ކުރީގެ ފިރިމީހާއަށް ހަމަލާދީ މަރާލި މައްސަލައިގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ ޖަލު ހުކުމް ސުޕްރީމް ކޯޓަށް ލުއިކުރެވެން އޮތް ކަމަށް ދެކެވަޑައިގަންވަނާ ކަމަށް އެ މައްސަލަ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ކުރީގެ ފަނޑިޔާރު އަލީ ސަމީރު ވިދާޅުވެއްޖެއެވެ.
ކުރީގެ ފިރިމީހާއަށް ހަމަލާދީ މަރާލި މައްސަލައިގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓީ، މި އަހަރުގެ ފެބްރުއަރީ މަހު އޭރުގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ރިޔާސަތު ބެލެހެއްޓެވި، ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ 13ވަނަ ދުވަހު، ސުޕްރީމް ކޯޓުން އެ ހުކުމް ދެމެހެއްޓިއިރު، ޖޫން 2010 ގައި ނަޒާހާ ދިރިއުޅުނު ގޭގައި އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި އޭނާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2011ވަނަ އަހަރު ކުރި ހުކުމަށް 2014ވަނަ އަހަރު ހައި ކޯޓުން އޮތީ ތާއީދުކޮށްފައެވެ.
މި މައްސަލަ ހައިކޯޓުން ބެލި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ފަހުން ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި އަލީ ސަމީރު އަމިއްލަ ބްލޮގްގައި ވިދާޅުވީ، ނަޒާހާގެ މައްޗަށް ކޮށްފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓަށް ލުއި ކުރެވުނީސް ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ސަމީރު ވިދާޅުވީ، އެ މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ މައްޗަށާއި މަރުގެ މައްސަލަތަކުގައި ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް މިހާރު ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު، އެއީ ފެންނަ ގޮތް ކަމަށް އޭނާއަށް ގަބޫލުކުރެވޭތީއެވެ.
ނަޒާހާގެ މައްޗަށް ދަޢުވާ އުފުލުނު ޙާދިސާ ހިނގީ ޖޫން 22، 2010 އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅީ އޮކްޓޯބަރު 22، 2010 ގައެވެ. ކްރިމިނަލް ކޯޓުން މައްސަލަ ނިންމީ އޮގަސްޓް 7، 2011 ގައެވެ.
"ވާރިސުން މަޢާފު ކުރުމުން ވެސް ޤާތިލު އުމުރަށް ޖަލަށްލުން: ކިހިނެއްވާ ކަމެއް؟" މި މައުޟޫއަށް ސަމީރު ލިޔުއްވި އިލްމީ ދިރާސާގައި ނަޒާހާގެ މައްސަލައާ ގުޅޭ ގޮތުން ވިދާޅުވީ، އެ ޙާދިސާ ހިނގާދިޔައިރު ޢަމަލުކުރަމުންދިޔައީ، ދިވެހިރާއްޖޭގެ ކުރީގެ ޤާނޫނުލްޢުޤޫބާތަށާއި ދަޢުވާކުރީ އެ ޤާނޫނުގެ 88ވަނަ މާއްދާގެ (ހ)އާއި ޙަވާލާދީ (ރ)ގެ ދަށުން އަދަބު ކަނޑައެޅުމަށް ކަމަށެވެ.
ނަޒާހާގެ މައްޗަށް ކުރެވުނު ޙުކުމްގެ އިސްތިއުނާފާ ގުޅޭ ގޮތުން ތަފުސީލު ދެއްވަމުން ސަމީރު ވިދާޅުވީ، ހައިކޯޓުގައި ކުރެވުނު އިސްތިއުނާފު މައިގަނޑަކީ މަރްޔަމް ނަޒާހާގެ މައްޗަށް ސާބިތުވި ގަސްދު މަރުގެ ކުށުގެ ރުކުންތައް ސާބިތުނުވާ ކަމަށާއި ނަޒާހާގެ ޢަމަލަކީ ޖިނާއީ ގަސްދެއް އޮވެގެން ހިންގި ޢަމަލެއް ނޫން ކަމަށް ބުނެ ހުށަހެޅި ހުށަހެޅުން ކަމަށެވެ. އެ ކަންކަމުގެ މައްޗަށް ބަލައި ހައިކޯޓުން ދަށު ކޯޓުގެ ޙުކުމަށް ތާއީދުކުރިކަން ފާހަގަކުރައްވައި ސަމީރު އުފެއްދެވީ ސުވާލުތަކެކެވެ.
- ނަޒާހާގެ މައްޗަށް ދަޢުވާ އުފުލީ ކުރީގެ ޤާނޫނުލް ޢުޤޫބާތުންނެވެ. ޙާދިސާ ހިނގާދިޔައިރު، އަދި ނަޒާހާގެ މައްޗަށް ދަޢުވާ އުފުލާ ޙުކުމް ކުރިއިރު ވެސް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނެއް ވުޖޫދު ވެގެންނުވެއެވެ. އެ ޤާނޫނަށް ޢަމަލު ކުރަން ފެށުނީ މާ ފަހުންނެވެ. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަކީ، އެ ޤާނޫނު ހިންގުމުގައި ވަކި އިޖުރާއާތުތަކެއް އެކަށައެޅިފައިވާ އެ ޤާނޫނަށް ޢަމަލު ކުރުމުގެ ފަހަށް އެ ޤާނޫނުގައި ބުނާ އިޖުރާއާތުން ކަންކުރުމަށް އެކަށައެޅުނު ޤާނޫނެކެވެ. ނަޒާހާގެ މައްސަލައިގައި އެ އިޖުރާއާތުތައް ހިންގިފައި ނެތްއިރު އަދަބު ކަނޑައެޅުމުގައި އެ ޤާނޫނަށް ބެލުން ލާޒިމުވާނެތޯއެވެ؟
- ކުރީގެ ޤާނޫނުލްޢުޤޫބާތު އުވާލެވުނީ ފަހުގެ ޤާނޫނުލްޢުޤޫބާތަކަށް ޢަމަލު ކުރުމުގެ ގޮތުންނެވެ. ފަހުގެ ޤާނޫނުލްޢުޤޫބާތުގައި، މަރުގެ މައްސަލަތަކުގައި ކުރިން ދެމުންދިޔަ ތަޢުޒީރީ އަދަބަށް ލުއިތަކެއް ދީފައެވެ. މަރުގެ މައްސަލަތަކުގައި ދޭނެ އަދަބު ކަނޑައެޅުނު އެންމެ ފަހުގެ ޤާނޫނަކީ ވެސް އެއީއެވެ. މިއީ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައި ބުނާ ލުއި އަދަބަށް ނުވާނެތޯއެވެ؟
- ކުރީގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ދަޢުވާ ކުރެވުނު މައްސަލަތަކުގެ ތެރެއިން، މި ފަހުން ސުޕްރީމް ކޯޓުން ނިންމެވި މައްސަލަތައް ކަމުގައިވާ މުޙައްމަދު ނަޖާޙު ވ. ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް މައްސަލައާއި، ޢަބްދުﷲ ނަޡީފް ވ. ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ތަޢުޒީރީ އަދަބު ކަނޑައެޅުމުގައި ރިޢާޔަތް ކުރައްވާފައިވަނީ ފަހުގެ ޤާނޫނުލްޢުޤޫބާތުގެ 110 ވަނަ މާއްދާގެ (ހ) އަދި (ރ) އަށެވެ. މި އުޞޫލުން ނަޒާހާގެ މައްސަލަ ވެސް ބެލުނީސް ނޫންތޯއެވެ؟ (މި ދެ މައްސަލައަކީ، ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހިނގި މަރުގެ މައްސަލައެއް ކަމުގައި ނުވާތީ، މަރްޔަމް ނަޒާހާގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައެޅި އުޞޫލު ފަހަރުގައި ބޭނުންނުކުރީ ކަމުގައި ވެދާނެއެވެ).
- މަރުގެ މައްސަލަތަކުގައި ދަޢުވާކުރާނެ ދެ ޤާނޫނެއް މިހިނދު ދިވެހިރާއްޖޭގައި އޮއްވާ ހަމައެކަނި ތޫނު އެއްޗެއް ބޭނުންކޮށްފިނަމަ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ދަޢުވާކޮށް، އެ ނޫން މަރުތަކުގައި ޤާނޫނުލްޢުޤޫބާތުން ދަޢުވާކުރުން އެއީ މިހާރު ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ގޮތް ކަމުގައިވާތީ އެއީ، ޢަމަލު ކުރަން ޖެހޭގޮތް ކަމުގައި ބުނެވިދާނެތޯއެވެ؟
- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ފަސްވަނަ މާއްދާއަށް ގެނެވުނު އިސްލާޙުގެ ފަހުން ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުންގެ މެރުމުގެ މައްސަލަތަކުގައި ދަޢުވާކުރަނީ މި ޤާނޫނުގެ ދަށުން ކަމަށް ވުމަކީ، އެ ޤާނޫނުގެ ދަށުން ދަޢުވާއެއް އުފުލާފައިނުވާ މަރްޔަމް ނަޒާހާގެ މައްޗަށް މި ޤާނޫނު ތަޠުބީޤު ކުރެވިދާނެ ސަބަބެއްތޯއެވެ؟
- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 18 ވަނަ މާއްދާގެ (ރ) ގެ ދެވަނަ ނަންބަރުގައި، ޤާނޫނުލްޢުޤޫބާތުގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު އިސްކަން ދޭންވާނެކަމަށް ބުނާ ޙާލަތު މިމައްސަލަ އަށް ތަޠުބީޤު ކުރެވިދާނެތޯއެވެ؟
މި ސުވާލުތަކުގެ ޖަވާބުގައި ސަމީރު ވިދާޅުވީ، ނަޒާހާގެ މައްޗަށް ކުރިން ކަނޑައެޅުނު އުމުރަށް ޖަލަށް ލުމުގެ އަދަބު ސުޕްރީމް ކޯޓަށް ލުއިކުރެވެން އޮތް ކަމަށެވެ. އެއީ، އެ މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ މައްޗަށާއި، މަރުގެ މައްސަލަތަކުގައި ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް މިހާރު ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު، ފެނުނު ގޮތް ކަމަށް ސަމީރު ވިދާޅުވިއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ހައިކޯޓުގައި މި މައްސަލަ ބެލި ބެންޗުގައި ސަމީރާ އެކު ދެން ހިމެނުނީ އަލްމަރްހޫމް ޝުޢައިބު ހުސެއިން ޒަކަރިއްޔާ، މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް، ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މިހާރުގެ ރައީސް އަބްދުލްގަނީ މުހައްމަދެވެ.
ނަޒާހާ އުމުރަށް ޖަލަށްލީ ޝާހިދުގެ ވާރިސުން ގިސާސް ހިފަން ބޭނުންނުވާ ކަމަށް ދަށު ކޯޓުގައި ބުނުމުންނެވެ. އަދި، އޭނާ އުމުރަށް ޖަލަށްލި ނަމަވެސް ކުރީގެ ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ނަޒާހާގެ އަދަބުން ފަސް އަހަރުގެ ޖަލު ހުކުމް އުނިކޮށް ދެއްވައިފައެވެ.