ނަންބަރު ދޫކުރަން ފެށިތާ ކުޑަ ވަގުތުކޮޅެއް ތެރޭ އައިނު ފިހާރަ ކުރިމަތީ ދިގު ކިޔޫއެއް!

މާލޭ ހޮސްޕިޓަލް ގްރޫޕްގެ އައިނު ފިހާރަ ކުރިމަތީ ކިޔޫ ދަމާާލާފައި --- ސަން ފޮޓޯ

މާލޭ ހޮސްޕިޓަލް ގްރޫޕުގެ އައިނު ފިހާރަ އައިޖީއެމްއެޗުގައި ހުޅުވައި، ނަންބަރު ދޫކުރަން ފެށިތާ ގަޑިއިރެއް ނުވަނީސް މުޅި އެ ފިހާރަ ކުރިމަތީ ކިޔޫ ދަމާލައިފިއެވެ.

ފާހަގަކުރެވޭ ގޮތުގައި އާސަންދައިގެ ދަށުން އައިނު ހިލޭ ހެއްދުމުގެ މަގު ތަނަވަސްކޮށްދިނުމުގެ ބޭނުމުގައި ސަރުކާރުން ނަންބަރު އައިނު ހެދުމުގެ ޚިދުމަތް ރަސްމީކޮށް އިފުތިތާހުކުރީ އިއްޔެއެވެ. އައިޖީއެމްއެޗުން މިއަދު ކުރިން ބުނެފައިވާ ގޮތުގައި ކިޔޫ ނަންބަރު ދޫކުރަން ފަށާނީ މިއަދު މެންދުރުފަހު ދޭއްޖަހާކަން ހާއިރެވެ.

https://sun.mv/209132

"ސަން"އަށް ލިބިފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި، މާލޭ ހޮސްޕިޓަލް ގްރޫޕްގެ އައިނު ފިހާރަ ކުރިމަތީގައި ވަރަށް ބޮޑު ކިޔޫއެއް ދަމާލާފައި އެބައޮތެވެ.

އެންމެ ޒަމާނީ ވަސީލަތްތަކާއެކު ހުޅުވި މާލޭ ހޮސްޕިޓަލް ގްރޫޕްގެ އައިނު ފިހާރައިން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި ނަންބަރު ނެގުމާއި، ލެންސް ހެއްދުމާއި، ލޮލުގެ ޕްރެޝަރު ބެލުމާއި، ގްލަކޮމާ އެންމެ ފުރަތަމަ ސްޓޭޖުގައި ދެނެގަތުން ހިމެނެއެވެ.

މާލޭ ހޮސްޕިޓަލް ގްރޫޕުގެ އައިނު ފިހާރަ ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރު ހޮސްޕިޓަލްތަކުން ލޮލުގެ އެކި ބަލިބައްޔަށް ބޭސްކުރެވެއެވެ. ނަމަވެސް "އެމްސީޖީއެޗް އޮޕްޓިކަލްސް"ގެ ނަމުގައި ސަރުކާރުން އައިނު ހެއްދުމުގެ ޚިދުމަތް މި ފެށީ އަލަށެވެ. އައިނު ހެއްދުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެނީ ޕްރައިވެޓް ކްލިނިކްތަކުންނެވެ. އައިނު ހެއްދުމަށް ބޮޑު ޚަރަދެއް އަބަދު ވެސް ހިނގާއިރު، މިދިޔަ މޭ މަހުގެ ނިޔަލަށް އާސަންދައިން އައީ މިކަމަށް 1،000 ރުފިޔާ ކަވަރުކޮށްދެމުންނެވެ.

މާލޭ ހޮސްޕިޓަލް ގްރޫޕްގެ އައިނު ފިހާރަ ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ނަމަވެސް، ސަރުކާރުންދޭ 1000 ރުފިޔާއާ ނުލައި އައިނުގެ ޚިދުމަތަށް އާންމުންގެ އަތުން ބޮޑު ޚަރަދެއް ކުރަން ޖެހޭތީ ޝަކުވާ ބޮޑެވެ.

އެހެންވެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އާސަންދައިން އައިނަށް ކަވަރުކޮށްދޭ އަދަދު 2،000 ރުފިޔާއަށް އިތުރުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާލޭ ހޮސްޕިޓަލް ގްރޫޕްގެ ތެރެއިން އައިނު ހެއްދުމުގެ ޚިދުމަތް ފެށުމަށް އަންގަވައިފައެވެ.

އައިޖީއެމްއެޗްގައި މި ޚިދުމަތް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލެ ހޮސްޕިޓަލް ގްރޫޕްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުގައި އަންނަ މަހު މި ޚިދުމަތް ފަށައި ކުރިއަށް ހުރި ދުވަސްތަކުގައި ރީޖަނަލް ހޮސްޕިޓަލްތަކަށް ވެސް މި ޚިދުމަތް ފުޅާކުރާނެ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ރައްޔިތުންނަށް ހިލޭ އައިނު ހެއްދުމަށް މަގުފަހި ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް