300 އެއްހާ މީހުންނާއެކު، އެމްޑީޕީގެ "ރަން ރީނދޫ" ދުވުން ބާއްވައިފި

300 އެއްހާ މީހުންނާއެކު، ބޭއްވި އެމްޑީޕީގެ "ރަން ރީނދޫ" ހިނގާލުމުގެ ތެރެއިން: މި ހިނގާލުމުގައި ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި --- ސަންފޮޓޯ/ މޫސާ ނަދީމް

އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ 20ވަނަ އަހަރީ ދުވަސް ފަހަގަކުރުމަށް ތިން ސަތޭކަ އެއްހާ މީހުންނާ އެކު، "ރަން ރީނދޫ"ގެ ނަމުގައި ދުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހަވީރު 05:00ހާއިރު ފެށި މި ދުވުން ކުރިއަށް ގެންދިޔައީ ހުޅުމާލެ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގެ އެއް ލޭނުގައެވެ. އެ ސަރަހައްދުގެ އަމާންކަން ބެލެހެއްޓުމަށް ފުލުހުން ވެސް ހަރަކާތްތެރިވެފައިވެއެވެ.

އެމްޑީޕީގެ 'ރަން ރީނދޫ' ހިނގާލުމުގައި ޕާޓީގެ އިސްވެރިން: މި ހިނގާލުމުގައި 300 އެއްހާ މީހުން ބައިވެރިވި ---- ސަން ފޮޓޯ/ މޫސާ ނަދީމް

މި ދުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ހިމެނޭހެން ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އޭގެއިތުރަށް، ތިން ސަތޭކަ އެއްހާ މީހުން ބައިވެރިވި، މި ހަރަކާތުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފަންސަވީހަކަށް މިނެޓަށް ކުރިއަށް ގެންދިޔަ މި ދުވުމުގައި ނާޒިލް ވިދާޅުވީ، މިދިޔަ 20 އަހަރު ތެރޭ ޕާޓީ ދެމިއޮތީ އެމްޑީޕީގެ އާންމު މެންބަރުންގެ މަސައްކަތާ އެކީގައި ކަމަށެވެ.

އެމްޑީޕީގެ ހިނގާލުން ކުރިއަށް ގެންދިޔަ ވަގުތު ފުލުހުން އެ ސަރަހައްދުގެ ޓެރްފިކް ބަލަހައްޓަނީ: ހިނގާލުން ކުރިއަށް ގެންދިޔައީ ޕާކު ވަށައިގެން ---- ސަން ފޮޓޯ/ މޫސާ ނަދީމް

އުންމީދަކީ ކުރިއަށް އޮތް ތަނުގައި ޕާޓީއަށް ހީނަރުކަމެއް ނައުން ކަމަށާއި އާންމު މެންބަރުންގެ މަސައްކަތުން ޕާޓީއަށް އިތުރު ކުރިއެރުންތަކެއް ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

އޭގެއިތުރުން، މި ދުވުމުގައި ފައްޔާޒް ވިދާޅުވީ، އެންމެ ވަރުގަދަ އަމާޒަކީ ޕާޓީ ވަރުގަދަ ކުރުން ކަމަށާއި މި ހާލަތުގައި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާނީ ތަފާތު ގޮތްތަކަށް ކަމަށެވެ.

އެމްޑީޕީގެ ބްރޭންޑު މިހާރަށް ވުރެ ހަރުދަނާ ކުރުމުގެ މަސައްކަތުގެ ތެރެއިން ލޯކަލް ކައުންސިލް އިންތިޚާބާއި އެހެނިހެން އިންތިޚާބުތައް ކާމިޔާބު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީން ކުރިއަށް ގެންދިޔަ 'ރަން ރީނދޫ' ހިނގާލުމުގެ ތެރެއިން: މި ހިނގާލުން ކުރިއަށް ގެންދިޔައީ ސެންޓްރަލް ޕާކު ވަށައިގެން އެއް ލޭނުގައި --- ސަން ފޮޓޯ/ މޫސާ ނަދީމް

"މިއަދުގެ ޔަންގް ޖެނެރޭޝަނާއި އަލުން ސިޔާސީ ކަންކަމަށް ފޯރި ގެނައުމަކީ ވަރަށް މުހިންމު ކަމަކަށް އެބަވޭ. އެއީ ރައްޔިތުންގެ ހައްގު ހިމާޔަތްކޮށް ހިފެހެއްޓޭނީ ވާދަވެރި ސިޔާސީ ނިޒާމެއް އޮވެގެން" ފައްޔާޒް ވިދާޅުވިއެވެ.

އިތުރަށް ފައްޔާޒް ވަނީ، ޕާޓީގެ އެތެރެއާއި ބޭރުގައި ހަރަކާތްތައް ހިނގާއިރު، މެންބަރުން ސާބިތުވެ ތިބުމަށް ގޮވާލައްވާފައެވެ. އަދި، ރައްޔިތުންގެ ބާރުވެރިކަން ހިފަހައްޓައި، ދެމެހެއްޓުމަށް ޓަކައި އެމްޑީޕީގެ ލީޑަޝިޕުން ކުރާ މަސައްކަތްތަކުގައި ޕާޓީގެ މެންބަރުންގެ ބައިވެރިވެވަޑައިގަތުމަށް ފައްޔާޒް ގޮވާލެއްވިއެވެ.

މި ހަރަކާތް އެންމެ ފުރަތަމަ ބާއްވަން އެމްޑީޕީން ނިންމީ މިދިޔަ މަހުގެ 18ގައެވެ. ނަމަވެސް، ހުޅުމާލެ ސެންޓްރަލް ޕާކުގައި ސިޔާސީ ހަރަކާތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ހުއްދަ ދީފައިނުވުމުގެ ސަބަބުން އެ ދުވުން މާލޭ މަޖީދީ މަގުގައި މިދިޔަ މަހުގެ 25ގައި ބޭއްވުމަށް ނިންމިއެވެ.

އެ ނިންމުން ބަދަލުކުރީ މިއަދު ސެންޓްރަލް ޕާކުގައި ދުވުން ބޭއްވުމަށް ފުލުހުން ހަމަޖައްސައިދިނުމުންނެވެ

comment ކޮމެންޓް