އެންމެ ބޮޑު ދުވުމުގެ އިވެންޓު، ދިރާގު ރޯޑު ރޭހުގައި ބައިވެރިވާން ހުޅުވާލައިފި

އެންމެ ބޮޑު ދުވުމުގެ އިވެންޓު، ދިރާގު ރޯޑު ރޭހުގައި ބައިވެރިވާން ހުޅުވާލައިފި --

ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ދުވުމުގެ އިވެންޓް، ދިރާގު މޯލްޑިވްސް ރޯޑު ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގުން ވަނީ، އޯޕަން ކެޓަގަރީގެ ފަސް ކިލޯމީޓަރާއި ދިހަ ކިލޯމީޓަރާއި ހާފް މެރަތަން ނުވަތަ 21.1 ކިލޯމީޓަރުގެ އިތުރުން، އޮފީސް ކެޓަގަރީގެ ފަސް ކިލޯމީޓަރާއި ސްކޫލް ކެޓަގަރީގެ ފަސް ކިލޯމީޓަރުގެ ރަޖިސްޓްރޭޝަނަށް މިއަދު ހުޅުވާލައިފައެވެ.

ދިރާގުން ބުނީ، ރޯޑު ރޭހުގެ 16 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ވަނަވަނައަށް ދާ ދުވުންތެރިންނަށް ބޮޑެތި ފައިސާގެ އިނާމު ލިބޭ، މި އަހަރުގެ އެޑިޝަންގައި ދިރާގުން ނިންމާފައިވަނީ ވަނަވަނައަށް ދާ ދުވުންތެރިންނަށް ޖުމްލަ 280،000 ރުފިޔާއެއް ދިނުމަށެވެ.

ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، މި އަހަރުގެ ދިރާގު ރޯޑް ރޭހުގައި ދުވުންތެރިންނަށް އާ ރޫޓެއް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އުންމީދަކީ މި އަހަރުގެ އިވެންޓުގައި ވެސް ބައިވެރިވާ ދުވުންތެރިން އިތުރުވެގެން ދިއުން ކަމަށެވެ.

"އަދި އަޅުގަނޑުމެންގެ އަމާޒަކީ ޑީއެމްއާރްއާރް މެދުވެރިކޮށް ވާދަވެރި ދުވުމާއި ގިނަ މީހުންގެ ބަިއވެރިވުން ހިމެނޭގޮތަށް ދުވުމުގެ ސަގާފަތް އިތުރަށް ވަރުގަދަކޮށް ދުޅަހެޔޮ ސިއްހަތު ކުރިއެރުވުން،" އޭނާ ވިދާޅުވިއެވެ.

ދިރާގު ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޫޓަކާއެކު ބައިނަލްއަގުވާމީ މެރަތަން އަދި ޑިސްޓެންސް ރަނާސްގެ އެސޯސިއޭޝަން (އެއިމްސް)ގެ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމުގެ އިވެންޓްކަން ފާހަގަކުރެވެއެވެ.

މިދިޔަ އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ދިރާގު ރޯޑު ރޭސް ޚާއްސަކޮށްފައިވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށެވެ.

comment ކޮމެންޓް