ބޮލީވުޑްގެ ފިލްމުތަކުން މި ފަހުން ފެންނަން ފެށި އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ބަތަލާ ވަމީގާ ގައްބީއަށް ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް ދަރުމާ ޕްރޮޑަކްޝަންއިން ގެނެސްދޭ ފިލްމަކުން ފުރުސަތު ލިބިއްޖެއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ފިލްމުގެ ނަމަކީ "ކުކޫ ކީ ކުންދަލީ"އެވެ. ކަރަންގެ ދަރުމާއިން ކުރިން ގެނެސްދިން ދެ ފިލްމެއްގައި ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ޝަރަން ޝަރުމާގެ މި ފިލްމުން މަޝްހޫރު ޔޫޓިއުބާ ބުވަން ވަމް ބޮލީވުޑަށް ތައާރަފުވާނެއެވެ. ބުވަން ވަމްއަށް ވަނީ ޑައިރެކްޓަރު ނިކިލް އަދުވާނީ އަންނަ އަހަރު އެމޭޒަން ޕްރައިމްއަށް އުފައްދާ ވެބް ސީރީޒް "ދަ ރިވޮލިއުޝަރީސް"އިން ވެސް ފުރުސަތު ލިބިފައެވެ.
ރޮމޭންޓިކް ކޮމެޑީއެއް ކަމަށްވާ "ކުކޫ ކީ ކުންދަލީ" އަކީ ބެލުންތެރިން ފޫހިކޮށްނުލާނެ ފެންވަރަށް އޭގައި ހެއްވާ މަޖާ ހާދިސާތައް އެކުލެވޭ ފިލްމެއް ކަމަށް ދަރުމާ ޕްރޮޑަކްޝަންސްއާ ހަވާލާދީ މީޑިއާތަކުން ބުނެއެވެ.

އެކްޓަރު ބުވަން ވަމް--ފޮޓޯ/އެމްއެސްއެން
މި ފިލްމާ ގުޅޭ މައުލޫމާތުތައް ދަރުމާ ކުންފުނިން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނުކުރަން ވަނީ ނިންމާފައެވެ. ބަތަލާ ވަމީގާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ އެކްޓަރު ރާޖްކުމާރު ރާއޯއާ އެކު ކުޅުނު ފިލްމު "ބޫލް ޗަކް މާފް"އިންނެވެ.
ބޮލީވުޑް ފިލްމުތައް ކަމަށްވާ "ހައުސް އޮފް ސްޕައިސް"، "ބޭބީ ޖޯން" އަދި ބައެއް ވެބް ސީރީޒްތަކުން ފެނިފައިވާ ވަމީގާ އަކީ މިފަހުން ބޮލީވުޑަށް ތައާރަފްވި ބަތަލާއިންގެ ތެރެއިން ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ ބަތަލާއެކެވެ. ވަމީގާގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެތެރޭ ސައުތު ސިނަމާގެ ފިލްމެއް ކަމަށްވާ "ޖީނީ" ވެސް ހިމެނެއެވެ.