ހުޅުމާލެ ނުހިއްކައި، ފުށިދިއްގަރު ފަޅަށް އިސްކަން ދިނުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް: ޔޫނިއަން

ހުޅުމާލޭ ފޭސް ތިނެއް ޔޫނިއަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން: އެޔޫނިއަނުން ވަނީ މާލެ ސަރަހައްދުން ހިއްކަން ޖެހޭ ބިންތައް ނުހިއްކާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި --- ސަން ފޮޓޯ/ މޫސާ ނަދީމް

ކުރީ ސަރުކާރުން ގޯތި ދޭން ކަނޑައަޅައިފައިވާ ހުޅުމާލޭ ތިން ވަނަ ފިޔަވަހި ނުހިއްކައި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކަން އިސްކަންދިނުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް، ހުޅުމާލޭ ތިން ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ މީހުންގެ ހައްގުގައި މަސައްކަތް ކުރާ ޔޫނިއަނުން މިއަދު ބުނެފިއެވެ.

'ހުޅުމާލެ ފޭސް 3 ޔޫނިއަން'އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، މި ސަރުކާރު އައުމާ އެއްކޮށް ފެނުނީ ހުޅުމާލޭ ތިން ވަނަ ފިޔަވަހި ހިއްކުން ހުއްޓާލި މަންޒަރު ކަމަށެވެ. އަދި، ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް އައު ޑްރެޖަރު ގެނައުމާއި އަލުން އެ މަސައްކަތް ފަށާތަން ދެއްކި ނަމަވެސް މިއަދާ ހަމައަށް އޮތީ އެކަށީގެންވާ ވަރަށް ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޔޫނިއަނުން ވަނީ، އުތުރުތިލަފަޅާއި ގިރާވަރުފަޅު ނުހިކި އޮތީ މި ސަރުކާރުގެ އިހުމާލުން ކަމަށް ތުހުމަތުކޮށްފައެވެ.

ހުޅުމާލޭ ފޭސް ތިނެއް ޔޫނިއަންގެ މެންބަރުން: އެ ޔޫނިއަނުން ބުނީ، ހުޅުމާލެ ފޭސް ތިނެއް ނުހިއްކައި، ފުށިދިއްގަރު ފަޅަށް އިސްކަން ދިނުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް ---- ސަން ފޮޓޯ/ މޫސާ ނަދީމް

އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަވަސް ކުރަން އެބަ ޖެހޭ. އެއީ އެއް އަހަރު ދުވަހުގެ ތެރޭގައި ހިއްކާ ނިންމައި ގޯތި ހަވާލުކުރާނަމޭ ބުނި މުއްދަތު ވެސް މިހާރު މިއޮތީ ފާއިތުވެގެން ގޮސްފައި. އެހެންވީމައި އެކަން ބާއްވާފައި ފުށިދިއްގަރު ފަޅުގެ މަސައްކަތުގައި އުޅުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް

އެ މަޝްރޫއުތަކަކީ މާލެ ސަރަހައްދުގައި އުޅޭ ގިނަ ބަޔެއްގެ އުންމީދާ ގުޅިފައިވާ ކަމެއް ކަމަށާއި މާލެ ސަރަހައްދުން ހިއްކަން ޖެހޭ ބިންތައް ނުހިއްކައި، އެހެން މަޝްރޫއުތަކަށް ޚަރަދުކުރުމަކީ ރައްޔިތުންނާއި އިގުތިޞާދަށް ވެސް ލިބޭނެ ގެއްލުމެއް ކަމަށް އަލީ ވިދާޅުވިއެވެ.

އެ ތަންތަނުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުނުކޮށް ވިޔަސް، ބިންތައް ހިއްކައިގެން ގޯތިތައް ވީއެންމެ އަވަހަކަށް ހަވާލުކުރުމަށް އެ ޔޫނިއަނުން ވަނީ ގޮވާލާފައެވެ. އެ ގޯތިތައް ދިނުމަށް ފަހު ނޫނީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ނުކުރުމަށް އެޔޫނިއަނުން ވަނީ އެދިފައެވެ.

ހުޅުމާލޭ ފޭސް ތިނެއް ޔޫނިއަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން: އެޔޫނިއަނުން ވަނީ މާލެ ސަރަހައްދުން ހިއްކަން ޖެހޭ ބިންތައް ނުހިއްކާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި --- ސަން ފޮޓޯ/ މޫސާ ނަދީމް

އޭގެއިތުރަށް، އުތުރުތިލަފަޅާއި ގިރާވަޅުފަޅާއި ހުޅުމާލޭ ފޭސް ތިނެއް ހިއްކަން ޚަރަދުވާނީ ގިނަވެގެން 60 މިލިއަން ޑޮލަރު ކަމަށް އެ ޔޫނިއަނުން ބުނެއެވެ.

ހުޅުމާލޭ ފޭސް ތިނެއް ހިއްކުމަށް ގޮވާލިއިރު، މިދިޔަ މާޗު މަހު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ އަމާޒަކީ އެ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ މަހުގެ ތެރޭ ނިންމުން ކަމަށް ބުނެފައެވެ. ނަމަވެސް އެ މަސައްކަތް ނިމުނުކަން އެ ކޯޕަރޭޝަން މިހާތަނަށްވެސް އިއުލާނުކޮށްފައިނުވެއެވެ.

https://sun.mv/203511

ހުޅުމާލެ ފަޅުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާއެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަނިކޮށް މަސައްކަތް ވަގުތީ ގޮތުން ހުއްޓާލީ، ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުންދާކަމަށް ފާހަގަކުރެވިގެން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އީޕީއޭގެ އާއްމު އިއުލާނަކުން މިދިޔަ އަހަރު އެންގުމާ ގުޅިގެންނެވެ. އެއިރު 23 ހެކްޓަރުގެ ބިން އޮތީ ހިއްކައިފައެވެ.

އެއަށްފަހު މަޝްރޫއު އަލުން ފަށަން އީޕީއޭއުން މިދިޔަ އަހަރުގެ ޖޫން 25ގައި ހުއްދަ ދިނުމުން އެ މަސައްކަތް އަލުން ވަނީ ފަށައިފައެވެ. އޭގެ މަދު ދުވަސްކޮޅެއް ފަހުން އަނެއްކާ ވެސް އެ މަސައްކަތް މެދުކެނޑުނެވެ.

އޭގެފަހުން، އެޗްޑީސީން މާޗު މަހު ބުނީ މަސައްކަތް ހުއްޓުމާ ހަަމައަަށް ފޭސް ތިނަކުން ޖުމްލަ 24 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާކަމަށެވެ.

އެ މަޝްރޫއުގެ ބިން ހިއްކުން މަޑުޖެހުނީ މަޝްރޫއުގެ ސްކޯޕަށް ބަދަލުތަކެއް އައުމާއެކު ކޮންޓްރެކްޓަރާއެކު އިތުރު މަޝްވަރާތަކެއް ކުރާތީ ކަމަށް އޭރު އެޗްޑީސީން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި އިއުލާންކުރި ބިންވެރިޔާ ސްކީމްގެ ދަށުން ނިންމައިފައި އޮތީ ހުޅުމާލެ ދެއަކައި ތިން ވަނަ ފިޔަވައްސާއި ގުޅިފަޅާއި ގިރާވަރު ފަޅުން މާލޭ މީހުންނަށް ގޯތި ދިނުމަށެވެ.

comment ކޮމެންޓް