ދާދި އަވަހަށް އިންޑިއާ ފަތުރުވެރިންނަށް ރުޕީސްއިން ޚިދުމަތް ހޯދޭނެ: ޒަމީރު

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ އެކު ޒަމީރު: ޒަމީރު ވިދާޅުވި ދާދި އަވަހަށް އިންޑިއާ ފަތުރުވެރިންނަށް ރުޕީސް ބޭނުންކުރެވޭނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ވަރަށް އަވަހަށް އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖޭގައި ރުޕީސްއިން ޚިދުމަތް ހޯދޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް ދެ ގައުމުގެ ފައިސާ ބޭނުންކޮށް ކުރެވޭ ގޮތް ހަދައި އެ ނިންމުމަށް އަމަލުކުރަން ފެށީ މިދިޔަ މާރިޗު މަހުގެ މެދުތެރޭގައެވެ. އެ ކަމާ ގުޅޭ ފަހުމުނާމާގައި ސޮއިކުރީ މިދިޔަ ނޮވެންބަރު މަހެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ވިއޯން"އަށް ދެއްވި ބަސްދީގަތުމެއްގައި ޒަމީރު ވިދާޅުވީ، މި ނިންމުުމުގެ ސަބަބުން ދިވެހި ވިޔަފާރިތަކުން އިންޑިއާގައި މުއާމަލާތުކުރުމަށާއި އިންޑިއާ ފަތުރުވެރިން ރާއްޖޭގައި ޚިދުމަތް ހޯދުމަށް ފަސޭހަވާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވި ގޮތަށް ޒަމީރު ވެސް ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދަތުރުފުޅަށް ފަހު އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވާނެ ކަމަށެވެ.

"ސަރުކާރުން މެދުކެނޑުމެއް ނެތި މި ދަނީ ދިވެހިރާއްޖެއަށް އިންޑިއާ ފަތުރުވެރިން އިތުރުކުރުމަށް މަސައްކަތްކުރަމުން، އިންޑިއާގެ ދައުރު ރާއްޖޭގައި ވަރަށް ބޮޑު،" ޒަމީރު ވިދާޅުވިއެވެ.

އިންޑިއާއާއި ރާއްޖޭގެ ފްރީ ޓްރޭޑް އެއްބަސްވުމާ (އެފްޓީއޭ) ގުޅޭ ގޮތުން ޒަމީރު ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދަތުރުފުޅުގެ ތެރެއިން އެ ކަމަށް ބިންގާ އެޅިފައިވާ ކަމަށާއި އެފްޓީއޭގެ ސަބަބުން އިންޑިއާގެ ގިނަ ވިޔަފާރިތަކުން ރާއްޖެއާ އެކީ ވިޔަފާރިކުރުމަށް ޝައުގުވެރިކަން އިތުރުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެފްޓީއޭގެ ސަބަބުން ކްރޮސް-ބޯޑާ ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.

ޒަމީރު ވަނީ އިންޑިއާގެ ރުޕީސް އެކައުންޓް ހުޅުވޭ ގޮތް ބީއެމްއެލުން ހަދާފައިވާކަން ފާހަގަކުރައްވައިފައެވެ.

މިދިޔަ ހުކުރު ދުވަހު ބީއެމްއެލުން ބުނީ، އަންނަ އޮގަސްޓް މަހުން ފެށިގެން އެ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް، ދިވެހީންނާއި ވިޔަފާރިތަކާއި ބިދޭސީން ވެސް ހިމެނޭހެން އޮންލައިންކޮށް ރުޕީ އެކައުންޓް ހުޅުވޭނެ ކަމަށާއި މި އެކައުންޓްތަކަށް ބީއެމްއެލްގެ ބްރާންޗްތަކުން ފައިސާ ޖަމާކުރެވޭނެ ކަމަށެވެ.

މިގޮތުން އިންޑިއަން ރުޕީގެ 500 ރުޕީސް ނޫޓުން ފެށިގެން މަތީ އަދަދުތަކުގެ ނޫޓުތައް ޖަމާކުރެވޭނެ ކަމަށާއި އިންޑިއާއިން ރެމިޓެންސްގެ ގޮތުގައި ގެންނަ ފައިސާ މިގޮތަށް ހުޅުވާ އެކައުންޓްތަކަށް ޖަމާކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އޭގެ އިތުރުން، އިންޑިއާއަށް ފައިސާ ފޮނުވުމުގައި ވެސް މި އެކައުންޓްތައް ބޭނުންކުރެވޭނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި އިންޑިއާއިން ވަނީ ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް މިދިޔަ އޮކްޓޯބަރު މަހު ހަދައިފައެވެ. ރުޕޭ ކާޑު މަސައްކަތްކުރަނީ ބޭނުންކުރާ ވިސާ، މާސްޓާކާޑް ފަދައިންނެވެ. މިހާރު ބީއެމްއެލުންވަނީ ރުޕޭ ކާޑަކީ ވެސް ބަލައިގަންނަ ކާޑެއްގެ ގޮތުގައި ހަދައިފައެވެ. އެކަމަކު، ބީއެމްއެލުން ރުޕޭ ކާޑު ހަދަން ފަށަނީ ކޮންއިރަކުންތޯ ސުވާލުކުރުމުން އަދި ޖަވާބެއް ނުލިބެއެވެ.

comment ކޮމެންޓް