ޖާގައިގެ ދަތިކަމާއި، ފެން ފޭބުމުގެ ސަބަބުން ކްރިމިނަލް ކޯޓުގެ ކަރަންޓުގެ ނިޒާމަށް ފެނުގެ އަސަރުކޮށް، ކޯޓު ރޫމުގެ ހާލަތު ގޯސްވެ އެކަމަށް އެތައް ދުވަހެއް ފަހުން ދާއިމީ ހައްލެއް މިއަދު ލިބިއްޖެއެވެ.
ރާއްޖޭގެ 60ވަނަ މިނިވަން ދުވަހާ ގުޅުވައި ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހުޅުމާލެ، ޖަސްޓިސް ބިލްޑިން އެނެކްސްގައި ގާއިމުކޮށްފައިވާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ. ކޯޓު އިމާރާތް ހުޅުވުމުގެ ގޮތުން ދިވެހިރާއްޖޭގެ ދިދައާއި ޝަރުއީ ދާއިރާގެ ދިދަ ވަނީ އެ އިމާރާޓުގައި ނަގައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއަށްފަހު އެ އިމާރާތުގައި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ ހުރިހާ ޑިވިޝަންތަކެއް ހިންގާނެއެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ 10 ކޯޓު ރޫމެއް އެ އިމާރާތުގައި ހުރިއިރު، އެ ކޯޓުގެ 11 އިދާރީ ސެކްޝަނެއް ހިންގާނެއެވެ. ހަމައެއާއެކު ޑްރަގް ކޯޓަށް ފަސް ކޯޓު ރޫމެއް އެ އިމާރާތުގައި ވަނީ ޚާއްސަކޮށްފައެވެ.
ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އެހީތެރިކަމާއެކު ހުޅުމާލެއަށް އެ ދެ ކޯޓު ބަދަލުކުރެވުމަކީ ޝަރުއީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.
ކްރިމިނަލް ކޯޓުގެ އިމާރާތް ބާވުމުގެ ސަބަބުން ފެން ފައިބާތީ މީގެ ކުރިން އެކި ޝަރީއަތްތައް ކުރިއަށް ނުގެންދެވި ކެންސަލް ކޮށްފައިވެއެވެ. މީގެ ކުރިން އެ އިމާރާތް ބާވުމުން ތަނބުތައް ވެއްޓުން ފަދަ ހާދިސާތައް ވެސް ހިނގާފައިވެއެވެ.

ކްރިމިނަލް ކޯޓުގެ އެތެރޭގައި ހުރި ތަނބެއްގެ ބައެއް ވެއްޓިފައި -- ފޮޓޯ/ ފަނޑިޔާރުންގެ ވައިބާ ގުރޫޕް
ފާހަގަކޮށްލެވޭ ގޮތުގައި ފެބުރުވަރީ 22، 2023ވަނަ ދުވަހު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ކްރިމިނަލް ކޯޓުގެ އިމާރާތުން ފެން ފައިބާތީ ކޯޓު އިމާރާތުގެ ބައެއް ބޭނުން ނުކުރަން ވަނީ އަންގައިފައެވެ. އޭގެ ފަހުން ކޯޓުގެ އިމާރާތަށް ފެން ފައިބާ ކަރަންޓު ނިޒާމަށް ފެނުގެ އަސަރުކުރުމުގެ ސަބަބުން، ކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންގޮސްފައިވަނީ ޝަރީއަތްކުރާ އެންމެ މާލަމެއްގައި ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
އެކަމުގެ ސަބަބުން ޝަރީއަތްތައް ލަސްވެ، އިދާރީ ގޮތުން ކުރަންޖެހޭ ކަންކަމަށް ވެސް ވަރަށް ބޮޑަށް ހުރަސްއެޅިފައިވެއެވެ.
އެ ފަހުން ވަގުތީ ހައްލެއްގެ ގޮތުން ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަންގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތުގައި ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެއްސީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.
ނަމަވެސް މިއަދު ހުޅުމާލެ ފޭސް އެކެއް، ޓްރީޓޮޕް ހޮސްޕިޓަލުގެ ކައިރީގައި ހުޅުވި އައު އިމާރާތާއެކު އެ ކޯޓުގެ ހުރިހާ ޑިވިޝަނެއް އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރެވުމުން އެކަމަށް ދާއިމީ ހައްލެއް މިވަނީ ލިބިފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އަރިހުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އަމްޖަދު މުސްތަފާއާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހުސެއިން ރިޒާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ރައީސް މުއިއްޒަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ. ފިލާ ހަވާލުކޮށްދެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އަމްޖަދުއެވެ.