އަވައްޓެރި ސްރީ ލަންކާގެ ކުރީގެ ޔޫތު މިނިސްޓަރު އަދި، އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ކައިވެނި ޕާޓީއަކަށް ދިވެހިރާއްޖޭގައި ހުންނަވަނިކޮށް، އޭނާ ހައްޔަރުކުރުމުގެ އަމުރެއް ލަންކާގެ ހަންބަންޓޯޓާގެ މެޖިސްޓްރޭޓް ކޯޓުން މިއަދު ނެރެފިއެވެ.
މި އަމުރު ނެރުނުއިރު ނަމާލް ވަނީ މިއަދު ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ ވެސް ރާއްޖެ ވަޑައިގެން ފްލައިޓުގައި ރާއްޖެ ވަޑައިގެންފައެވެ. ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ރާއްޖެ ވަޑައިގަތީ މި ގައުމުގައި އޮތް ކައިވެނި ޕާޓީއެއްގައި ބައިވެރިވާށެވެ.
އެ ގައުމުގެ ނޫސްތަކުގައި ވާގޮތުން ދެ ބޭފުޅުން ވެސް މިއަދު ރާއްޖެ ވަޑައިގަތީ ސްރީލަންކަން އެއާލައިންސްގެ ފްލައިޓް ޔޫއެލް - 101 ގެ ބިޒްނަސް ކަލާހުގައެވެ.
އެ ގައުމުގެ އާ ރައީސް އަނޫރާ ފުރަތަމަ ފަހަރަށް މިއަދު ރާއްޖެ ވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައެވެ. އެ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރަން މަޝްވަރާކުރައްވާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ނަމާލް ހައްޔަރުކުރުމުގެ އަމުރެއް އެ ގައުމުގެ ކޯޓުން ނެރުނީ އޭނާއާ ދެކޮޅަށް އުފުލާފައިވާ ކޮރަޕްޝަނާއި މަނީލޯންޑްރިންގެ ދައުވާތަކުގެ ޝަރީއަތަށް ކޯޓަށް ހާޒިރުނުވެގެންނެވެ. ކޯޓަށް ހާޒިރުވާން މީގެ ކުރިން ކޮށްފައިވާ އަމުރުތަކަށް ވެސް އޭނާ ތަބާވެފައެއް ނުވެއެވެ.
އެ މައްސަލައިގައި މީގެ ކުރިން ނަމާލް ހައްޔަރު ވެސް ކުރިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ލަންކާގެ މިހާރުގެ ރައީސް ޑިސަނަޔަކަ ކާމިޔާބުކުރެއްވީ މިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ނަމާލް ވާދަކުރެއްވިއެވެ.
ލަންކާގެ މާލީ ހާލަތު ގޯސްވެ، ގޮޓަބަޔާ ރާޖަަޕަކްސާގެ ސަރުކާރަށް ހާލަތު މެނޭޖުކުރެވޭ ގޮތެއް ނުވިއެވެ. ލަންކާގެ ރައްޔިތުންގެ ހާލަތު ގޯސްވެ، ސަރުކާރަށް އޮތް ނަފުރަތު ބޮޑުވެ މަސް ދުވަހުގެ މުޒާހަރާތައް ކުރިއެވެ. އެންމެ ފަހުން ރިޔާސީ ގަނޑުވަރަށް އާންމުން ވަދެގަނެ، އިސްތިއުފާދެއްވައި، ފިއްލަވަން ގޮޓަބަޔާއަށް މަޖުބޫރުވިއެވެ.