ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުނުކޮށް، ފުލެޓުތައް ދެމުން ދަނިކޮށް ނަންތަކެއް ހޯލްޑުކުރުމުން އެކަމުގައި 'ވާނުވާގައި' ތިބެން ޖެހުމުގެ ކަންބޮޑުވުން ބޮޑުވެއްޖެއެވެ.
އިއްޔެ ވަނީ މައްސަލަތަކެއް ހުރި ލިސްޓެއް ހައުސިން މިނިސްޓްރީން ފަހި ދިރިއުޅުން ކޯޕަރޭޝަން(އެފްޑީސީ)އަށް ފޮނުވުނުކަން އެކޯޕަރޭޝަނުގެ ސަމާލުކަމަށް އައިސްފައެވެ. އެހެންވެ، 100 މީހުން ހަމަނުވާ އެ ލިސްޓުގައި ހިމެނޭ މީހުންގެ ފުލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން ވަނީ މެދުކަނޑަލާފައެވެ.
އެ ކަމާ ގުޅިގެން ފުލެޓާއި ގޯތީގެ މައްސަލައިގައި ވަކާލާތުކުރާ ޖަމިއްޔާ ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރު 'ސަން'އަށް ވިދާޅުވީ، އެ މައްސަލަ ދިމާވި ދެ މީހެއްގެ ޕޯޓަލް ބެލި ކަމަށެވެ.

ފަހި ޔޫނިއަންގެ މެންބަރުންތަކެއް: އެ ޔޫނިއަނުން ވަނީ، މައްސަލަތަކެއް ހުރި ކަމަށް ބުނެ، ބައެއް މީހުންނަށް ފުލެޓު ދިނުން މެދުކަނޑާލުމުން ކަންބޮޑުވުން ފާޅުކޮށްފައި -- ސަން ފޮޓޯ
ނޫރު ވިދާޅުވީ، އެ ޕޯޓަލްގައި އިންނަނީ ވަރަށް ބޮޑަށް މައާފު ކުރުމަށް ބުނެ ލިޔެފައިވާ ލިޔުންކޮޅެއް ކަމަށާއި ނަން ޕެންޑިންއަށް ގޮސްފައިވާ ކަމަށެވެ. އަދި، އެ މީހުން އެއްބަސްވުންތަކުގައި ސޮއިކުރަން ދިޔުމުން ހައުސިން މިނިސްޓްރީއާ ވާހަކަދައްކައިގެން ކުރިއަށް ގެންދަން އެފްޑީސީން އިރުޝާދު ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ބައެއް ނަންތައް ހޯލްޑުކުރުމުގެ ކަންބޮޑުވުން ފާޅުކުރައްވައި އޭނާ ވިދާޅުވީ، އެއީ ވަރަށް ދެރަވަރުގެ ކަމެއް ކަމަށެވެ. މިގޮތުން، ބޯހިޔަވާހިކަމެއް ލިބޭނެ ކަމަށް ގިނަ ޒަމާންތަކެއް ވަންދެން އުންމީދުކުރަނިކޮށް، ނަންތަކެއް ހޯލްޑުކުރުމުން އެ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުންނާނެކަން ނޫރު ފާހަގަކުރެއްވިއެވެ.
[ފުލެޓު އެއްބަސްވުމުގައި ސޮއިނުކޮށް މަޑުޖައްސާލުމުން] ވަރަށް ބޮޑަށް ކަންބޮޑުވާނެ. ވަރަށް ހާސްވާނެ. ބައެއް ބޭފުޅުން ނަފުސާނީ މައްސަލަ ވެސް ދިމާވާނެ. ޑިޕްރެޝަނަށް ވެސް ދާނެ. އެއީ މިކަމުގެ ގޮތުން، މިއީ ބޯހިޔާވަހިކަން. އެންމެ ބޭސިކް ނީޑް،ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރު
އެހެންވެ، ނޫރު އިލްތިމާސްކުރެއްވީ މައްސަލަތަކެއް ހުރެގެން ނަމަވެސް އެފްޑީސީން ނަންތަކެއް ހޯލްޑްރާނަމަ، އެކަމުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ދިނުމަށެވެ.

އެފްޑީސީން އަޅާ ފުލެޓުތައް: ފަހި ޔޫނިއަނުން ވަނީ، މައްސަލަތަކެއް ހުރި ކަމަށް ބުނެ، ބައެއް މީހުންނަށް ފުލެޓު ދިނުން މެދުކަނޑާލުމުން ކަންބޮޑުވުން ފާޅުކޮށްފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު
މައްސަލަތަކެއް ހުރި ލިސްޓުގައި ހިމެނޭ ބައެއް މީހުންގެ ފުލެޓު ދިނުން މެދުކަނޑާލިއިރު، އެ ލިސްޓުގައި ހިމެނެނީ ކިހާ މީހުންނެއް ކަމެއް އެފްޑީސީން ހާމައެއް ނުކުރެއެވެ. އެކަމަކު، ބައެއް މީހުން ބުނާ ގޮތުގައި، ފުލެޓު އެއްބަސްވުމުގައި ސޮއިކުރުން މެދުކަނޑާލީ ފްލެޓު ލިބޭނެ ކަމަށް ބުނެފައި ތިބި މީހުންތަކެކެވެ.
މި މައްސަލައިގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އިއްޔެ ވިދާޅުވީ، ފްލެޓަށް ހުށަހަޅާފައި ހުރި މީހުންގެ ލިސްޓު އެފްޑީސީއަށް ފޮނުމުގެ ކުރިން އެ މީހުންގެ ލިޔުންތަކުގެ ސައްހަކަން މިނިސްޓްރީން ކަަށަވަރުކުރާނެ ކަމަށެވެ.
ނަމަވެސް، މައްސަލަތަކެއް ހުރި ނަންތަކެއް ހިމެނޭ ލިސްޓެއް އެ ކޯޕަރޭޝަނަށް މިނިސްޓްރީން ފޮނުވުނުކަން ސަމާލުކަމަށް އައިސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ފުލެޓްތައް ދޫކުރަން އެއްބަސްވުމުގައި ސޮއިކުރުން: ފަހި ޔޫނިއަނުން ވަނީ، މައްސަލަތަކެއް ހުރި ކަމަށް ބުނެ، ބައެއް މީހުންނަށް ފުލެޓު ދިނުން މެދުކަނޑާލުމުން ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ/ އެފްޑީސީ
މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، ފޯނަށް ޖަވާބުނުދޭތީ ލިބިފައެއް ނުވެއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަން ނިމެން ގާތްވެފައިވަނިކޮށް 4،000 ފުލެޓް ހައްގުވާ މީހުންގެ ލިސްޓު ނެރުނު ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ ފުލެޓު ދިނުން ހުއްޓުވައިފައެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ލިސްޓު މުރާޖާ ކުރުމަށް ފަހު، އާ ލިސްޓު ނެރުނީ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން މިދިޔަ ފެބްރުވަރީ މަހެވެ.
އެ ލިސްޓަށް ވެސް ގިނަ ބަޔެއްގެ ޝަކުވާ އަމާޒުވެފައި ވަނިކޮށް، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ފުލެޓުތައް ދޭނީ ކުރީ ސަރުކާރުގެ ދާއިމީ ލިސްޓަށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އެ ލިސްޓު މިހާތަނަށް ގެޒެޓުކޮށްފައި ނުވެއެވެ.
އެގޮތުން، އެކަން ކުރިއަށްދާ ގޮތަކީ ފުލެޓް ލިބޭ މީހުންގެ މައުލޫމާތު ހައުސިން މިނިސްޓްރީން އެފްޑީސީއަށް ދެނީއެވެ. އަދި، އެ މައުލޫމާތު ދިން ކަމުގެ މެސެޖެއް އެ މީހެއްގެ ގެދޮރުވެރިންގެ ޕޯޓަލްއަށް ފޮނުވައެވެ.
އެފްޑީސީން ބުނީ، ފުލެޓް ލިބޭ މީހުންނަށް އެއްބަސްވުމުގައި ސޮއިކުރުމަށް ދާން ޖެހޭ ދުވަހާއި ގަޑި އެފްޑީސީގެ "ފަހި ޕޯޓަލް" މެދުވެރިކޮށް އަންގާނެ ކަމަށެވެ.
މުއްތަލިބު ވިދާޅުވީ، 4،000 ފުލެޓުގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފުލެޓުގައި ކަމަށާއި، އަމާޒަކީ ސެޕްޓެންބަރު މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއްގެ މަސައްކަތް ނިންމުން ކަމަށެވެ.