އިއްޔެއިން ފެށިގެން ސްރީލަންކާގެ ރައްޔިތުން ރާއްޖެ އައުމުން ތިން މަސްދުވަހަށް އޮން އެރައިވަލް ވިސާ ދޫކުރަން ނިންމައިފިއެވެ.
"އެކްސް"ގައި ރޭ ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނީ، މި ނިންމުން ނިންމާފައިވަނީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު ކަމަށެވެ.
https://x.com/ImmigrationMV/status/1950618871985307788
އިމިގްރޭޝަނުން އިތުރަށް ބުނީ، މި އަހަރުން ފެށިގެން ސްރީލަންކާއިން ވެސް ދިވެހި ރައްޔިތުންނަށް ތިން މަސްދުވަހުގެ އޮން އެރައިވަލް ވިސާ ދެމުންދާ ކަމަށާއި، މި ނިންމުންތަކުން ދައްކައިދެނީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ވަރުގަދަ ކަން ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ލަންކާއަށް ބޭސް ފަރުވާއަށް ދާ ދިވެހީންނަށާއި އެ ގައުމުގައި ކިޔެވުމަށް އަދި ވަޒީފާ އަދާކުރުމަށް އުޅޭ ދިވެހީންގެ އަނބިން ނުވަތަ ފިރިންނަށް އެއް އަހަރު ދުވަހުގެ ވިސާ ދިނުމަށް ދާދި ފަހުން ވަނީ ނިންމައިފައެވެ.
ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހީން އެކި ބޭނުންތަކަކަށް ދަތުރުކުރާ ގައުމު ކަމަށްވާއިރު، މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ސްރީލަންކާއިން ވަނީ އެ ގައުމުގެ ޓޫރިސްޓް ވިސާގެ އިންތިޒާމުތަކަށް ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން ވިސާ ފީތައް ބޮޑުކުރިއެވެ.
އެގޮތުން، މިހާރު ވިސާގެ ކަންކަން ދިވެހީންނަށް ހަމަޖެހިފައި އޮންނަ ގޮތުން، އެ ގައުމަށް ދިއުމާ އެކު 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދިވެހީންނަށް ލިބެއެވެ. އެއަށްވުރެ ދިގުމުއްދަތަކަށް އެ ގައުމުގައި މަޑުކުރަން ޖެހޭނަަމަ އޮންލައިންކޮށް ވިސާ އިތުރުކޮށްދިނުމަށް އެދެވޭނެއެވެ.