މިނިވަންކަމުގައި ތިބުމަށް އެހެން ގައުމުތައް މުހިންމު ދައުރެއް އަދާކުރޭ: އާދަމް ނަސީރު

ވަޒީރު އާދަމް ނަސީރާއި ރައީސް މުއިއްޒު ސަލާން ކުރައްވަނީ: ވަޒީރު ވިދާޅުވީ، މިނިވަންކަމުގައި އެހެން ގައުމުތައް މުހިންމު ދައުރެއް އަދާކުރާ ކަމަށް ---- ފޮޓޯ/ ރައީސް އޮފީސް

މިނިވަން ގައުމެއްގެ ގޮތުގައި ދެމި އޮތުމަށް އެހެން ގައުމުތައް މުހިންމު ދައުރެއް އަދާކުރާ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވަޒީރު ވިދާޅުވީ، ހަގީގަތުގައި ދިވެހި ދައުލަތަކީ އުފެދުނީއްސުރެ، ދިވެހީން މިނިވަންކަން ކަށަވަރުކުރަމުން އައި ޤަދީމީ ދައުލަތެއް ކަމަށެވެ.

ދިވެހި ދައުލަތުގެ މިނިވަންކަމަށް އެކި 'ހިޔަނި' އެޅުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެއް ކަމެއްގެ ގޮތުން، އާދަމް ނަސީރު ފާހަގަކުރެއްވީ 1887 އިން 1965 އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ދިވެހީން ތަޖުރިބާ ކުރި ދުވަސްތަކެވެ. އެގޮތުން، މިއަދު އާކުރަނީ އެ ހިމާޔަތުން މިނިވަންވެގަތް 'ހަގީގަތުގެ' ޒިކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިވަންކަމަކީ އެބަޔަކު އަމިއްލައަށް ގުރުބާނީތަކެއްވެ، ދުރު ރާސްތާ މަސައްކަތްތަކެއް ކޮށްގެން އަމިއްލައަށް ހޯދާ އެއްޗެއް ކަމަށާއި މިނިވަންކަން ހޯދައި، ދިފާއުކުރުމުގައި އޮންނަނީ އެގޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސްގެ ދެކަނބަލުން ----- ފޮޓޯ/ ރައީސް އޮފީސް

މިކަމުގައި ހަގީގަތުގައި ހުރިހާ ޒަމާނެއްގައި ވެސް އެހެން ގައުމުތަކާ އޮންނަ ގުޅުން އެއީ ވަރަށް މުހިންމު އެއްޗަކަށްވޭ. އެހެން ގައުމުތަކާ އޮންނަ ރަޙުމަތްތެރިކަން، އެހެން ގައުމުތަކާ ކުރެވޭ މުއާމަލާތު، އެކަމުގައި ގެންގުޅެވޭ ހަރުދަނާ ވިސްނުން، އެކަންކަން މީގައި ވަރަށް މުހިންމު ދައުރެއް އަދާކުރޭ

އިނގިރޭސީންގެ ހިމާޔަތުން މިނިވަން ވުމަށް ކުރި މަސައްކަތުގައި އެ ހަގީގަތް ވަރަށް ބޮޑަށް ފެންނަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، އެކަމުގެ ތެރޭގައި އެތައް ކަމެއް ހިނގިއިރު، ދެ ފަރާތުގެ ދެމެދުގައި ދެއްކި މުހިންމު ވާހަކަތަކާއި އޭގެ ފަހަތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅި ގޮތާއި އެކަމަށްޓަކައި ކުރަން ޖެހުނު މަސައްކަތްތައް ހިމެނޭކަން އާދަމް ނަސީރު ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ދެއްވި ފުރަތަމަ ތަޤުރީރުގައި ވެސް އެމަނިކުފާނުގެ ސިޔާސަތު ވަރަށް ތަނަވަސްކޮށް ދިވެހީންނަށް ހާމަކޮށްދެއްވި ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ މިނިވަންކަން ދިފާއުކުރުމުގައި އަބަދުވެސް މި ދެ އަސާސް އަޅުގަނޑު ހިތުގެ ވަރަށް މުހިންމު ކަމަކަށްވާނެ. އެއީ، ދިވެހީންނަށް ގައުމެއް ދިފާއުކުރުމުގެ ވިސްނުމާއި އިލްމާއި ހުނަރާއި ކެތްތެރިކަމާއި މިކަންކަން އެނގި، ދަސްވެ، ލިބިފައި އޮތުމަށް އަދި ގައުމާއި ފަސްގަނޑު ދިފާއު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އެ ފިޔަވަޅުތައް އަޅަމުން ގެންދިޔުން

ޖަލްސާތައް ބޭއްވެނީ އެކަންކަމާ މެދު އިތުރަށް ވިސްނައި، ޚިޔާލުކޮށް އެއްބައެއްވަންތަކަން ދެމެހެއްޓުމަށްޓަކައި ކަމަށާއި ސަލާމަތެއް ދެމިއޮންނަ ހަމައެކަނި މަގަކީ އެއްބައެއްވަންތަކަން ދެމެހެއްޓުން ކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ.

ހަމައެހެންމެ، މިނިވަންދުވަހުގެ އެންމެ ޚާއްސަ އެއް ހަގީގަތަކަށް ހަދަންވީ ދިވެހީން އެއްބައެއް ގޮތުގައި ދެމިތިބެ، އެއް އާއިލާއެއްގެ އިހުސާސް ގެނައުންކަން އާދަމް ނަސީރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް