ލަންކާ ރައީސް އާދައިގެ ހެދުމެއްގައި ރާއްޖެއަށް، ކީއްވެ؟

ލަންކާގެ ރައީސް ރާއްޖޭގައި: ވަޑައިގަތީ އަދައިގެ ހެދުމެއް ތުރުކުރައްވައިގެން -- ފޮޓޯ/ ސްރީލަންކާ

ސްރީލަންކަންގެ ފްލައިޓް ކުރިމަތީ އަޅާފައި އޮތް ރަތް ދޫލައިގެ މަތީގައި ކޯޓް, ފަޓުލޫނު ތުރުކުރައްވައިގެން ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުންނެވީ, އަވައްޓެރި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކައަށް މަރުހަބާ ދެންނެވުމަށެވެ. ދޫލައިގެ އެއް ފަރާތުގައި ރާއްޖޭގެ ބައެއް ވަޒީރުން ވެސް ތިއްބެވީ އެ މަރުހަބާގައި ބައިވެރިވެވަޑައިގަތުމަށެވެ. ފަހަތުގައި ދޫލައިގެ ދެ ފަރާތުގައި ސިފައިން ބަޑި ހިފައިގެން އެ ތިބީ ސެރެމޯނިއަލް އޮނާ ގާޑް އެރުވުމަށެވެ.

މިއަދު ހެނދުނު 8:20 ކަންހާއިރު އެ ފްލައިޓް ކައިރިކުރުމާ އެކު ފައިބައި އެ ވަޑައިގެންނެވީ ރާއްޖެއަށް ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ވަޑައިގެންނެވި ޑިސަނަޔަކައެވެ. އެ މަނިކުފާނުގެ ފުރަތަމަ ފެނިލުމާ އެކު ގިނަ ދިވެހީންނަށް ހައިރާންކަން ލިބުނީ ތުރުކުރައްވާފައި ހުންނެވި އާދައިގެ ހެދުންކޮޅުގެ ސަބަބުންނެވެ. ޑިސަނަޔަކަ ހުންނެވީ ރޫޖެހިފައިވާ, އަޅި ކުލައިގެ ކުރުތާއަކާއި ކަޅު ފަޓްލޫނެއް ތުރުކުރައްވައިގެންނެވެ.

"ރަސްމީ ދަތުރުފުޅެއްގައި ކީއްވެ އެހާ އާދައިކޮށް؟"

ފުރަމާނަ ދަތުރުފުޅުގައި ލަންކާގެ ރައީސް ރާއްޖެ ވަޑައިގަތުން: އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
މިއީ ގިނަ ދިވެހީން އުފެއްދި ސުވާލެކެވެ. އެ ބަހުސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އެބަކުރެވެއެވެ. އެ މީހަކަށް ފެންނަ ރައުޔެއް އެ މީހަކު އަންނަނީ ހާމަ ކުރަމުންނެވެ. އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޑިސަނަޔަކައިގެ މި އާދައިގެ ހެނދުންކޮޅު ގުޅުވަނީ ލަންކާގެ އިގުތިސާދީ ހާލަތާއެވެ.

"އޭނާގެ ގައުމު އޮތް ހާލަތު އޭނާއަށް އެނގެއެވެ. ސަރުކާރުގެ ހަރަދުތައް ކުޑަ ކުރިއެވެ. އެންމެ އާދައިގެ މީހުންގެ ތަކުލީފުތަކަށް ލުއި ގެނައެވެ. އަމިއްލަ އުފެއްދުންތެރިކަން ދަނީ އިތުރުކުރަމުންނެވެ. ބަނގުރޫޓްވުމާ ގާތުގައި އޮތް ގައުމު މިއަދު ދަނީ އިގުތިސާދީ ކުރިއެރުން ހޯދަމުންނެވެ. ރައްޔިތުން ކައިރީ އިޑިއައްޕަނާ, ކިރުގަރުދިޔަ ކާން ބުނެފައި ސަރުކާރުން ބޭކާރު ހަރަދުތައް ނުކުރެވެ. ލަންކާގެ ރައީސްގެ ކިބައިން ދަސްކުރަންވީ ފިލާވަޅަކީ މިއެވެ," މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހެރިޓޭޖް އެންޑް ކަލްޗަރަލް މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި, ޝައްމޫން ޖަލީލް (ލޫކަސް) ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެއެވެ.

ލޫކަސްގެ އެ ހިޔާލާ އެއްގޮތަށް ލިޔެފައިވާ އެހެން ގިނަ ޕޯސްޓްތަކެއް ވެސް ސޯޝަލް މީޑިއާއިން ފެނުނެވެ. އެ ވާހަކަ އެ މީހުން ދައްކަނީ ސަބަބުތަކެއް ވެސް ދައްކައިގެންނެވެ. އެއީ މިދިޔަ އަހަރު ޑިސަނަޔަކަ ލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ފެށިގެން ލަންކާގެ އިގުތިސާދު އޮތީ އައިސީޔޫގައި ކަމަށް ވާތީއެވެ. ކޮރަޕްޝަނާއި ކޮވިޑާއެކު ކުރިމަތިވި އެތައް ގޮންޖެހުމަކާ އެކު ބޭރު ފައިސާގެ ރިޒާވް ދަށްވެ، ކާބޯތަކެއްޗާއި ތެލާއި އެ ނޫން ވެސް ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާނެ ތަކެތި ލިބުން ދަތިވެ, އެތައް މަސްތަކެއް ވަންދެން ރައްޔިތުން އުޅުނީ ދަތި ދިރިއުޅުމެކެވެ. އޭގެ ސަބަބުން ކުރި މުޒާހަރާތަކާ ގުޅިގެން ރާޖަޕަކްސާގެ އާއިލާ ވެރިކަމުން ދުރުކޮށް ދެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި, ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހާއާއި އޭގެ ފަހުން މިދިޔަ އަހަރުގެ ފަހުކޮޅު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޑިސަނަޔަކަގެ އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން ލަންކާގެ އިގުތިސާދު މިހާރު އަންނަނީ ހަމަ ނޭވާލަމުންނެވެ.

އާދައިގެ ހެދުންކޮޅާއި އިގުތިސާދާ ގުޅުމެއް ވޭތަ؟

މިގޮތަށް އާދައިގެ ހެދުންކޮޅެއް ތުރުކުރައްވައިގެން ހުންނެވުމަކީ ޑިސަނަޔަކައަށް އާ ކަމެއް ނޫނެވެ. މިދިޔަ އަހަރު ސެޕްޓެންބަރު މަހު ބޭއްވި ލަންކާގެ ތާރީޚުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރެއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި, ނެޝަނަލް ޕީޕަލްސް ޕާޓީ (އެންޕީޕީ) އެލަޔަންސްގެ ކެންޑިޑޭޓް ޑިސަނަޔަކަ ގިނައިން ފެންނަނީ މިފަދަ ގޮތަކަށެވެ.

ސްރީލަންކާގެ ނޫސްތަކާއި ޑިސަނަޔަކައިގެ ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު އާދައިގެ ގޮތަށް ހެދުންކޮޅު ތުރުކުރެއްވުމާއި ލަންކާގެ އިގުތިސާދީ ހާލަތަކާ އެއްވެސް ގުޅުމެއް ނެތެވެ. މިއީ އެއަށް ވުރެ ބޮޑަށް ޑިސަނަޔަކަގެ އަމިއްލަފުޅު މިޒާޖުފުޅާ ގުޅުން ހުރި ކަމެކެވެ.

"އެއްވެސް ގޮތަކަށް ލަންކާގެ އިގުތިސާދާއި ރައީސްގެ އެ ހެދުން އެޅުއްވުމާ ގުޅުމެއް ނެތް. ރައީސް ގިނައިން ހުންނަވާ ގޮތް އެއީ. ކޯޓުވެސް ލައްވާ. އެކަމަކު އެއީ ވަރަށް މަދުން. ގިނައިން ހުންނަވާނީ ވަރަށް އާދައިގެ ގޮތަކަށް," ލަންކާގެ ސީނިއާ ނޫސްވެރިއަކާ މި ސުވާލު މިއަދު ކުރުމުން ވިދާޅުވިއެވެ.

"އެއީ އެއްވެސް ގޮތަކަށް ރާއްޖޭގެ ދަތުރުފުޅަށް އިހުތިރާމު ދަށް ކުރުމެއް ވެސް ނޫން. އެއީ ހަމަ ރައީސް އާއްމުކޮށް ހުންނަވާ ގޮތް،"

ލަންކާގެ ގައުމީ މީޑިއާ ސްޓޭޝަންގައި މަސައްކަތް ކުރައްވާ އެ ނޫސްވެރިޔާ އެ ވިދާޅުވި ވާހަކަ ޑިސަނަޔަކައިގެ ސޯޝަލް މީޑިއާ ފޮޓޯތައް ހެކިދެއެވެ. މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ރައީސް ނަރަންދްރަ މޯދީއާއި އިންޑިއާގެ ރައީސާ ބައްދަލުކުރެއްވެވިއިރު ވެސް ޑިސަނަޔަކަ ހުންނެނީ ލަންކާގެ ގައުމީ ހެދުމެއް ކަމަށްވާ ކުރުތާ ތުރުކުރައްވައިގެންނެވެ. އަދި، ސަރުކާރުގެ ރަސްމީ ގިނަ ބައްދަލުވުންތަކެއްގައި ވެސް އޭނާ ހުންނަވަނީ ހަމަ އެގޮތަށް ކުރުތާ ތުރުކުރައްވައިގެންނެވެ. ނަމަވެސް، ޗައިނާއަށް ކުރެއްވި ދަތުރުފުޅާއި އަދި އެހެނިހެން ބައެއް ރަސްމީ ހަރަކާތްތަކުގައި ކޯޓް ވެސް ތުރުކުރައްވާފައިވެއެވެ. އެކަމަކު އެއީ މަދު ފަހަރެއްގައެވެ. ގިނައިން ހުންނަވަނީ އާދައިގެ ހެދުންކޮޅެއްގައެވެ.

ދިވެހި ހާރިޖީ ދާއިރާގެ ތަޖުރިބާކާރަކު ވަނީ އެހެން ސަބަބެއް ވެސް “ސަން” އަށް ކިޔައިދެއްވާފައެވެ. އެ ދާއިރާގެ އުސޫލުތައް ހުންނަގޮތުން މިލެވެލްގެ ދަތުރުފުޅުތަކުގައި އާއްމުކޮށް ރައީސް މަރުހަބާ ވިދާޅުވާނީ މާލެ ވަޑައިގަންނަވާ ހިސާބުން ޖުމްހޫރީ މައިދާނުންނެވެ. ދަތުރުފުޅުގެ ރަސްމީ ބައި ފެށޭ ހިސާބަކީ އެއީއެވެ.

“އާއްމުކޮށް މިނިސްޓަރު ލެވެލްގެ ބޭފުޅުން އެއާޕޯޓުން މަރުހަބާ ދަންނަވާނީ. މި ފަހަރު ވެދާނެ ވަރަށް ފަހުން ނޫންތޯ މޯދީ ވަޑައިގެންނެވީ. އެހެންކަމުން މޯދީއަށް މަރުހަބާ ދަންނަވަން ރައީސް ވަޑައިގެންފައި މިއަދު ވަޑައިނުގެންނަމަ ތަންކޮޅެއް އެހެން ގޮތެއް އިހުސާސް ވެދާނެތީ ކަމަށް. އެކަމަކު އާއްމުކޮށް ޕްރޮޓޮކޯލް އޮންނަ ގޮތެއް ނޫން ރައީސް ވަޑައިގަތުމަކީ” އެ ބޭފުޅާ ވިދާޅުވިއެވެ.

“އޭގެ ހެއްކެއް ނޫންތޯ އެއާޕޯޓުން ރައީސް މަރުހަބާ ދަންނަވާފައި އެކުގައި ވީއައިޕީގައި ހުންނަވާފައި އަނެއްކާ މާލެއިން މަރުހަބާ ދެންނެވުމަކީ އެހާ ހަމަ ޖެހޭ އުސޫލެއް ނޫންނެއްނޫންތޯ. އަސްލު ރައީސް މަރުހަބާ ދެންނެވުން އޮންނާނީ މާލެއިން.”

ޑިސަނަޔަކައަށް ރަސްމީކޮށް މަރުހަބާ ދަންނަވާފައި ވަނީ މިއަދު ހަވީރު ޖުމްހޫރީ މައިދާން ސަރަހައްދުންނެވެ. އެ ރަސްމިއްޔާތައް ވަޑައިގެންނެވިއިރު ޑިސަނަޔަކަ ހުންނެވީ ކޯޓްކޮޅު ތުރުކުރައްވައިގެންނެވެ.

އާދައިގެ އާއިލާއެއްގެ ހިތްތިރި ބޭފުޅެއް

ޑިސަނަޔަކަ ނިސްބަތްވެވަޑައިގަންނަވަނީ އަނޫރަދަޕޫރާ ޑިސްޓްރިކްޓުގެ ތަމްބުތެގަމަ އަވަށުގެ އާދައިގެ އާއިލާއަކަށެވެ. މަސައްކަތު މީހެއްގެ ގޮތުގައި ވަޒީފާ އަދާކުރެއްވި ބައްޕައަކާއި ގޭގައި މަސައްކަތް ކުރެއްވި މަންމައަކަށެވެ. ޑިސަނަޔަކަ 1987 ވަނަ އަހަރު ކޮލެޖުގައި ތައުލީމު ހާސިލުކުރައްވަމުން ސިޔާސީ މަސައްކަތް ފެއްޓެވިއިރު ވެސް ރައީސްކަމާ ހަވާލުވެވަޑައިގަންނަވަން ދެން ވެސް އަދި މިހާރު ވެސް ގިނައިން ހުންނަވަނީ ވަރަށް އާދައިގެ ގޮތަކަށެވެ.

https://www.sun.mv/197031

މިއީ ލަންކާއަށް ބަލާއިރު އާ ކަމެއް ވެސް ނޫނެވެ. އެ ގައުމުގެ ކުރީގެ ރައީސުން ކަމަށްވާ މަހިންދަ ރާޖަޕަކްސައާއި މައިތިރިޕާލަ ސިރިސޭނާ ފަދަ ބޭފުޅުން ވެސް މުޅިންހެން ހުންނަވާނީ ސަގާފީ ހެދުންކޮޅުގައެވެ. އަދި އަވައްޓެރި އިންޑިއާއާއި ބަންގްލަދޭޝް ފަދަ ގައުމުތަކަށް ބެލި ނަމަވެސް އެ ގައުމުގެ ސަގާފީ ހެދުމުގައި ސިޔާސީ ބޭފުޅުން ތިއްބެވުމަކީ އާއްމު ކަމެކެވެ.

ޑިސަނަޔަކަށް ބަލާއިރު އެ މަނިކުފާނަކީ ސޯޝަލިސްޓް ފިކުރުގެ ބޭފުޅެކެވެ. އެއީ، ގައުމުގެ ވަސީލަތްތަކާއި ސިނާއަތްތަކާއި މުއްސަނދިކަން އަމިއްލަ މީހުން ނުވަތަ ކުންފުނިތަކުން ހިންގުމުގެ ބަދަލުގައި އާންމު ގޮތެއްގައި ސަރުކާރުން އެކަންކަން ކުރަން ތާއީދުކުރާ ފިކުރެކެވެ.

ސިޔާސީ މީހުންގެ ކޮރަޕްޝަނާއި އިސްރާފުގެ ސަބަބުން ސިޔާސީ ކަންކަމުން މާޔޫސްވެފައިވާ ލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ޑިސަނަޔަކަ އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކައަކީ ވެސް ކޮރަޕްޝަން ނައްތާލައި ހަރަދު ކުޑަ ކުރައްވާނެ ވާހަކައެވެ. ޑިސަނަޔަކަ ވަނީ ސަރުކާރުގެ އެންމެ މަތީފަޑީގެ ޚަރަދުތައް ކުޑަކުރުމަށް ވެސް ވައުދުވެވަޑައިގެންފައެވެ. އެގޮތުން، ރައީސްގެ ރަސްމީ ގެކޮޅުތައް މަދުކުރުމާއި ކުރީގެ ރައީސުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ލިބިދޭ ބައެއް އިނާޔަތްތައް ކަނޑާލުން ހިމެނެއެވެ. އެކަންކަން އޭނާ ގެންދަވަނީ ތަންފީޒު ވެސް ކުރައްވަމުންނެވެ.

މިދިޔަ މާރިޗު މަހު ލަންކާގެ ސަރުކާރުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު ޑިސަނަޔަކަ ރަސްމީ ދަތުރުފުޅުތަކުގައި އިންޑިއާއާއި ޗައިނާގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ވަޑައިގަތުމަށް އެ ގައުމުގެ ބަޖެޓުން ޚަރަދު ކުރައްވާފައިވަނީ އެންމެ 6000 އެމަރިކާ ޑޮލަރެވެ. މިއީ ގިނަ ބައެއްގެ ލޯބި ޑިސަނަޔަކައަށް އިތުރަށް ލިބުނު ކަމެކެވެ.

ޑިސަނަޔަކަގެ އާދައިގެ ފެނިލުން ގިނަ ދިވެހީން ދެން ގުޅުވަނީ ރާއްޖޭގެ ހާލަތާއެވެ. ލަންކާއަށް އިގުތިސާދީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކުން ދިވެހީން އިބުރަތް ހާސިލުނުކުރާ ވާހަކައާއެވެ. ދަރަނީގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ރާއްޖޭގެ ސަރުކާރުން ސިޔާސީ މަގާމުތައް އިތުރުކުރުމާއި ހަވާއެރުވުން ފަދަ "އިސްރާފުތައް" ކުރަނީ ކަމަށް ފާޑުކިޔާ އާންމުން ބުނެއެވެ. އެއީ، ތެދަކަށް ވެދާނެއެވެ. އެކަމަކު، ބައެއް މީހުންނަށް ޑިސަނަޔަކަގެ އާދައިގެ ހެދުންކޮޅުން އެ ސިފަވީ އަދި ރަނގަޅަކަށް ނޫނެވެ. އެ ކަމާ އެ ގައުމުގެ އިގުތިސާދީ ހާލަތާ ގުޅުމެއް ނެތެވެ.

comment ކޮމެންޓް