ފުލެޓު އެއްބަސްވުންތަކުގައި ނުރައްކާތެރި މާއްދާތަކެއް އެބަހުރި: ފަހި ޔޫނިއަން

ފަހި ޔޫނިއަން ޖަމިއްޔާ މެންބަރުންތަކެއް: ބުނީ، ފުލެޓު އެއްބަސްވުމުގައި ނުރައްކާތެރި މާއްދާތަކެއް އެބަހުރި ކަމަށް ---- ސަން ފޮޓޯ/ މުހައްމަދު މާނިއު

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރާ 4،000 ފުލެޓުތައް ދޫކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހެދި އެއްބަސްވުންތަކުގައި ގާނޫނީ ގޮތުން ނުރައްކާތެރި މާއްދާތަކެއް އެބަހުރި ކަމަށް ފަހި ޔޫނިއަނުން މިއަދު ބުނެފިއެވެ.

އެ ޖަމިއްޔާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، ސަރުކާރުގެ އެއްވެސް އިޖުތިމާއީ ބޯހިވާހިކަމުގެ އެއްވެސް ސްކީމެއްގައި ކުއްޔަށް ދިނުމުގެ އެއްބަސްވުން ހަދާފައި ނުވާ ކަމަށެވެ.

އެކަމަކު، 4،000 ފުލެޓު ލިބޭ މީހުންނާ ދެމެދު ހަދަނީ ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް ކަމަށާއި ފުލެޓު މިލްކު ވަނީ ކުއްޔަށް ފައިސާ ދައްކާތާ 25 އަހަރު ފަހުން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އެފަދަ އެއްބަސްވުމެއް ހަދާނަމަ މި ސަރުކާރުން އަލަށް އަޅަން އިއުލާނުކުރާ ފުލެޓުތަކާ ގުޅިގެން ސިޔާސަތު ބަދަލުކޮށްގެން ހެދިދާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

ފަހި ޔޫނިއަންގެ ފަރާތުން އަލީ ހުސައިން ވާހަކަދައްކަވަނީ: ވިދާޅުވީ، ފުލެޓު އެއްބަސްވުންތަކުގައި ނުރައްކާތެރި މާއްދާތަކެއް އެބަހުރި ކަމަށް ---- ސަން ފޮޓޯ/ މުހައްމަދު މާނިއު

އެހެންނަމަވެސް، މިހާރު މިއޮތް ފުލެޓުތަކާ ގުޅިގެން މިކަމެއް ނުކުރެވޭނެ. އެއީ ރައީސުލްޖުމްހޫރިއްޔާ ވެސް ވައުދުވެވަޑައިގެން ފައި އޮތްގޮތް.

އެ ޔޫނިއަނުން ކަންބޮޑުވުން ފާޅުކުރީ އެއްބަސްވުމުގައި ނުރައްކާތެރި މާއްދާތަކެއް ހުރުމުންނެވެ.

އެއް މާއްދާއެއްގެ ގޮތުން ފާހަގަކުރީ އެއްބަސްވުމުގެ 18 ވަނަ މާއްދާއެވެ. އެ މާއްދާއާ ހަވާލާދީ އަލީ ވިދާޅުވީ، އެއްވެސް ސަބަބަކާ ހެދި ކުލި ނުދެއްކިއްޖެ ނަމަ ނޯޓިސް ދީފައި ފުލެޓު އަތުލުމުގެ ބާރު އޮތް ކަމަށެވެ. އިތުރަށް އެ ޔޫނިއަނުން ފާހަގަކުރީ އެއްބަސްވުމުގެ 25 ވަނަ މާއްދާއެވެ. އެ މާއްދާއާ ހަވާލާދީ އަލީ ވިދާޅުވީ، ކުލި ނުދެއްކިއްޖެނަމަ، އެހެން މީހަކަށް ފުލެޓު ވިއްކުމުގެ ބާރު އެފްޑީސީއަށް ލިބިފައި އޮތް ކަމަށެވެ.

މި އެއްބަސްވުން އެކުލަވާލާފައި އޮތުމުގެ މަގުސަދަކީ ވެސް ހަގީގަތުގައި ކޮންމެހެން ރައްޔިތުންނަށް ފުލެޓެއް ދިނުމެއް ނޫން. އެކަން މި އިނގެނީ ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް މި ސަރުކާރުން އެކުލަވާލާފައިވާތީ

އިތުރަށް އޭނާ ވިދާޅުވީ، އެ ގޮތަށް އެކަން ހިނގާކަން 'ފަހަރެއްގައި' ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އެނގިވަޑައިނުގެން އޮވެދާނެ ކަމަށެވެ.

އެފްޑީސީން އަޅާ ފުލެޓުތަކުގެ މޮޑެލްއެއް: ފުލެޓު އެއްބަސްވުންތަކުގައި ނުރައްކާތެރި މާއްދާތަކެއް އެބަހުރި ކަމަށް ފަހި ޔޫނިއަނުން ބުނި -- ފޮޓޯ/ ރައީސް އޮފީސް

ކުރީ ސަރުކާރުގައި ފުލެޓު ލިބޭ މީހުންނާ އެކު އެއްބަސްވުން އެކުލަވާލިކަމަށާއި އެފްޑީސީން ކުރިން އެކުލަވާލި އެއްބަސްވުމަށް ރުޖޫއަވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެއިތުރުން، އެ ޔޫނިއަނުން ވަނީ، ފުލެޓުތަކުގެ ޑައުންޕޭމަންޓާއި ކުލި ބޮޑުކޮށް ދައްކަން ޖެހޭތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޑީޕީގެ ސަރުކާރުން ނިންމައި, އިއުލާން ކުރީ އެ ސްކީމުގެ ދަށުން އެޅި ތިން ކޮޓަރީގެ ފްލެޓެއް މަހަކު 8,000 ރުފިޔާގެ ކުއްޔަކަށް ދޫކުރަންށެވެ. އަދި ދެ ކޮޓަރީގެ ފްލެޓެއް 6,000 ރުފިޔާގެ މަހު ކުއްޔަކަށް ދޫކުރާށެވެ.

ނަމަވެސް މި ސަރުކާރުން ނިންމާފައި ވަނީ ފްލެޓްތަކުގެ އެޑްވާންސް ފީއެއްގެ ގޮތުގައި ތިން ކޮޓަރީގެ ފްލެޓްތަކުން 25,000 ރުފިޔާ ނެގުމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް 15,000 ރުފިޔާގެ އެޑްވާންސް ފީއެއް ނަގަން ވަނީ ނިންމައިފައެވެ. އަދި ދެ ކޮޓަރީގެ ކުއްޔަށް މަހަކު 7،000 ރުފިޔާ ނެގުމަށާއި ތިން ކޮޓަރިއަށް 9،000 ރުފިޔާ ނެގުމަށް ވަނީ ނިންމައިފައެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓަށް މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1،500 ރުފިޔާ ނަގާއިރު ދެ ކޮޓަރިން ނަގަނީ 1,000 ރުފިޔާއެވެ.

ފުލެޓުތަކުގެ މޮޑެލް ރައީސް ބައްލަވަނީ: ފުލެޓު އެއްބަސްވުންތަކުގައި ނުރައްކާތެރި މާއްދާތަކެއް އެބަހުރި ކަމަށް ފަހި ޔޫނިއަނުން ބުނޭ -- ފޮޓޯ/ ރައީސް އޮފީސް

އެހެންވެ، އެ ޔޫނިއަނުން ވަނީ، ބަދަލުތަކެއް ގެނައުމަށް އެދިފައެވެ. އެއީ:

  • އެއްބަސްވުމުގެ ތޮބީއަތު އިސްލާހު ކުރުމަށް
  • ކުލީގެ އެއްބަސްވުމުގެ ބަދަލުގައި ގަނެވިއްކުމުގެ އެއްބަސްވުމަކަށް ބަދަލުކުރުމަށް
  • ކުރީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިންސްޓޯލް ޕޭމަންޓާއި ޑައުންޕޭމަންޓު ދައްކަން ނުޖެހޭ ގޮތަށް ހެދުމަށް
  • ރައްޔިތުން އިތުރަށް މަޑުކުރަން ނުޖެހޭ ގޮތަށް ހުރިހާ ފުލެޓުތައް ހައްގުވެރިންނަށް ލިބޭގޮތަށް ހެދުމަށް

ފާހަގަކުރެވޭ ގޮތުގައި، އެ ފުލެޓުތަކުގެ ކުލި މި ސަރުކާރުން ބޮޑު ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށާއި އެ ކުލި ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި ކުޑަ ކޮށްދެއްވާނެ ކަމަށް, ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް އިއްޔެ ވަނީ ވިދާޅުވެފައެވެ.

https://sun.mv/209079

ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓެވެ. މި ސަރުކާރުން ނެރުނު ލިސްޓުގައި ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅައިފައިވަނީ 1820 މީހުންނަށެވެ. އެ ފްލެޓްތަކުގެ އެގްރީމެންޓްގައި ސޮއި ކުރުމުގެ މަސައްކަތް މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަނީ ފަށައިފައެވެ

comment ކޮމެންޓް