މާލޭގެ ހަނިގޯޅިއެއްގައި ހުރި މ. ތަކަންދޫ ގެއިން އިއްޔެ ހަވީރު ވެއްޓުނު ފާރު މިހާރު ނަގައި ސާފުކޮށްފައިވާ ކަމަށާއި، ގެއްލުން ލިބުނު ގޭގެ މީހުން އަދިވެސް ދިރިއުޅެނީ އެ ގޭގައިކަން 'ސަން'އަށް އެނގިއްޖެއެވެ.
މާވެޔޮމަގު ކައިރީ އޮންނަ ގޯޅިއެއްގެ ތެރޭގައި ހުންނަ ތަކަންދޫގޭގެ ފާރު ވެއްޓުނީ އިއްޔެ ހަވީރު 17:00 ހާއިރެވެ. އެ އިންފާރު ވެއްޓި، އެ ގޭގެ ގްރައުންޑް ފްލޯގައި ހުރި އެޕާޓްމަންޓަށާއި، ޖެހިގެން ހުރި މ. ހަވާއީ ގެއަށް ވެސް ގެއްލުންތަކެއް ވިއެވެ. ހަވާއީ ގެއަކީ މިހާރު ވެސް ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރަމުންދާ ގެއެކެވެ.
'ސަން' އަށް އެނގިފައިވާ ގޮތުގައި، ސިޓީ ކައުންސިލާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ ޝެޑޯނެޓް ޕްރައިވެޓް ލިމިޓެޑްގެ އެހީތެރިކަމާއެކު މިހާރު ވެއްޓުނު ފާރުގެ ބައިތައް ނަގައި، އެ ތަން ވަނީ ސާފުކޮށްފައެވެ. އަދި ސިޓީ ކައުންސިލުން ވަނީ އެ ގެއަށް ލިބުނު ގެއްލުންތައް ބަލައިފައެވެ.

އިއްޔެ މާފަންނުގައި ހުރި ގެއަކުން ވެއްޓުނު ފާރު ނަގައި ސާފުކޮށްފި: ގެއްލުން ލިބުނު ގޭގައި މީހުން އަދިވެސް ދިރިއުޅޭ --
ތަކަންދޫ ގޭގައި ގާތްގަނޑަކަށް 28 މީހުން ދިރިއުޅޭ ކަމަށް 'ސަން' އާ ވާހަކަދެއްކި އެ ގޭގެ މީހަކު އިއްޔެ ބުންޏެވެ. އިއްޔެގެ ހާދިސާގައި ފުރަތަމަ އަދި ދެވަނަ ފަންގިފިލާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ތަކަންދޫ ގޭގެ ގްރައުންޑް ފްލޯގައި ހުރި އޭނާ ދިރިއުޅޭ އެޕާޓްމަންޓަށެވެ.
އޭނާ ކިޔައިދިން ގޮތުގައި ގޭގެ ބޭރުގައި ވަށައިގެން ރާނާފައިވާ އިންފާރު އެއްކޮށް ވެއްޓި، އެޕާޓްމަންޓުގެ ބިއްލޫރިތައް ތަޅައިގެން ގޮސް، ހިފާ ގެންގުޅޭ ސާމާނުތައް ވަނީ ހަލާކުވެފައެވެ.
އޭނާ ބުނި ގޮތުގައި ވެއްޓުނު ފާރަކީ ވަރަށް ދެރަ ހާލަތެއްގައި ހުރި ފާރެކެވެ. އެފަދަ ނުރައްކާތެރި ހާދިސާއެއް ހިނގައި މީހާކަށް އަނިޔާވެދާނެތީ މީގެ ކުރިން ވެސް އެ މައްސަލަ ސިޓީ ކައުންސިލަށާއި ފުލުހުންނަށް ރިޕޯޓުކުރި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މާ ބޮޑު އަޅާލުމެއް އޭރު ނުދިނީތީ ލިބުނު ގެއްލުން ބޮޑުކަން އޭނާ ފާހަގަކުރިއެވެ.

އިއްޔެ މާފަންނުގައި ހުރި ގެއަކުން ވެއްޓުނު ފާރު ނަގައި ސާފުކޮށްފި: ގެއްލުން ލިބުނު ގޭގައި މީހުން އަދިވެސް ދިރިއުޅޭ --
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
އެހެންނަމަވެސް ގެއްލުން ލިބުނު އެޕާޓްމަންޓުގައި އަދިވެސް އެމީހުން ދަނީ ދިރިއުޅެމުންނެވެ.
"އަޅުގަނޑުމެން މެނޭޖްކޮށްލައިގެން އަދިވެސް އުޅެމުން މިދަނީ ހަމަ،" އެ ގެއިން ވާހަކަދެއްކި މީހަކު ބުންޏެވެ.
އެކަމާ ގުޅިގެން ސިޓީ ކައުންސިލްގެ ބަހެއް ހޯދުމަށް އިއްޔެއާއި މިއަދު 'ސަން'އިން މަސައްކަތްކުރި ނަމަވެސް މިހާތަނަށް ވަނީ ލިބޭ ގޮތް ނުވެފައެވެ.