މިއަދު މެންދުރުފަހު މާލޭގެ މަގުމަތީގައި ހިނގާފައި ދިޔަ އުމުރުން ދުވަސްވީ އަންހެނެއްގެ އަތުން ފޯނެއް ފޭރިގަތް 28 އަހަރުގެ އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.
މި ހާދިސާގެ ސީސީޓީވީ ފުޓޭޖެއް ސޯޝަލްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި ފުޓޭޖުން އެނގޭގޮތުގައި ހާދިސާ ހިނގީ މިއަދުއެވެ.
މި ވީޑިއޯއިން ފެންނަ ގޮތުގައި ކަޅު ކުލައިގެ ޓީޝާޓެއް ލައިގެން ހުރި ފިރިހެނަކު، މަގުމަތީގައި ހިނގާފައި ދިޔަ އުމުރުން ދުވަސްވީ އަންހެނެއްގެ ފަހަތުން ދެއެވެ.
އާދައިގެ ވަރަކަށް ހިނގާފައި ދިޔަ އެ އަންހެންމީހާގެ އަތުން ކުއްލިއަކަށް ފޯނު ޖަހައިގަތުމަށްފަހު އެ ފިރިހެންމީހާ ދުވެ ފިލައެވެ.
މި ވީޑިއޯއާ ގުޅިގެން ފުލުހުން ބުނީ، މާލޭގެ ބޮޑުރަސްގެފާނު މަގުގައި ހުންނަ ގަލޮޅު ސެންޓްރަލް މާޓު ކައިރިން ދިޔަ އަންހެނެއްގެ ފޯނު ފޭރުނު މައްސަލަ ރިޕޯޓުކުރީ މެންދުރުފަހު 3:19 ހާއިރު ކަމަށެވެ.
މި މައްސަލައިގައި އިންޑިއާ ރައްޔިތެއް ކަމަށްވާ ކުލްދީޕް ސިންހް ހައްޔަރުކޮށްފައި ވާކަމަށާއި، އަންހެން މީހާގެ ފޯނު ހޯދާފައިވާ ކަމަށް، ފުލުހުން ބުންޏެވެ.
މިކަމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ވެސް ފުލުހުން ހައްޔަރު ކުރިއެވެ. އެއީ ވެސް އިންޑިއާއަށް ނިސްބަތްވާ ބައެކެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންނެވެ.
ވައްކަމާއި ފޭރުމުގެ މައްސަލަތަކަކީ ރާއްޖޭގައި އާންމު މައްސަލަތަކެކެވެ. މިފަދަ އެތައް މައްސަލައެއް ކޮންމެ މަހަކު ފުލުހަށް ހުށަހަޅެއެވެ.