ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަނީ

ސާފް ޗެމްޕިއަންޝިޕް 2023 ގައި ބަންގުލަދޭޝް ކޮޅަށް ގޯލު ޖެހުމަށްފަހު ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) އުފާފާޅުކުރަނީ -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުމުގެ އަލިމަސް ޔޫބީލް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާ، އެ ކަމަށް ޚާއްސަ ހިންގާ ކޮމިޓީއެއް އުފެއްދުމަށް އެފްއޭއެމުގެ އާ އެކްސްކޯއިން ނިންމައިފިއެވެ.

މި އަހަރަކީ ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރޭ އަހަރެވެ. މި ނިންމުން ނިންމާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބީ ކޮންގްރެސްގައި އެފްއޭއެމްގެ ރައީސްކަމަށް ވަޑައިގެންނެވި އަހްމަދު ތޯރިގް (ޓޮމް)ގެ އެކްސްކޯއިންނެވެ.

އެފްއޭއެމްގެ އާ އަސާސީ ގަވާއިދުގެ އިންތިގާލީ މާއްދާތަކުން އަލިމަސް ޔޫބީލް މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރަން ވަނީ ލާޒިމުކޮށްފައެވެ.

އަހްމަދު ތޯރިގް (ޓޮމް)ގެ އެކްސްކޯއިން އަލިމަސްޔޫބީލް މުނާސަބަތު ފާހަގަކުރުމުގެ ހަރަކާތްތައް ހިންގަން އުފައްދާ އެ ކޮމިޓީއަށް ދީފައިވާ ނަމަކީ "ޑައިމަންޑް ޖުބްލީ ކޮމިޓީ"އެވެ.

މި ކޮމިޓީއަށް މެންބަރުން އައްޔަނުކުރަން ކެންޑިޑޭޓުންގެ ނަންތައް ފޮނުވުމުގެ ފުރުސަތު ހުޅުވާލުމަށް ވެސް ވަނީ ނިންމާފައެވެ. ކޮމިޓީއަށް ނަން ހުށައެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ 2:00 ޖެހުމުގެ ކުރިންނެވެ.

ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުން ފާހަގަކުރަން ނިންމިއިރު، ދިވެހި ފުޓުބޯޅަ އޮތީ ފުން އަނދަވަޅެއްގެ ތެރޭގައެވެ. ބޮޑެތި ދަރަނިތަކާ އެކު ކުލަބުތަކާއި ފުޓުބޯޅައިގެ ގިނަ ވަސީލަތްތައް ހުރީ ބޭނުންކުރެވޭ ހާލަތެއްގައެއް ނޫނެވެ. ހޮނިހިރު ދުވަހު އެފްއޭއެމްގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ޓޮމްގެ އެންމެ ބޮޑު ޒިންމާއަކަށް ވާނީ މި ދަރަނިން ސަލާމަތްވެ ފުޓުބޯޅަ ހަމަމަގަށް އެޅުވުމެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީ ސިފައެއްގައި ފުޓުބޯޅަ މުބާރާތެއް ބާއްވާފައިވަނީ 1948 ގައެވެ. އެއާއެކު 1950 ގައި ފުޓުބޯޅައަށް އޮފީހެއް ހެދިއިރު، 1978 ގައި ފުރަތަމަ ފަހަރަށް ގައުމީ ޓީމެއް އެކުލަވާލިއެވެ. އެންމެ ފުރަތަމަ މުބާރާތަކީ އެ އަހަރު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއެވެ.

އެފްއޭއެމް 1982 ގައި އުފެދުމަށް ފަހު ދިވެހި ފުޓުބޯޅައަށް 50 އަހަރު ކުލަގަދަކޮށް ވަނީ ފާހަގަ ވެސް ކޮށްފައެވެ. ގޯލްޑަން ޖުބިލީ ފުޓުބޯޅަ މުބާރާތުގައި ރާއްޖެއާއި ލަންކާގެ ގައުމީ ޓީމު ވަނީ ވާދަކޮށްފައެވެ.

comment ކޮމެންޓް