ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތުގަބޫލުކުރައްވައި އަވައްޓެރި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.
މިއަދު ހެނދުނު 8:25 އެހާކަންހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑިސަނަޔަކައަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ރައީސް މުއިއްޒެވެ.
ރަސްމީ ދަތުރުފުޅެއްގައި ޑިސަނަޔަކަ ރާއްޖެ ވަޑައިގަތީ މިއަދުން ފެށިގެން މި ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށެވެ.

ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރަސްމީ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރާއްޖޭން ލަންކާއާ ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965 ގައެވެ. އެހެންކަމުން މި އަހަރަކީ ދެ ގައުމުގެ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.

މިދިޔަ ފެބްރުއަރީ މަހު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް، ލަންކާއަށް ކުރެއްވި ދަތުރުފުޅެއްގައި ޑިސަނަޔަކަގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ލަންކާގެ ދޭދޭ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ގުޅުން ވަރުގަދަކުރެވޭނެ އިތުރު ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ރައީސް މުއިއްޒުގެ ދައުވަތަކަށް ރާއްޖޭގެ މިނިވަން ދުވަހުގެ އިހުތިފާލުތައް އިފްތިތާހުކޮށްދެއްވުމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ހަފުތާ ބަންދުގައި ރާއްޖެވަޑައިގެންފައެވެ.