ކޮރަޕްޝަންގައި ގެއްލުނު ފައިސާ ހޯދީމާ އާންމުން ދަތި ހާލުގައި އުޅޭކަށް ނުޖެހޭނެ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: ދައުލަތުން ގެއްލޭ ފައިސާ އަނބުރާ ހޯދިއްޖެ ކަމުގައިވާ ނަމަ، ރައްޔިތުން ދަތިހާލުގައި ދިރިއުޅެން ނުޖެހޭނެ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ މޫސާ ނަދީމް

ދައުލަތުން ގެއްލޭ ފައިސާ އަނބުރާ ހޯދިއްޖެ ކަމުގައިވާ ނަމަ ރައްޔިތުން ދަތި ހާލުގައި ދިރިއުޅެން ނުޖެހޭނެ ކަމަށާއި އެއްވެސް ސަރުކާރަކުން މިހާތަނަށް ގެއްލުނު ފައިސާ ހޯދަން މަސައްކަތްކޮށްފައިނުވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ރޭ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެ މަނިކުފާނުގެ ޕާޓީ، ޕީއެންއެފްއިން އަމިއްލަފުޅު ގެކޮޅުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، ދައުލަތުގައި ހިނގާ ނުރަނގަޅު ކަންކަން ޒިންމާދާރުކުރުވަން ނިޒާމުގެ ތެރެއިން ކަންކަން ރޭވިފައި އެބަހުރި ކަމަށާއި އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަކީ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ދައުލަތުގެ މާލިއްޔާއިން ފައިސާ ގެއްލޭތޯ ނުގެއްލޭތޯ ބަލަން އޮންނަ މުއައްސަސާކަމަށް ވާއިރު، އޭސީސީއަށް އެހީތެރިކަން ދޭން އޮންނަ މުއައްސަސާއަކީ އޮޑިޓަރު ޖެނެރަލްގެ އޮފީސް ކަމަށެވެ.

ޔާމީން ވިދާޅުވީ، މި ސަރުކާރަށް ދެ އަހަރު ވާއިރު އޮޑިޓަރު ޖެނެރަލްގެ އޮފީހުން ދައުލަތުގެ ބޮޑެތި މުއައްސަސާތަކާއި އިދާރާތައް ހުންނަން ޖެހޭނީ އޮޑިޓްކުރެވިފައި ކަމަށެވެ.

"މުޅި ތަނުގައި ފުލް އޮޑިޓެއް ނުކުރެވޭ ކަމަށް ވަންޏާ ސްޕޮޓް އޮޑިޓް ނަމަވެސް، ނޫނިއްޔާ މި ކަހަލަ ކޮންމެ ވެސް ކަމެއް ކުރެވޭނެ. އެއީ ވަކި މައްސަލައެއް ނޫނީ ވަކި މައްސަލަތަކެއް ނޫނީ ވަކި ޕީރިއަޑެއްގައި ހިނގާފަހުރި ކަންތައްތަކުގައި ގޯސްކޮށް ކަންތައް ހުރިތޯ ބެލެންވާނެ، މި ތަން ވެސް މި އޮތީ އައުޓް އޮން އަ ލިމްބޯ އެނގޭތޯ؟ ހަމަ ޕެރަލައިޒްވެފައި އޮތް ތަނެއް މިއީ،" އެ މަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ގެންދަވަނީ ސިލްސިލާ ޖަލްސާތައް ބާއްވަވަމުން -- ސަން ފޮޓޯ/ މޫސާ ނަދީމް

މި ސަރުކާރަށް ފާޑުވިދާޅުވެ ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ އޭސީސީއާއި އޮޑިޓަރު ޖެނެރަލްގެ އޮފީސް ޖަވާބުދާރީކުރުވަން އޮންނަ ދައުލަތުގެ ބާރު ކަމަށާއި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ މަޖިލީހުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ނަތީޖާއެއްގެ ގޮތުން ހުރިހާ ކަމެއް ވަށާޖެހޭއިރު ފައިދާ ވެސް ގެއްލުން ވެސް ވާނީ ރައީސަށެވެ.

ޔާމީން ވިދާޅުވީ، އެއްވެސް ސަރުކާރަކުން ގެއްލުނު ފައިސާ ހޯދަން މަސައްކަތްކޮށްފައިނުވާ ކަމަށާއި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އެއްވެސް މުއައްސަސާއަކުން ފައިސާ ހޯދަން މަސައްކަތްކޮށްފައިނުވާ ކަމަށެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި ވެސް ގެއްލުނު ފައިސާ ހޯދަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި، އަމުދުން މި ސަރުކާރުން އެ ފައިސާ ހޯދަން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"އެހެންވީމާ ކޮރަޕްޝަންގެ ވާހަކައަކީ އަޅުގަނޑުމެން ހަމަ، އިޓްސް އަ މައުތްފުލް.. އަނގަފުރާ ބުނާ ވާހަކައެއް، މިއަކު އެ ވާހަކަ ދައްކާ ސަރުކާރުގެ ލީޑަރެއް ސަރުކާރުގެ ސިޔާސީ ލީޑަރެއް ސަރުކާރުގެ ވެރިއެއްގެ އެއްވެސް ކަހަލަ ސިންސިއާ އިންޓެންޝަނެއް ނޯވޭ،" އެ މަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ރައްޔިތުންނަށް އުނދަގޫވަނީ ކޮރަޕްޝަންގެ މައްސަަތަކުގައި ދައުލަތުން ފައިސާ ގެއްލިގެން އެކަނި ނޫން ކަމަށާއި ފައިސާތައް ހޯދައިދީފައި ނެތުމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެކަމު ދައުލަތުގެ ޚަޒާނާއިން ގެއްލޭ ފައިސާ އަނބުރާ ހޯދައިފިކަމަށްވަންޏާ މިއަދު މި އުޅޭ ހާލުގައި މީހުން އުޅޭކަށް ނުޖެހޭނެ،" ޔާމީން ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ތާރީޚުގައި ހިނގި އެންމެ ބޮޑު އެއް ވައްކަން ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިނގީ ޔާމީންގެ ވެރިކަމުގައެވެ. އެ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް މިދިޔަ ސަރުކާރުގައި ވަނީ ފަތުރުވެރިކަމަށް ބައެއް ރަށްރަށް ދޫކޮށްފައި ލިބުނު ފައިސާ ޔާމީންގެ އަތްޕުޅުގައި ހުރި ކަމަށް ބުނެ ދައުވާ ވެސް ކޮށްފައެވެ. މިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ޔާމީނަށް ވާދަނުކުރެއްވުނީ ވ. އާރަށް މައްސަލައިގައި ދަށު ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުންނެވެ.

އެކަމަކު، އިންތިޚާބު ނިމުނު ފަހުން ހައިކޯޓުން ވަނީ އެ މައްސަލައިގައި ދަށު ކޯޓު މަރުހަލާގައި ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަކޮށް މައްސަލަ އަލުން ބަލަން އަންގައި، ޔާމީން މިނިވަންކޮށްފައެވެ. އޭގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދިން މައްސަލައިގައި ވެސް ފަސް އަހަރު ދުވަހުގެ ހުކުމެއް ޔާމީނަށް އިއްވިއެވެ. އެ މައްސަލައިން އެ މަނިކުފާނު ސަލާމަތްވީ ސުޕްރީމް ކޯޓު މަރުހަލާއިންނެވެ. މިހާރު ވެސް އެ މަނިކުފާނަށް ތުހުމަތުކުރެވޭ އިތުރު ކޮރަޕްޝަނާއި މަނީލޯންޑްރިންގެ ދައުވާއެއް އެބަ ހިނގައެވެ.

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އެ މަނިކުފާނަށް އިދިކޮޅު ފަރާތްތަކުން ކުރެއެވެ. އެކަމަކު، ޔާމީން ގެންދަވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި އެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

comment ކޮމެންޓް