަކަަދައްކަންވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ މި ގައުމަށް ހެޔޮކަމެއް ކޮށްދެވޭނީ އޭރުން ކަމަށާއި ގައުމަށް ހެޔޮކޮށް ކަންކަން ކޮށްދިނުމަކީ ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ.
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ސައޫދީ ފަންޑުގެ ދަށުން އެ ގައުމުގެ ބިން ލާދިން ކުންފުންޏާ ހަވާލުކުރީ 2016ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. އޭގެ ފަހުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އާ ޓާމިނަލްގެ މަޝްރޫއު ކުރިއަށް ގެންދިޔައީ އިމާރާތުގެ ފަރުމާއަށް ބަދަލު ގެނައުމަށް ފަހުގައެވެ.
އެއަށްފަހު މި ސަރުކާރު ހަވާލުވުމަށް ފަހު އާ ޓާމިނަލްގެ މަޝްރޫއަށް އިތުރު ފައިސާ ހަމަޖައްސައި، ޓާމިނަލްގެ މަސައްކަތްތައް ނިންމާލުމަށް ފަހު މިރޭ ވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެގޮތުން ޑްރޯން ޝޯއަކާއި، މާލެ ކައިރި 19 ސަރަހައްދަކުން ވަނީ އެކަމުގެ އުފަލުގައި ހަ މިނެޓަށް ހަވާ އަރުވައިފައެވެ.
ވީއައިއޭގެ އާ ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ.