ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެކިއެކި ކަންކަން ހާސިލުވެގެންދާތަން ކުރިއަށް އޮތް ހަފުތާތަކާއި މަސްތަކުގައި ފެންނާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ ގައުމުގެ ތަރައްގީ ކުރިއަށް ގެންގޮސް، އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދުމުގައި ސަރުކާރުން އިޚުލާސްތެރިކަމާއެކު ބުރަ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެކަމުގައި ހުރިހާ ވަޒީރުންނާއި، ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ކުންފުނިތަކުގެ ވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އިއްޒަތްތެރި މެންބަރުން ގުޅިގެން މަސައްކަތްކުރަމުން ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަންކަން ކުރުމުގައި ވަރަށް ހީވާގިކަމާއެކީ ރެއާ ދުވާލު މަސައްކަތްކޮށް، ބޭރުގެ އެކި ފަރާތްތަކުގެ އެހީތެރިކަން ހޯދައި، ވަރުގަދަ އަޒުމެއްގައި ދާނީ ކުރިއަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރުންނާއި، މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސްވެރީން މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް
ކުރިއަށް އޮތް ހަފުތާތަކާއި މަސްތަކުގައި، މި ދަންނަވަނީ އަހަރުތަކެއް ނޫން. ހަފުތާތަކާއި މަސްތަކުގައި ފެންނާނެ. އިރާދަކުރެއްވީތީ މިދިޔަ ގިނަ ދުވަސްތަކުގައި މި ތައްޔާރުވަމުން އައި ކަންތައްތައް އަމަލީގޮތުން ފެނިގެންދާނެ. އިރާދަކުރެއްވިއްޔާ ރާއްޖޭގެ ކޮންމެ ރަށެއްގައި އަދި މާލޭގައި ވެސް ތަރައްގީގެ ކަންކަން ހާސިލުވާތަން ފެންނާނެ، ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ މިނިވަންކަމަކީ ވަރަށް ގިނަ ބައެއްގެ އިޚުލާސްތެރި މިންނެތް މަސައްކަތުން މިއަދު ދިވެހީންނަށް ލިބިފައިވާ އެއްޗެއް ކަމަށެވެ. އެގޮތުން އަމާނާތްތެރިކަމާއެކު އަންނާން އޮތް ޖީލުތަކަށް އެ މިނިވަންކަން ފޯރުކޮށްދިނުމަކީ އެންމެންގެ ވެސް ފަރުދީ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވަކި މީހަކު ކުރަންޖެހޭ ކަމެކޭ ބުނުމުގެ ބަދަލުގައި އަމިއްލައަށް އެކަން ކުރަންޖެހޭކަން އެއްވެސް ޝައްކެއް ނެތި ޔަގީންކަމާއެކު ގަބޫލުކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. ސަރުކާރުތަކަށް މަސައްކަތް ކުރެވުނު ނަމަވެސް ފަރުދީ ޒިންމާ އަދާކުރަންޖެހޭނެކަން ތަކުރާރުކޮށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވާހަކަފުޅުދައްކަވަނީ: ވިދާޅުވީ ތަރައްގީގެ ކަންކަން ކުރިއަށް އޮތް ހަފުތާތަކާއި މަސްތަކުގައި ހާސިލުވާނެކަމަށް -- ފޮޓޯ/ ރައީސް އޮފީސް
ރައީސް ވިދާޅުވީ އެމަނިކުފާނުގެ މައިގަނޑު ސިޔާސަތަކީ ދިވެހީން އިސްކުރުން ކަމަށެވެ.
އަޅުގަނޑުގެ މައި ސިޔާސަތަކީ ދިވެހީން އިސްކުރުން. ރާއްޖޭގެ އިމުގެ ތެރޭގައި ކުރާ ކަންކަމުގައި ދިވެހިންގެ އަތުން ކުރުން. ރާއްޖެއަށް ފައިދާވާ ކޮންމެ ކަމެއްގައި އެހެން ގައުމުތަކާއެކު ގާތްގުޅުމެއް ބާއްވައިގެން ކަންކުރުން އެއީ އަޅުގަނޑުގެ މައިގަނޑު ސިޔާސަތު، ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ އެކި މީހުން އެކި ދިމާލަށް ގޮސް، އެކި ވިސްނުމުގައި ތިބެގެން ގައުމެއް ނޯންނާނެ ކަމަށެވެ. ގައުމެއް އޮންނާނީ އެންމެން އެއް ވިސްނުމުގައި ކުރިއަށް ގޮސްގެންކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ އިބްރާހީމާއި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އިތުރުން ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި އެހެނިހެން އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު ހަސަން ޞާބިރަށާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބު ވެސް އަރުވައިފައެވެ. އަދި ޚާރިޖީ ޚިދުމަތުގެ އެންމެ މަތީ ޝަރަފު، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައި ހުންނެވި އަހުމަދު ސަލީމް (ނަން ރީތި އަހުމަދު ސަލީމް)އަށް ވަނީ އަރުވައިފައެވެ.