ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އޮގަސްޓު އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާން ދެ ދުވަހަށް ވެއްޖެއެވެ.
އެ ޔުނިވާސިޓީން ބުނީ، ކޯސްތަކަށް ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ އަންނަ އަންގާރަ ދުވަހުގެ 14:00ގެ ނިޔަލަށް ޕޯޓަލް މެދުވެރިކޮށެވެ.
އެމްއެންޔޫއިން ދަނީ، މިހާރު ޖާގަ ލިބެން ހުރި ކޯސްތަކުގެ ލިސްޓު ޔުނިވާސިޓީ ވެބްސައިޓުގައި އާންމުކުރަމުންނެވެ. އަދި، ލިސްޓަށް ބަދަލު އަންނަ ވަރަކުން އެމްއެންޔޫއިން އެކަން ހާމަކުރާނެ ކަމަށް ބުނެފައިވެއެވެ.
މި އިންޓޭކުގައި 150އަށް ވުރެ ގިނަ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.
ކޯސްތަކާ ގުޅޭ އިތުރު މައުލޫމާތު މެއިލް މެދުވެރިކޮށާއި 3345155އަށް ގުޅައިގެންނާއި ވެބްސައިޓު މެދުވެރިކޮށް ލިބޭނެ ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.