މި ސަރުކާރު އައިއިރު ޓާމިނަލްގެ ނިމިފައި އޮތީ 30 ޕަސެންޓު، ދޮޅުއަހަރުން މި ހުޅުވަނީ 70 ޕަސެންޓު ނިންމުމަށް ފަހު: ޝަރީފް

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ރައީސް ޑރ. މުހައްމަދު މުއިއްޒާ ސަލާްމްކުރައްވަނީ --- ފޮޓޯ: އެމްއޭސީއެލް

މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ ހުޅުވި އާ ބައިނަލްއަގުވާމީ ޓާމިނަލުގެ ނުނިމިހުރި މަސައްކަތާ މި ސަރުކާރުން ހަވާލުވިއިރު ނިމިފައި އޮތީ 30 ޕަސެންޓު ކަމަށާއި، ހުޅުވީ ދޮޅު އަހަރުތެރޭ 70 ޕަސެންޓުގެ މަސައްކަތް ނިންމުމަށް ފަހު ކަމަށް، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު މިރޭ ވިދާޅުވެއްޖެއެވެ.

އާ ޓާމިނަލް ހުޅުވުމަށްޓަކައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އޭނާ އެމްއޭސީއެލްއާ 2023 ވަނަ އަހަރު ހަވާލުވެ, "ހުއްޓެން ޖެހުނީ ހުރިހާ މާނައެއްގައި ވެސް ހުސްކަމެއް"ގައި ކަމަށާއި، ޓާމިނަލްގެ ފާރުތައް ރޭނި، އެ ތަން ހިޔާކޮށްފައި ހުއްޓަސް ހިންގޭނެ ކަމާ މެދު ސުވާލު އުފެދުނު ކަމަށެވެ.

"ކަރަންޓު ދެވޭނެ ގޮތެއް ނެތް، ކަރަންޓުގެ ވިއުގައެއް ވެސް ނެތް، ނަރުދަމާގެ ނިޒާމެއް ނެތް، ފެން ހިންދާނެ ގޮތެއް ނެތް، ތަނަށް ބޭނުންވާ 12 މެގަވޮޓްގެ ކަރަންޓުގެ ނިޒާމު އުފަންކުރީ މި ވައިގެ ބަނދަރު އުފެއްދި ހީވާގި އަތްތަކުން،" ތަން ހަވާލުވިއިރު އޮތް ގޮތް ސިފަކުރައްވައި އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވިގޮތުގައި ތަނާ ހަވާލުވިއިރު މައި މަގު ހަދާފައި ނުވާ ކަމަށެވެ. އަދި މަޝްރޫއު ނިންމުމަށް ފައިސާ ހޯދުމަށް އޭރު ދަތިވި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އާ ޓާމިނަލް ހުޅުވުނީ މި ސަރުކާރު އައުމަށް ފަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި މަސައްކަތުން ކަމަށެވެ.

"ހިނގާންވީ މަގު ކޮށްޓަވައިދެއްވައި، 30 އަކަށް އިންސައްތަ ނިމިފައި އޮތް މި މަސައްކަތް އެންމެ ދޮޅު އަހަރުން 70 އިންސައްތަ ނިންމައި ކާމިޔާބުގެ މަންޒިލަށް ވާސިލުވެވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ފަދަ ކާމިޔާބު ލީޑަރުންގެ ތައުރީފަކީ މިއީ،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވަނީ، މި ޓާމިނަލަކީ ދިވެހިންގެ ފަޚުރުކަމުގައި ސިފަކުރައްވައި، އަންނަން ހުރި ޖީލުތަކަށް މި ތަން ދެމެހެއްޓުމަށް އެދިވަޑައިގެންފައެވެ.

މި ޓާމިނަލްގައި ފޯރުކޮށްދޭ ޚިދުމަތްތަކަށް ބަލާއިރު:

  • ފުރާ މީހުން އަމިއްލައަށް ޗެކިންވުމަށް 47 ކައުންޓަރު ގާއިމްކުރެވިފައިވޭ
  • ސެލްފް ޗެކިން ހަ ކިއޯސްކް
  • އިމިގްރޭޝަން ކްލިއާކުރުމަށް 20 ކައުންޓަރެއް ހުންނާނެ
  • ކެއިން ބުއިމަށާއި ޑިއުޓީ ފްރީއަށް ޚާއްސަ ސަރަހައްދެއް
  • ޓާމިނަލުގެ ތެރޭގައި ހިނގާބިނގާވެ އުޅުން ފަސޭހަކުރުމަށްޓަކައި ވޯކަލޭޓާތަކާއި އެސްކެލޭޓަރުތައް ހަރުކޮށްފައި ހުންނާނެ، އެގޮތުން ހަތަރު ވޯކަލޭޓަރަކާއި 14 އެސްކެލޭޓަރު ހުންނާނެ
  • ސީދާ ޓާމިނަލުން މަތިންދާ ބޯޓަށް އެރޭ ގޮތަށް 15 އެއިރޯބްރިޖް
  • ރާއްޖެއަށް އަންނަ މީހުންނަށް އިމިގްރޭޝަންގެ 28 ކައުންޓަރު ހުންނާނެ
  • ޖާގައިގެ ގޮތުން ތަނަވަސް ސަރަހައްދެއްގައި ބެގޭޖް ކްލިއާކުރުމަށް ހަތަރު ބެލްޓެއް ގާއިމްކުރެވިފައިވޭ

މި ޓާމިނަލްގެ މަސައްކަތް ފެއްޓެވީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައެވެ. އަދި ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ވެސް ޓާމިނަލްގެ ޑިޒައިނަށް ބަދަލުތައް ގެންނަވައި ގިނަ މަސައްކަތްތަކެއް ކުރެއްވެވިއެވެ. އެ މަސައްކަތް ނިންމައި ހުޅުވާފައި މިވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ކުރެއްވި މަސައްކަތްތަކަށް ފަހުގައެވެ.

comment ކޮމެންޓް