ފުވައްމުލަކުގައި ސައިކަލެއް ފާރަކާއި މަގުބައްތިއެއްގައި ޖެހި، 17 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ފުވައްމުލަކު ސިޓީ: ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި، 17 އަހަރުގެ ކުއްޖަކު ވަނީ މަރުވެފައި -- ފޮޓޯ/ އެމްޓީސީސީ

ފުވައްމުލަކު ސިޓީގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެކްސިޑެންޓު ހިނގީ ފުނާޑު، ހުސްނުހީނާ މަގުގައި ކަމަށެވެ. އެގޮތުން ކުއްޖާ ދުއްވާފައި ދިޔަ ސައިކަލު ފާރެއްގައި ޖެހި، ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުގައި ހުރި މަގުބައްތިއެއްގެ ހޮޅިދަނޑީގައި ޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާ ރިޕޯޓުކުރީ ރޭ 2:40 ހާއިރެވެ. އެ އެކްސިޑެންޓު ހިނގި ވަގުތު ސައިކަލް ދުއްވަން އިން 17 އަހަރުގެ ފިރިހެން ކުއްޖާ ރޭ 3:38 ހާއިރު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރު 2،885 އެކްސިޑެންޓް ހިނގައިފައިވާއިރު، މި އަހަރުގެ މިހާތަނަށް 1،725 އެކްސިޑެންޓް ހިނގައިފައިވެއެވެ.

comment ކޮމެންޓް