އަތޮޅާއި ޒޯން ފުޓުބޯޅަ މުބާރާތްތައް އަލުން ފަށަނީ

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މާޅެންދުއާއި ލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން ---

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އަތޮޅު އަދި ޒޯން ފުޓުބޯޅަ މުބާރާތް ނުވަތަ ލީގު އަލުން ފެށުމަށް އެ އެސޯސިއޭޝަނުން ނިންމައިފިއެވެ.

މިއީ އެފްއޭއެމުގެ އަސާސީ ގަވާއިދުގެ 86 ވަނަ މާއްދާގައި ބަޔާންކުރާ ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް އެފްއޭއެމުން ބުނެއެވެ. މި ނިންމުން ނިންމީ އެފްއޭއެމްގެ އާ އެކްސްކޯގެ ފުރަތަމަ ބައްދަލުވުމުގައެވެ.

ކޮމިޓީތަކަށް މެންބަރުން ހޮވުމަށް ނިންމާފައިވާއިރު، މުބާރާތުގެ ތާވަލު ރާވާނީ ހިންގާ ކޮމިޓީއަށް މެންބަރުން ނެގުމަށް ފަހު ކަމަށް އެފްއޭއެމުން ބުނެއެވެ.

ކުރިން އަތޮޅު އަަދި ޒޯން ފުޓުބޯޅަ މުބާރާތަކީ ރާއްޖޭގެ ފުޓުބޯޅައިގެ ގިނަ އަދަދެއްގެ ކުޅުންތެރިން އުފެއްދި މުބާރާތެކެވެ. ނަމަވެސް، މާލީ ގިނަ މައްސަލަތަކާ ގުޅިގެން އެ މުބާރާތް މެދުކެނޑިފައި އޮތުމަށް ފަހު އަލުން އަނެއްކާ ވެސް ފަށަނީ ލީގު ފޯމެޓަށް މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ.

އެފްއޭއެމުން ރާއްޖެ ބަހާލާ ހަތަރު ޒޯނު

  • ނޯތު ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ)
  • ސެންޓްރަލް ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކ، އއ، އދ، ވ، މ، ފ، ދ)
  • ސައުތު ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ)
  • މާލެ ރީޖަނަލް ފުޓްބޯލަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (މާލެ ސިޓީ ކްލަބުތައް، ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނުގެ ކްލަބްތައް)
comment ކޮމެންޓް