ރާއްޖެއާއި ސްރީ ލަންކާ ގުޅިގެން މަސައްކަތް ކުރާނެ ގިނަ ދާއިރާތަކެއް ހޯދިއްޖެ ކަމަށާއި ކުރިއަތް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ފުރަމާނަ ދަތުރުފުޅެއްގައި ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ މިވަގުތު ހުންނެވީ ރާއްޖޭގައެވެ. އެމަނިކުފާނާ ސަރުކާރާ މިއަދު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމަށް ފަހު، ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމުގައި ގިނަ ދާއިރާތަކާ ގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށެވެ.
އެ ދާއިރާތަކުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ވިޔަފާރިއާއި، ތައުލީމާއި، ދިފާއީ ދާއއިރާއާއި، ވޮކޭޝަނަލް ތަމްރީނާއި، ޒުވާނުންނާ ގުޅުން ހުރި ކަންކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއެވެ.

ރައީސް މުއިއްޒާއި ލަންކާގެ ރައީސް: ކުރިއަށް އޮތް ތަނުގައި ގުޅުންތައް އިތުރަށް ވަރުގަދަ ވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި--- ފޮޓޯ/ ރައީސް އޮފީސް
ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރެވުނު އެއްބަސްވުންތަކާއި މަޝްވަރާގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެއިތުރަށް، ޖިނާއީ ކުށްތައް ހުއްޓުވުމަށް ސޮއިކުރި އެއްބަސްވުމާއެކު، އެފަދަ މައްސަލަތައް މަދުކުރުމަށް އެހީވެދޭނެ ކަމަށާއި ފޮރިން ސާވިސްގައި ހަރަކާތްތެރިވާ ޒުވާނުންނަށް ބޭނުންވާ ތަމްރީނު ދޭން ސޮއިކުރި އެމްއޯޔޫއިން އެ ދާއިރާއިން އިތުރު ތަމްރީނު ފުރުސަތުތައް ހުޅުވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ލަންކާގެ ރައީސާއި ރައީސް މުއިއްޒު ބަޔާން ދެއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ ރައީސް އޮފީސް
ރާއްޖެއާ ލަންކާއަކީ ޖިއޮގްރަފީ ގޮތުން ވެސް ގުޅިފައިވާ ދެގައުމު ކަމާއި ދެގައުމުގެ ދެމެދު އޮންނަ ގާތް ގުޅުމުގެ މައިގަނޑު 'ބިންގަލަކީ' ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުންކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، މިއަދުގެ ބައްދަލުކުރެއްވުމުގައި އެ ގުޅުންތައް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
އޭގެއިތުރުން، ރައީސް ވަނީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ އެގައުމުގެ އިގުތިޞާދީ ހާލަތު ކުރިއެރުވުމަށް ކުރި މަސައްކަތްޕުޅަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން، ޑިސަނަޔަކަގެ ވެރިކަމުގެ ދަށުން ދެމެހެއްޓެނެވި އިގްތިޞާދަކާ ދިމާއަށް ލަންކާއަށް ދަތުރުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ލަންކާ ސަރުކާރުގެ ފަރާތުން އެގައުމުގައި ދިރިއުޅޭ ދިވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭން ލަންކާއާ ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965 ގައެވެ. އެހެންކަމުން މި އަހަރު ދެ ގައުމުގެ ގުޅުމަށް 60 އަހަރު ފުރޭނެއެވެ.
މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަންނަ ބުދަ ދުވަހުގެ ނިޔަލަށް ޑިސަނަޔަކަ ރާއްޖޭގައި ހުންނަވާނެއެވެ.